18 ނޮވެމްބަރ 2025 - 12:04

ގޫގުލް އިން ރާއްޖޭގައި ގާއިމްކުރަން ނިންމާފައިވާ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ސްޓޭޝަނުގެ މަސައްކަތާ އެކު ރާއްޖެ ޑިޖިޓަލް ހަބަކަށް ހަދަން އުރީދޫން އޮތީ ތައްޔާރަށް ކަމަށް އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވެއްޖެ އެވެ.
ގޫގުލް އިން އުރީދު އާއި ދިރާގާ ގުޅިގެން ކުރާ ކޭބަލް އިންވެސްޓުމަންޓުގައި އައްޑޫ ސިޓީގެ ހިތަދޫގައި، އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
"ދިވަރު"ގެ ނަން ދީފައިވާ މި ކޭބަލް ސިސްޓަމުން ރާއްޖެ އާއި ކްރިސްމަސް އައިލެންޑާއި އޮމާން ގުޅާލާނެ އެވެ.
މި އިންވެސްޓްމަންޓަކީ "އޮސްޓްރޭލިއާ ކަނެކްޓް އިނީޝިއޭޓިވް" އިތުރަށް ފުޅާކޮށް، އިންޑިއާ ކަނޑުގައި ޑިޖިޓަލް ކަނެކްޓިވިޓީ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެ ކުންފުނިން ކުރާ މަސައްކަތެއް ކަމަށް ގޫގުލް އިން ބުންޏެވެ.
މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ މިފަދަ ތާރީހީ، ބޮޑު މަސަައްކަތެއްގައި ގޫގުލްއާ އެކު ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު ފަހުރެއް ކަމަށެވެ. އަދި މި މަސައްކަތަކީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ މިހާރަށް ވުރެ ވަރުގަދަކޮށް، ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ލިބޭނެ އާ ފުރުސަތެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
"ރާއްޖޭގައި ޑިޖިޓަލް ހިދުމަތްތައް ދިނުމަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ އެއް ކުންފުނީގެ ގޮތުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން ދަނީ ކަނެކްޓިވިޓީ އިތުރުކޮށް، ޑިޖިޓަލް ހިދުމަތްތައް އެންމެ ފުރިހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ފޯރުކޮށްދޭން. މި ސަބްމެރިން ކޭބަލް ސްޓޭޝަނަކީ އެ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ހޯދައިދޭނެ ކަމެއް،" ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.
އުރީދޫގެ ސީއީއޯ ވިދާޅުވި ގޮތުގައި މި ކޭބަލް ސިސްޓަމާ އެކު ވިޔަފާރިތަކާއި ޓޫރިޒަމްގެ އާ ފުރުސަތުތަކަށް ދޮރު ހުޅުވިގެން ދާނެ އެވެ.
އޭނާ ވިދާޅުވީ ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގެ އާ ފިޔަވައްސެއްގައި ބައިވެރިވެ، ރާއްޖެއަށް ޑިޖިޓަލް ބޮޑު ކުރިއެރުމެއް ގެންނާނެ މިފަދަ މަސައްކަތެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ވެސް އެ ކުންފުންޏަށް ލިބޭ ބޮޑު ފަހުރެއް ކަމަށެވެ. އަދި މި މަސައްކަތާ އެކު ރާއްޖެ ޑިޖިޓަލް ހަބަކަށް ހެދުމަށް އެ ކުންފުނިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވި އެވެ.
ގޫގުލް އަކީ އުރީދޫގެ ޕާޓްނާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. އެ ކުންފުނިން ގޫގުލްއާ ގުޅިގެން ރާއްޖެއަށް އެކި ޕްރޮޑަކްޓުތައް ވަނީ ތައާރަފްކޮށްފަ އެވެ.
ގޫގުލްއިން ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ ދެ ކުންފުންޏާ ގުޅިގެން އަޅާ ސަބްމެރިން ކޭބަލާ އެކު ރާއްޖޭގެ އިގްތިސޯދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ. އަދި މި މަސައްކަތަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަން ވަނީ ހާމަކޮށްފަ އެވެ.