18 ނޮވެމްބަރ 2025 - 14:05

ކުރީގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް އެކުލަވާލައި ގެޒެޓްކުރި ލިސްޓުގައި ހިމެނޭ މީހުން ވެސް އަންނަ ޖެނުއަރީގައި މި ސަރުކާރުން ހުޅުވާލާ ބޯހިޔާވަހިކަމުގެ މަޝްރޫއުއަށް އަލުން ކުރިމަތިލާން ޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހުޅުމާލޭގައި އިމާރާތްކުރި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓާ އެކު ގިނަ ބަޔަކު ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި ލިސްޓެއް ވެސް އޮތީ އާއްމުކޮށްފަ އެވެ. އެ ސްކީމަށް 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ.
ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރަން މި ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން 7،500 ހައުސިން ޔުނިޓް ދޫކުރަން ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއުއަށް އަންނަ ޖެނުއަރީ 4 ގައި ކުރިމަތިލާން ހުޅުވާލާނެ އެވެ.
އެ މަޝްރޫއާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަހުމަދު ނާޒިމް މުހައްމަދު "މިހާރު" އަށް ވިދާޅުވީ އެންމެ ފަހުން އެކުލަވާލި ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ވެސް ޖެހޭނީ އަލުން ހުޅުވާލާ ފްލެޓަށް ކުރިމަތިލާން ކަމަށެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އެގޮތަށް ނިންމީ މި ސްކީމުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ޝަރުތުތަކާއި ޕޮއިންޓު ދޭ އުސޫލު ވެސް ކުރިން ފްލެޓް ދޫކުރި އުސޫލާ ތަފާތުވާތީ އެވެ.
"މި ސްކީމަށް ވަކިން އެޕްލައި ކުރަން ޖެހޭ ގޮތަށް [ހުޅުވާލާނީ]. ސަބަބަކީ މި ސްކީމުގައި ޝަރުތު އަދި ޕޮއިންޓް ދޭ އުސޫލު ތަފާތުވުން،" އޭނާ ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ސަރުކާރުން ޝަރުތުތައް ކަނޑައަޅާފައި ވަނީ އެންމެ ހައްގުވެރިންނަށް ފްލެޓް ކަށަވަރުވާނެ ކަން ޔަގީންކުރެވޭ ގޮތަށެވެ.
މި ސަރުކާރުން އާންމުކުރި ފްލެޓު ދޫކުރުމުގެ އުސޫލުގައިވާ ގޮތުން އެކަމަށް ކުރިމަތިލުމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ތިން ކަމެކެވެ. އެއީ އުމުރުން 18 އަހަރުވުމާއި ދިވެހި ރައްޔިތަކަށް ވުމުގެ އިތުރުން މާލޭގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވުމެވެ. އެ އުސޫލުގައި ވަނީ 15 އަހަރު މެދުނުކެނޑި ދިރިއުޅުނު ކަމަށް ނިންމާނެ ހާލަތްތަކެއް ވެސް ބަޔާންކޮށްފަ އެވެ.
އެ އުސޫލާ އެކު މާލޭގައި ގިނަ އަހަރުތަކެއް ވަންދެން އުޅުނު މީހުންނަށް ވެސް ފްލެޓަށް ޝަރުތު ހަމަނުވާތީ އެކަމާ ގުޅިގެން ސުވާލުކުރުމުން ނާޒިމް ވިދާޅުވީ މި ބުރުގައި އެންމެ ބޮޑު ވިސްނުމަކީ ދިގު މުއްދަތެއްގައި ބޯހިޔާވަހިކަމެއް ނެތި އުޅޭ އާއިލާތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށެވެ.
ޕޮއިންޓު ދިނުމުގެ އުސޫލުގައިވާ ގޮތުން އެކި ކަންކަމަށް ރިއާޔަތްކުރާ ގޮތަށް އެންމެ ގިނައިން ވެސް ލިބޭނީ 150 ޕޮއިންޓެވެ.
ފްލެޓާއި ގޯއްޗަށް ޕޮއިންޓް ދިނުމުގައި ބަލަނީ މާލޭގައި އުޅުނު މުއްދަތާއި އާމްދަނީ ލިބޭ މިންވަރާއި ދަރިން ތިބޭ މިންވަރާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިން ތިބޭ އަދަދާއި ސިއްހީ ހާލަތެއްގެ ސަބަބުން ދަރިން ނުލިބޭ ނަމަ ޕޮއިންޓު ލިބޭނެ މިންވަރާއި އެޕްލިކެންޓުގެ ނަމުގައި ބިމެއް ނެތުން ފަދަ ކަންކަމަށެވެ.
މާލެ ސަރަހައްދުން 7،500 ހައުސިން ޔުނިޓް އަދި 15،000 ގޯތި ދޫކުރާ މި މަޝްރޫއުއަށް ކުރިމަތިލުމަށް ހުޅުވާލާނީ އަންނަ އަހަރުގެ ޖެނުއަރީ 4 އަކުން މާޗު 3 ވަނަ ދުވަހުގެ ނިޔަލަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ. މިއީ މި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުއަކަށް ހުޅުވާލާ ފުރަތަމަ ފަހަރެވެ.
މި މަޝްރޫއުގެ އިތުރުން ވެސް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އާ މަޝްރޫއުތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.