ފަލަސްތީނުގެ ޒުވާން ޓީމުގެ ޝަރަފުގައި ރައީސްގެ ދެކަނބަލުން ފަރިއްކޮޅެއް ދެއްވައިފި
ފަލަސްތީނުގެ ޒުވާން ޓީމުގެ ޝަރަފުގައި ރައީސްގެ ދެކަނބަލުން ފަރިއްކޮޅެއް ދެއްވައިފި

އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމަށް މިހާރު ރާއްޖޭގައި ޓްރޭނިން އަށް ކޭމްޕްކޮށްގެން ތިބި ފަލަސްތީނުގެ ޒުވާން ޓީމުގެ ޝަރަފުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަބަލުން ސާޖިދާ މުހައްމަދު މެންދުރުގެ ފަރިކޮޅެއް މިއަދު ބާއްވަވައިފި އެވެ.

ފަލަސްތީނުގެ ޒުވާން ޓީމުގެ ޝަރަފުގައި ރައީސްގެ ދެކަނބަލުން ފަރިއްކޮޅެއް ދެއްވައިފި
ފަލަސްތީނުގެ ޒުވާން ޓީމުގެ ޝަރަފުގައި ރައީސްގެ ދެކަނބަލުން ފަރިއްކޮޅެއް ދެއްވައިފި

ހޮޓެލް ޖެންގެ ބޯލް ރޫމުގައި ބޭއްވި ޖާފަތުގައި ރާއްޖޭގެ 17 އަހަރުންދަށުގެ ޓީމު ވެސް ބައިވެރިވި އެވެ.

ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ހޯމް މެޗުތަކާއި ތަމްރީނުތައް ބާއްވަނީ އެހެން ގައުމުތަކުގަ އެވެ. ފަލަސްތީން ޓީމުގެ ޓްރޭނިން ކޭމްޕް ރާއްޖޭގައި ބާއްވައިދިނުމަށް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން، އެފްއޭއެމްގެ ކިބައިން އެދުމުން، އެ އިންތިޒާމުތައް ސަރުކާރުގެ ހަރަދުގައި ވަނީ ހަމަޖައްސައިފަ އެވެ.

ފަލަސްތީން ޓީމު ޓްރޭނިން ކޭމްޕް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ގާތްގަނޑަކަށް 546،000ރ. ހޭދަކުރާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ ވިދާޅުވެފަ އެވެ.

ޓްރޭނިން ކޭމްޕްގައި ފަލަސްތީނުގެ ޓީމުން ވަނީ ރާއްޖޭގެ 17 އަހަރުންދަށުގެ ޓީމާ ދެކޮޅަށް ދެ މެޗު ކުޅެފަ އެވެ. އެ ދެ މެޗަށް ހާއްސަކޮށް އެފްއޭއެމުން ތައްޔާރު ކުރި ސްވެނިއާ ޓިކެޓް ރައީސް މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބައްލަވައިގެންނެވި އެވެ.

އެ ޓިކެޓް ވިއްކައިގެން ލިބުނު ހުރިހާ ފައިސާއެއް ހަދިޔާކުރާނީ ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ކަމަށް އެފްއޭއެމުން ބުންޏެވެ.

އޭޝިއަން ކަޕް 17 އަހަރުންދަށުގެ ކޮލިފައިންގައި ފަލަސްތީން ހިމެނޭ ގުރޫޕް ޑީގެ މެޗުތައް ކުޅޭނީ އިންޑިއާގަ އެވެ. ޓްރޭނިން ކޭމްޕް ނިންމައި ފަލަސްތީނުގެ ޓީމު އިންޑިއާ އަށް ފުރާނީ މާދަމާ އެވެ.

އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހު 30 ނިޔަލަށް ކުޅޭ ކޮލިފައިންގެ އެ ގުރޫޕްގައި ފަލަސްތީނާއި އިންޑިއާގެ އިތުރުން ދެން ހިމެނެނީ އިރާނާއި ޗައިނީޒް ޓައިޕޭ އަދި ލުބުނާނެވެ.

ރާއްޖެ ކުޅޭ ކޮލިފައިން މެޗުތައް ކުރިއަށް ގެންދާނީ ތައިލެންޑްގަ އެވެ. ރާއްޖޭގެ ގުރުޕުގައި ތައިލެންޑްގެ އިތުރުން ދެން ހިމެނެނީ ތުރުކްމެނިސްތާނާއި ކުވޭތެވެ. ރާއްޖޭގެ ޓީމުން ވެސް މާދަމާ ތައިލެންޑަށް ދާން ފުރާނެ އެވެ.