18 ނޮވެމްބަރ 2025 - 11:29

ހުޅުމާލެ 2 ގައި ހުންނަ ވިނަރެސްގެ ޓަވަރުތަކުން ކާރު ޕާކިންގެ 94 ޖާގަ ބީލަން އުސޫލުން ވިއްކަން އެޗްޑީސީން އިއްޔެ އިއުލާންކޮށްފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ވިނަރެސްގެ ޓަވަރުތަކުން ކާރު ޕާކިން ޖާގަ ވިއްކުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކުރި އިއުލާން ބާތިލުކޮށް، އުސޫލަށް އިސްލާހު ގެނައުމަށް ފަހު އަލުން ބީލަމަށް ހުޅުވާލަން މިހާރު ނިންމާފައިވާ ކަމަށެވެ.
ވިނަރެސްގެ އެކި ޓަވަރުތަކުން ކާރު ޕާކިންގެ ޖުމްލަ 94 ޖާގަ ބީލަން އުސޫލުން މިފަހަރު ވިއްކާނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އެ އިއުލާނުގައި ބުނި ގޮތުގައި، ބީލަމުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހަޅަން ޖެހޭނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.
ބީލަން ހުޅުވުން އޮންނާނީ އަންނަ މަހު 22 ގައި ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
ހުޅުމާލެ 2 ގައި ވިނަރެސްގެ 10 ޓަވަރު ހުންނައިރު، އޭގެން ކޮންމެ ޓަވަރެއްގެ ގްރައުންޑް ފްލޯގައި ކާރާއި ސައިކަލަށް ހާއްސަ ޕާކިން ޖާގަތައް ހަދާފައިވެ އެވެ.