18 ނޮވެމްބަރ 2025 - 11:17

ބޯހިޔާވަހިކަމުގެ ދާއިމީ ހައްލަކަށް އިކޯ ސިޓީއެއްގެ ގޮތުގައި މި ސަރުކާރުން ތަރައްގީ ކުރާ ރަސްމާލެ އިން 25،000 ގޯތި ދޫކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިދިޔަ ހަފުތާގައި އިއުލާން ކުރައްވާފައިވާ ގޮތުގައި، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން 15،000 ގޯއްޗާއި 7،500 ފްލެޓް ދޫކުރާނެ އެވެ.

މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ބޯހިޔާވަހިކަމަށް ވާތީ، އެކަން ފުއްދުމުގެ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހު ހުޅުވާލާ ގޯއްޗާއި ފްލެޓްތަކުގެ ޝަރުތު ކަނޑައަޅާފައި ވަނީ އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ހާއްސަވާ ގޮތަށެވެ.
ނަމަވެސް، އެ އަށް ޝަރުތު ހަމަނުވާ މީހުންނަށް ފުރުސަތު ގެއްލުނީ ނޫން ކަމަށާއި މި ސަރުކާރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބޯހިޔާވަހިކަމުގެ ޔަގީންކަން ހޯދައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ބޮޑު ވައުދު އެބަ އޮތް. އެއީ 18 އަހަރުން މަތީގެ އެއްވެސް ބޯހިޔާވަހިކަމެއް ނެތް ހުރިހާ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން. އެހެންވީމަ [ތިން އަހަރު ތެރޭ] އެ ވައުދު ފުއްދުމާ ހަމައަށް ދާން އެބަހުރި އިތުރު މަޝްރޫއުތައް. އެހެންވީމަ އެއްގޮތަކަށް ވެސް އެއްވެސް ބޭފުޅަކު މާޔޫސްވެވަޑައިނުގަންނަވާތި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޖެނުއަރީގައި ކުރިމަތިލާން ހުޅުވާލާ ފްލެޓްތަކާއި ގޯތިތައް ވެގެންދާނީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ލިބޭނެ މަޝްރޫއަކަށެވެ.
"ރަސްމާލެ އިން 15،000 ގޯތި ފުރަތަމަ މިދެނީ. މުޅި ރަސްމާލެއަކީ 25،000 ގޯތި، އެތަނުން ދޭނީ ގޯތި އެކަންޏެއް ނޫން. މޮޑާން އިކޯ ސިޓީއެއްގެ ގޮތުގައި އޮންނާނީ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ފައިސާ ދައްކައި ނިންމާފައި ހުރި ބޮޑެތި ޑްރެޖަރުތައް އަންނަ ޑިސެމްބަރުގައި ރާއްޖެ ގެނެސް އަންނަ އަހަރުގެ މާޗް ނުވަތަ އެޕްރީލް މަހުގެ ތެރޭގައި ރަސްމާލެ ހިއްކައި ނިންމާނެ އެވެ. ގޯއްޗަށް ކުރިމަތިލާން ހުޅުވާލައި، ޝަރުތު ހަމަވާ މީހުން ކަނޑައެޅޭ އިރު ބިންތައް ހިއްކައި ނިމޭނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން އަމަލުކުރި ގޮތަށް ނުހިއްކައި އޮތް ތަންތަނުން މި ސަރުކާރުން ގޯތި ދޫނުކުރާނެ އެވެ.
ރަސްމާލެ ތަރައްގީ ކުރަން ހިއްކާ ފުށިދިއްގަރުފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމައިފަ އެވެ. އޭރަށް، ހުޅުމާލެ 1 އަދި 2 އެއްކޮށްލީމަ ވާ ވަރުގެ ތިން ގުނަ ބިން އެ ތަނުން ލިބޭނެ އެވެ.
ރައީސްގެ ރިޔާސީ މެނިފެސްޓޯގައި ކަނޑައަޅާފައި ވަނީ ފުށިދިއްގަރުފަޅުގައި ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ގާއިމުކުރުމަށެވެ.
ރަސްމާލެ އިން މިހާތަނަށް ހިއްކާފައި ވަނީ އެޗްޑީސީން މިދިޔަ ހަފުތާގައި ބުނެފައިވާ ގޮތުގައި 182.85 ހެކްޓަރެވެ.