ކައުންސިލް އިންތިހާބަށް 7،000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދަނީ، ފޮށީގެ ވެރިޔާއަށް 2،900ރ.
ކައުންސިލް އިންތިހާބަށް 7،000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދަނީ، ފޮށީގެ ވެރިޔާއަށް 2،900ރ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް 7،000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ އިއުލާންކޮށްފި އެވެ.

އީސީގެ ވެބްސައިޓުގައި ބުނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ އޮފިޝަލުން ހޯދަމުން އަންނަ ކަަމަށެވެ. އެ އިންތިހާބަށް 7،000 އަށް ވުރެ ގިނަ އޮފިޝަލުން ބޭނުންވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އަންނަ އަހަރުގެ މާޗު 28 ގައި ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންނަށް ވުމަށް ޝައުގުވެރިވާ މީހުން އެ ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އީސީން ބުންޏެވެ.

އޮފިޝަލަކަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަކީ އުމުރުން 18 އަހަރުވެފައި ވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާނުކުރުމާއި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކަށް ނުވުމެވެ. އަދި އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ އާއިލީ މެންބަރަކަށް ނުވުމާއި ކެންޑިޑޭޓެއްގެ މަންދޫބެއް، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއްގެ ގޮތުގައި ކުރިމަތިލާފައިވާ މީހަކަށް ނުވުމާއި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ނުވުމެވެ.

އީސީގެ އިއުލާނުގައި ބުނި ގޮތުގައި، އޮފިޝަލުންގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސާ އޮފިޝަލަކަށް 2،900ރ. ލިބޭނެ އެވެ. ވެރިޔާގެ އެހީތެރިއަކަށް ހަމަޖައްސާ އޮފިޝަލަކަށް 2،600ރ. ލިބޭނެ އެވެ.

ވޯޓުލާ މަރުކަޒުގެ އެހެން އޮފިޝަލުންނަށް 2،300ރ. އާއި ވޯޓު ގުނާ އޮފިޝަލަކަށް 1،800ރ. ލިބޭނެ އެވެ. އަދި ރިޒާވް އޮފިޝަލުންނަށް 1،000ރ. ގެ އެލަވަންސެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މަސައްކަތްކުރާ ގަޑިތަކަށް ބަލައި، ކެއުމާއި ސައިގެ އެލަވަންސް އަދި އިތުރު ގަޑީގައި ފައިސާ ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އީސީން ބުންޏެވެ.

އޮފިޝަލަކަށް ވުމަށް ފޯމު ހުށަހަޅަން ޖެހޭ އެންމެފަހު ތާރީޚަކީ އަންނަ މަހުގެ 21 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 އެވެ.