ބަޖެޓްގެ ފުރަތަމަ ބަހުސް މަރުހަލާ ނިންމާލައިފި
ބަޖެޓްގެ ފުރަތަމަ ބަހުސް މަރުހަލާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ފުރަތަމަ ބަހުސް މަރުހަލާ ރައްޔިތުންގެ މަޖިލީހުން ނިންމާލައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މަޖިލީހުން ބަޖެޓުގެ ބަހުސް ފެށީ މިދިޔަ ހަފްތާގަ އެވެ. އެ ބަޖެޓަށް ބަހުސްކުރަން މަޖިލީހުގެ ކޮންމެ މެމްބަރަކަށް ގިނަވެގެން 15 މިނެޓުގެ ވަގުތެއް ކަނޑައަޅާފައިވެ އެވެ.

ބަޖެޓްގެ ފުރަތަމަ ބަހުސް މަރުހަލާ މިއަދު ނިންމާލިއިރު، ބައެއް މެންބަރުން ވަނީ ހަރަދު ކުރުމުގައި ގެންގުޅޭ ގޮތްތައް ބަދަލުކުރަން ޖެހޭކަން ފާހަގަ ކުރައްވައިފަ އެވެ. އަދި އަންނަ އަހަރު ކުރަން ނިންމާފައިވާ ބައެއް ހަރަދުތަކުން އިގްތިސާދަށް ކުރިމަތިވެދާނެ ލޮޅުންތަކަށް ވިސްނައިގެން ކަންކަން ކުރުމަށް ގޮވާލާފައިވެ އެވެ.

ބަޖެޓް ބަހުސްގައި މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަދި ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމް ވަނީ ސަރުކާރުން ދޭ ބައެއް ސަބްސިޑީތައް މަހުޖަނުންނަށް ދިނުން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ވަކި ވަރަކަށް ވުރެ އިތުރަށް އާމްދަނީ ލިބޭނަމަ، އެހީ ދޭން ނުޖެހޭ ކަމަށެވެ.

މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކުން އެދެމުންދާ ގޮތަށް ސަރުކާރުން ހަރަދު ކުރަންޖެހޭ ކަމަށާއި އެކަމަކު ސަރުކާރުން އެ އުސޫލުން ކަންކަން ކުރަމުން ގެންދާތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހަރަދު ކުޑަ ކުރުމަށްޓަކައި ސިޔާސީ މުވައްޒަފުން ނެގުން ހުއްޓާލަން ޖެހޭ ކަމަށާއި އެކަމަކު ސަރުކާރުން އެކަން ހުއްޓާނުލާ ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ފުރަތަމަ މަރުހަލާ ނިންމާލިއިރު، ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ގެންދަނީ ބަޖެޓާ ގުޅޭގޮތުން އެކި އިދާރާތަކާއެކު މަޝްވަރާ ކުރަމުންނެވެ. އެހެންވެ، ކޮމިޓީ މަރުހަލާ ނިމުމުން އަނެއްކާވެސް ބަޖެޓާ ގުޅޭގޮތުން ބަހުސް ކުރުމަށް މެންބަރުންނަށް މަޖިލީހުގެ ތަޅުމުގައި ފުރުސަތު ލިބޭނެ އެވެ.

ބަޖެޓުގެ މުހިއްމު އަދަދުތައް

• ޖުމްލަ ބަޖެޓް: 64 ބިލިއަން ރުފިޔާ

• ޖުމްލަ ހަރަދު: 49.2 ބިލިއަން ރުފިޔާ

• ޖުމްލަ އާމްދަނީ: 40.4 ބިލިއަން ރުފިޔާ

• ރިކަރަންޓް ހަރަދު: 39.9 ބިލިއަން ރުފިޔާ

• ޑެފިސިޓް: 8.8 ބިލިއަން ރުފިޔާ

• ޖީޑީޕީ ކުރިއަރާ މިންވަރު: 5.3 ފަސެންޓް