18 ނޮވެމްބަރ 2025 - 11:52

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ 90 ޕަސެންޓް މިހާރު އޮތީ ބޭރު މީހުންގެ އަތްމަތީގައި ކަމަށާއި ރާއްޖޭގައި ޑޮލަރު ހަރުނުލަނީ އެހެންވެ ކަމަށް ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ، ބަޖެޓް ބަހުސްގައި ސިޔާމް ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީގައި އުޅޭ ދިވެހި ވިޔަފާރިވެރިން ފައިސާ ގެންނަނީ ރާއްޖެއަށް ކަމަށާއި އެހެންވެ އެ އިންޑަސްޓްރީގައި ދިވެހިންނަށް މަސައްކަތްކުރެވޭނެ މަގު ސަރުކާރުން ފަހިކޮށްދޭން ޖެހޭ ކަމަށެވެ. ރިސޯޓް ހަދާނެ ރަށްތައް ދިވެހިންނަށް ދީފައި، އެ ރަށްތައް ހެދޭނެ ގޮތެއް ހޯދައިދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިސޯޓްތައް ތަރައްގީކުރަން ދިވެހި ވިޔަފާރިވެރިންނަށް ސަރުކާރުން އެހީވުމުންވާ ފައިދާގެ މިސާލެއްގެ ގޮތުގައި ސިޔާމް ދެއްކެވީ އޭނާގެ އަމިއްލަފުޅު ރިސޯޓް "ސިޔާމް ވޯލްޑް" ހަދަން ލޯނެއް ނަގަން ސަރުކާރުން ދިން ގެރެންޓީ އެވެ.
"މީގެ ތިން އަހަރު ކުރީގައި ސަވަރިން ގެރެންޓީއެއް ދީގެން ނ.އަތޮޅުގައި ރަށެއް ހެދީ. ފިނޭންސް މިނިސްޓަރަށް އެނގިލައްވާނެ އެ ސަވަރިން ގެރެންޓީ ދިނުމުގެ ސަބަބުން ދައުލަތަށް ލިބިއްޖެ13 މިލިއަން، 10 މިލިއަން ޑޮލަރު މި ހިސާބަށް. އަދި އިތުރަށް ކޮބައިތޯ، އާއްމު 10 ރިސޯޓެއްގެ ޓެކްސްއަށް ދައްކާ ވަރަށް ވުރެ ގިނައިން، އެންމެ ރިސޯޓަކުން، ސިޔާމް ވޯލްޑުން މިއަދު އެބަ ދައްކާ،" ސިޔާމް ވިދާޅުވި އެވެ.
އެ ރިސޯޓްގައި 2،000 މުވައްޒަފުން އެބަ ތިބި ކަމަށް ވިދާޅުވެ، ސިޔާމް ވަނީ އެހެންވެ ސަރުކާރުން ދިވެހި ވިޔަފާރިވެރިންނަށް އެހީތެރި ނުވާންވީ ކީއްވެތޯ ސުވާލުކުރައްވައިފަ އެވެ. ސަރުކާރުތަކުން އެގޮތަށް ކަންތައް ނުކުރުމުން ވާ ގޮތަކީ ރާއްޖޭގެ ހުރިހާ ރަށްތައް ބޭރުގެ ފަރާތްތަކަށް އެތައް އަހަރަކަށް މިލްކުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވާނީ ފައިދާއަށް ވުރެ ބޮޑަށް ގެއްލުން ކަމަށް ވެސް ވިދާޅުވި އެވެ.
"އެކަމަކު މިއަދު އަޅުގަނޑުމެންގެ އަތްމަތިން ބީވެގެން އެ ދިޔައީ 90 ޕަސެންޓް، މުޅި އިންޑަސްޓްރީގެ 90 ޕަސެންޓް ބީވެގެން އެ ދިޔައީ ބޭރުގެ ގައުމުތަކުގެ ފޮރިން އިންވެސްޓްމެންޓް ތަކަށް، މިއަދު ދިވެހިރާއްޖޭގައި ޑޮލަރު ހަރުނުވާ ވާހަކަ މިދައްކަނީ. ސަބަބަކީ އެއީ. އަޅުގަނޑުމެން، ވިޔަފާރިކުރާ [ދިވެހި] އެންމެން ދިވެހިރާއްޖޭގައި ޑޮލަރު ބަހައްޓަމު، ދިވެހިރާއްޖޭގެ އެކައުންޓްތަކުގައި ޑޮލަރު ބަހައްޓަމު،" ސިޔާމް ވިދާޅުވި އެވެެ.
ނަަމަވެސް ބޭރުގެ އިންވެސްޓްމެންޓް ވެސް ރާއްޖެއަށް (ވަކި ވަރަކަށް) ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދު ހަމައެކަނި ޓޫރިޒަމަށް ބަރޯސާކުރުމުގެ ބަދަލުގައި ކަނޑުގެ ފައިދާ ހެޔޮގޮތުގައި ނަގަން ޖެހޭ ކަމަށް ވެސް ސިޔާމް މިއަދު ވިދާޅުވި އެވެ.