މަދީނާގެ އެކްސިޑެންޓުގައި އިންޑިއާގެ އެއް އާއިލާއެއްގެ 18 މީހުން މަރުވި
މަދީނާގެ އެކްސިޑެންޓުގައި އިންޑިއާގެ އެއް އާއިލާއެއްގެ 18 މީހުން މަރުވި

އުމްރާއަށް ގޮސް އުޅެނިކޮށް އެކްސިޑެންޓުވެ މަރުވި އިންޑިއާގެ 42 މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ 18 މީހުން ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ނުވަ ކުޑަކުދިން ވެސް ހިމެނޭ ކަމަށް އެންޑީޓީވީން އެ އާއިލާއާ ހަވާލާދީ ބުނެފަ އެވެ.

މަދީނާގެ އެކްސިޑެންޓުގައި އިންޑިއާގެ އެއް އާއިލާއެއްގެ 18 މީހުން މަރުވި
މަދީނާގެ އެކްސިޑެންޓުގައި އިންޑިއާގެ އެއް އާއިލާއެއްގެ 18 މީހުން މަރުވި

"އަހަރެންގެ ފަހަރި އާއި ޅިޔަނާއި އެ މީހުންގެ ފިރިހެން ދަރިފުޅު އުމްރާއަށް ދިޔަ. އެ މީހުން ފުރީ މީގެ އަށް ދުވަސް ކުރިން. [އެކްސިޑެންޓުވީ] އެ މީހުން އުމްރާގެ އަޅުކަން ފުރިހަމަކުރުމަށް ފަހު އެނބުރި މަދީނާއަށް ދަނިކޮށް،" އާއިލާގެ މެންބަރެއް ކަމަށްވާ މުހައްމަދު އާސިފް އެންޑީޓީވީއަށް ބުންޏެވެ.

އޭނާ ބުނީ ބަސް އެކްސިޑެންޓުވީ މެންދަމުން އަލިވެ 1:30 ހާއިރު ކަމަށާއި ތެޔޮ ޓޭންކަރެއްގައި ޖެހުމާ އެކު ބަހުގައި އަލިފާން ރޯވީ ކަމަށެވެ.

ހޮނިހިރު ދުވަހު އެނބުރި އިންޑިއާއަށް އައުމަށް ތައްޔާރުވަމުން ދިޔަ އާއިލާއާ ބަރާބަރަށް ވާހަކަ ދައްކަމުން ދިޔަ ކަމަށް ވެސް އާސިފް ބުންޏެވެ.

"އާއިލާގެ އަށާރަ މެންބަރުން -- ބޮޑު ނުވަ މީހުންނާއި ނުވަ ކުޑަ ކުދިން -- މަރުވީ. މިއީ އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް،" އޭނާ ބުންޏެވެ.

އާސިފް ކިޔައިދީފައިވާ ގޮތުގައި އާއިލާގެ މެންބަރުންގެ ތެރޭގައި 70 އަހަރުގެ މީހަކާއި 62 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކާއި 44 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކާއި 40 އަހަރުގެ މީހަކު ވެސް ހިމެނެ އެވެ.

އެކްސިޑެންޓުގައި މަރުވި 42 މީހުންގެ ތެރޭގައި ގިނައީ ހައިދަރްއާބާދު މީހުންނެވެ.

އެ މީހުން ދަތުރުކުރި ބަސް ޑީސަލް ޓޭންކަރެއްގައި ޖެހި އެކްސިޑެންޓުވީ މަދީނާއާ 30 ކިލޯމީޓަރު ދުރުންނެވެ. ހާދިސާގެ މައުލޫމާތު އެނގޭ މީހުން ބުނެފައިވަނީ އެކްސިޑެންޓު ހިނގީ ދަންވަރުގެ ވަގުތެއްގައި ކަމަށް ވުމުން، އެ ވަގުތު ގިނަ މީހުން ތިބީ ނިދާފަ އެވެ. އެހެންވެ، އަލިފާން ރޯވެ ފެތުރުމުގެ ކުރިން ސަލާމަތްވާން ވެސް ފުރުސަތެއް ނުލިބުނީ އެވެ.