18 ނޮވެމްބަރ 2025 - 11:57

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާސްޓާ ކާޑާ ގުޅިގެން ޔުއެފާ ޗެމްޕިއަންސް ލީގު މެޗެއް ބަލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އަންނަ ޑިސެމްބަރު 15 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ބީއެމްއެލް އީއެންވީ ޕީއޯއެސް އަދި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބީއެމްއެލް މާސްޓާކާޑުގެ ޕާސަނަލް ކާޑުތަކުން ފައިސާ ދައްކައިގެންނެވެ.
މި ޕްރޮމޯޝަންގެ ބޮޑު އިނާމަކީ ވަނީ އަންނަ އަހަރު ޕެރިހުގައި ކުޅޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕީއެސްޖީ އަދި ނިއުކާސަލް ވާދަކުރާ މެޗު ބަލަން ދިއުމުގެ ފުރުސަތު ލިބޭ ނަސީބުވެރި ދެ މީހަކު ހޮވުމެވެ.
އޭގެ ތެރެއިން "ގްރޭންޑް ވިނާ" ގެ ގޮތުގައި ހޮވޭ ބައިވެރިއަކަށް ހުރިހާ ހަރަދަކާ އެކު ޕެރިހަށް ހަތަރު ދުވަހުގެ ދަތުރެއް ލިބޭނެ އެވެ. އަދި އިތުރު ބައިވެރިއަކާ އެކު، މާލެ/ޕެރިސް ދެކޮޅު ޓިކެޓާއި ލަގްޒަރީ ހޮޓަލެއްގައި ހުރުމުގެ ފުރުސަތުގެ އިތުރުން ގައިޑެޑް ޓުއާއެއް ދޭނެ އެވެ. ގުރުއަތުން ދެ ވަނަ އަށް ހޮވޭ މީހަކަށް ހުރިހާ ހަރަދަކާ އެކު، ޕެރިހަށް ތިން ދުވަހުގެ ދަތުރެއް ލިބޭނެ އެވެ. އަދި އިތުރު ބައިވެރިއަކާ އެކު، މާލެ/ޕެރިސް ދެކޮޅު ޓިކެޓާއި ލަގްޒަރީ ހޮޓަލެއްގައި ހުރުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމައިފަ އެވެ.
މާސްޓާ ކާޑަކީ ޔޫއެފްއާ ޗެމްޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓާ ކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. އެގޮތުން ބީއެމްއެލްއިން މާސްޓާ ކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރެ އެވެ. އަދި މާސްޓާކާޑާ ގުޅިގެން މިފަދަ ޕްރޮމޯޝަންތަކުން ކަސްޓަމަރުންނަށް އަގު ހުރި ތަޖުރިބާތައް ފޯރުކޮށްދެ އެވެ.