ސިއްހީ އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް ޑޮލަރު ފޮނުވޭ ރޭޓް މަތިކޮށްފި
ސިއްހީ އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް ޑޮލަރު ފޮނުވޭ ރޭޓް މަތިކޮށްފި

ސިއްހީ އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް އެ މީހުންގެ ގައުމަށް ޑޮލަރު ފޮނުވޭ ލިމިޓް މަތިކޮށްފި އެވެ.

އެސްބީއައި މެދުވެރިކޮށް މީގެ ކުރިން 700 ޑޮލަރު އިންޑިއާއަށް ފޮނުވެ އެވެ. އަދި ފަހުން އެ އަދަދު 500 ޑޮލަރަށް އަދި އޭގެ ފަހުން 400 ޑޮލަރަށް ދަށްކުރި އެވެ. ނަމަވެސް، ޑޮލަރު ލިބުން ދަތިވާ ކަމަށް ބުނެ އެސްބީއައި އިން ފަހުން އެ ލިމިޓް ވަނީ 150 ޑޮލަރަށް ދަށްކޮށްފަ އެވެ.

އެގޮތަށް ބަދަލު ގެނައުމުން، ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުން ކަންބޮޑުވުން ފާޅުކުރި އެވެ. އަދި އެކަމަށް ހައްލުތަކެއް ހޯދައިދިނުމަށް އެ މީހުން ވަނީ، އެ މުވައްޒަފުން މަސައްކަތްކުރާ ތަންތަނުގައި އެދިފަ އެވެ. އަދި އެ ތަންތަނުން އެ މައްސަލަ ކަމާގުޅޭ އިދާރާތަކާ ހިއްސާކުރި އެވެ.

އެސްބީއައިން މިދިޔަ އާދިއްތަ ދުވަހު އެ ތަނުގެ ކަސްޓަމަރުންނަށް ފޮނުވި މެސެޖުގައި ބުނީ ސިއްހީ އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ޑޮލަރު ފޮނުވޭ ރޭޓް 300 އަށް އިތުރުކޮށްފައިވާ ކަމަށެވެ. އެ ބަދަލަށް މާދަމާއިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ބުންޏެވެ.

ނަމަވެސް، އެހެން ދާއިރާތަކުގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް ޑޮލަރު ފޮނުވޭ އަދަދަށް އެއްވެސް ބަދަލެއް ނުގެނެ އެވެ.

ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރަކު ބުނީ އެ މީހުން ބޭނުންވަނީ މުސާރަ އެއްކޮށް ގައުމަށް ފޮނުވާށެވެ. އެހެންވެ، 300 ޑޮލަރު ފޮނުވޭ ގޮތަށް ގެނައި ބަދަލަކީ ވެސް ހައްލެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"ބޭނުންވަނީ ހުއްދަ އޮތް ގޮތުގައި ފައިސާ ފޮނުވަން. އަމިއްލައަށް ޑޮލަރު ގަނެގެން، ލައިސެންސް އޮތް އަމިއްލަ ފަރާތެއް މެދުވެރިކޮށް ފޮނުވާ ނަމަ ވަރަށް ބޮޑު އެއްޗެއް ގެއްލޭ ރޭޓު މަތިވީމާ. އަދި ބްލެކް މާކެޓަށް ޑިޕެންޑުވީ ކަމަށް ބަލާފައި އެކައުންޓުތައް ބްލޮކްކުރާނީ،" އޭނާ ބުންޏެވެ.

"މިކަމަށް ބޭނުންވަނީ ދާއިމީ ހައްލެއް."

މި ބަދަލާއެކު، އެސްބީއައިން ވަނީ އެ ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ، އެ ބޭންކަށް ޖަމާކުރާ ގޮތް ހަދަން އެދިފަ އެވެ. އެހެން ނޫން ނަމަ، އެ ރޭޓު އިތުރުވާއިރު އެ ބަދަލު ގެނެސްދިނުމަށް ދަތިވާނެ ކަމަށް ބުންޏެވެ.

ސިއްހީ އަދި ތައުލީމީ ދާއިރާގެ ބޭރުގެ ހުރިހާ މުވައްޒަފުންނަށް މި ވަގުތު މުސާރަ ދެނީ ބީއެމްއެލް މެދުވެރިކޮށެވެ.