ބިއޯންޑުން އާ މަންޒިލްތަކަށް ދަތުރުތައް ފަށަން މަސައްކަތް ކުރަނީ
ބިއޯންޑުން އާ މަންޒިލްތަކަށް ދަތުރުތައް ފަށަން މަސައްކަތް ކުރަނީ

ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލެޝާ އެއާލައިން ކަމަށްވާ "ބިއޯންޑް" އިން އަންނަ އަހަރު މުޅިން އާ ހަތަރު މަންޒިލަކަށް ދަތުރުތައް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

އެ އެއާލައިނުން ބުނީ އާ މަންޒިލްތަކަކަށް ދަތުރު ފެށުމުގެ ހުއްދަ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން ޗައިނާ އާއި ސައުތު ކޮރެއާ އާއި ވިއެޓްނާމްގެ އިތުރުން ތައިލޭންޑާއި އިންޑިއާ އާއި ފްރާންސާއި އިޓަލީ އަދި ޔޫކޭއަށް އެއާލައިންގެ ދަތުރުތައް ފެށުމަށް ބޭނުންވާ ހުއްދަ ހޯދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ބުންޏެވެ. އަދި އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި އޭގެ ތެރެއިން ހަތަރު މަންޒިލަކަށް ދަތުރު ކުރުމުގެ ހުއްދަ ހޯދުން ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

"ބިއޯންޑް" އިން އަންނަ އަހަރަށް އާ މަންޒިލްތަކަކަށް ދަތުރު ފެށުމުގެ މަސައްކަތް ކުރަމުން ދާއިރު، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 22 ފްލީޓް އިތުރުކޮށް، އެއާލައިނުގެ މަސައްކަތްތައް ފުޅާކޮށް، ދުނިޔޭގެ 30 އަށް ވުރެ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމަށް މަސައްކަތް ކުރާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. އަދި އޭގެ ތެރޭގައި އަންނަ އަހަރު އެ އެއާލައިނުން ފަށަން ހަމަޖެހިފައިވާ އާ ހަތަރު މަންޒިލް ވެސް ހިމެނޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

ބިއޯންޑުން ބުނީ ކުރިއަށް އޮތް 10 އަހަރަށް ޓާގެޓުކޮށް، އެއާލައިނުގެ މަސައްކަތްތައް ފުޅާކުރަން ނިންމާފައި ވަނީ ރާއްޖެއާ ދުނިޔޭގެ އެކި ގައުމުތައް ގުޅުވައިދީ، އެ އެއާލައިންގެ ޕްރިމިއަމް ލެޝާ މޮޑެލްގެ ޕްރައިމަރީ ހަބެއްގެ ގޮތުގައި ރާއްޖެއަށް ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ. އަދި ބިއޯންޑުން ބުނީ އެއާލައިނުގެ ސްޓްރެޓެޖީއަކީ ހައި-ވެލިއު ދަތުރުވެރިން ދުނިޔޭގެ ކުރިއަރާފައިވާ އެކި ސިޓީތަކަށް ދަތުރު ކުރުމުގައި ޕްރިމިއަމް ތަޖުރިބާއެއް ފޯރުކޮށްދިނުން ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

ބިއޯންޑަކީ ރާއްޖެ އާއި މެދުއިރުމައްޗާއި ޔޫރަޕާ ގުޅުވައިދޭ އެއާލައިނެކެވެ. އަދި އެއީ ރާއްޖޭގެ އެއާ އޮޕަރޭޓާ ސެޓްފިކެޓް (އޭއޯސީ) ވެސް ހޯދާފައިވާ އެއާލައިނެކެވެ. އަދި އެ އެއާލައިނުގެ އަމާޒަކީ ދުނިޔޭގެ އެކި ރީޖަންތަކުން އޭއޯސީ ހޯދުމެވެ.

ބިއޯންޑްގެ ސީއީއޯ ޓެރޯ ޓަސްކިލާ ވިދާޅުވީ އަމާޒު ހުރީ ދުނިޔޭގެ އެކި ހިސާބުތަކަށް ހިދުމަތް ދޭން ކަމަށެވެ.

"އާ އެއާކްރާފްޓުތަކާއި އާ މާކެޓުތަކަށް އިންވެސްޓުކޮށް، އާ ޕާޓްނާޝިޕުތަކެއް ގާއިމް ކުރުމަކީ ރާއްޖެއަށް ޕްރިމިއަމް ޓޫރިސްޓުން އައުމަށް ފަހިވާނެ ކަމެއް. އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގެ ޓޫރިޒަމަށް ދިގު މުއްދަތަކަށް ފައިދާވާނެ ގޮތަށް، ރާއްޖެއަށް ޓޫރިސްޓުން ދަތުރުކުރާ ގޮތް ބަދަލުކޮށްލުން." އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި 2023 ވަނަ އަހަރު ބިއޯންޑުން ފެށި އޮޕަރޭޝަނާ އެކު ރާއްޖެއަށް ދަތުރުކުރާ ގޮތް ވަރަށް ބޮޑަށް ބަދަލު ކޮށްފައިވާ ކަމަށް އެ އެއާލައިނުން ބުންޏެވެ. އެގޮތުން ހަމައެކަނި ބިޒްނަސް ކްލާހުގެ ސީޓުތައް ހުންނަ އެ އެއާލައިނުގެ ފްލައިޓުތަކަކީ އޮށޯވެ އޮވެ، ހަމަޖެހިލައިގެން ހިތްގައިމު އަދި އަރާމު ދަތުރެއްގައި ރާއްޖެއަށް ޓޫރިސްޓުން ގެނެސްދޭ އެއާލައިނެކެވެ. އެ އެއާލައިނުގައި އެއާބަސް އޭ319 މަރުކާގެ ބޯޓަކާއި އޭ321 މަރުކާގެ ބޯޓެއް އޮވެ އެވެ.

އެ އެއާލައިނުން މިހާރު ދަތުރުކުރަނީ ރާއްޖޭގެ އިތުރުން ޒޫރިކް އާއި މިއުނިކް އާއި މިލާންގެ އިތުރުން ރިޔާދް އަދި ދުބާއީއަށެވެ. "ބިއޯންޑް" އަކީ ސިމްޑީ ގްރޫޕުން ޔޫއޭއީގެ އަރަބެސްކް ކުންފުންޏާ ގުޅިގެން ތައާރަފްކުރި އެއާލައިނެކެވެ.