18 ނޮވެމްބަރ 2025 - 10:10

ދިވެހި ޓީމާ ދެކޮޅަށް ރާއްޖޭގެ ދަނޑުގައި ކުޅެން އުނދަގޫކަމަށް ފިލިޕީންސްގެ ކޯޗު ކާލޯސް ކުއާޑްރަޓް ބުނެފި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ފސްޕެއިންގެ ކޯޗު ކުއާޑްރަޓް ނުކުންނަ މެޗަކީ ރާއްޖޭގައި އޭނާގެ ފުރަތަމަ ތަޖުރިބާއެއް ނޫނެވެ.
އިންޑިއާގެ ބެންގަލޫރު އެފްސީގެ ކޯޗިން ޓީމުގައި އޭނާ ވަނީ އޭއެފްސީ ކަޕް މެޗުތަކަށް ރާއްޖެ އައިސް ދިވެހި ކްލަބްތަކާ ދެކޮޅަށް ނުކުމެފަ އެވެ.
މާޗް މަހު ފިލިޕީންސްގެ ކޯޗިން ޓީމުގައި މަސައްކަތް ކުރަން ފެށި ކުއަޑްރާޓް ބުނީ ރާއްޖޭގެ ދަނޑުގައި ދިވެހި ޓީމާ ދެކޮޅަށް ކުޅެން އުނދަގޫކަން އޭނާ އަށް އެނގޭ ކަމަށެވެ. އަދި ހަވީރު ގަޑީގައި މެޗު ކުޅޭތީ ދިވެހި ޓީމާ ދެކޮޅަށް ނުކުންނަ ޓީމަށް އޭގެ އުނދަގޫ ވެސް ކުރާކަން އޭނާ ތަޖުރިބާކޮށްފައިވާ ކަމަށް ބުންޏެވެ.
"އަހަރެން މީގެ ކުރިން ވެސް އިންޑިއަން ސުޕަ ލީގުގެ ބައެއް ކްލަބްތަކާ އެކު މިތަނަށް އައިން. (މި ދަނޑުގައި) ނަތީޖާނެރުމަކީ ފަސޭހަ ކަމެއް ނޫން. މިއީ ކުޅެން އުނދަގޫ ތަނެއް، އެހެންވެ ކޮންމެ ހާލަތަކަށް ވެސް ތައްޔާރުވެ ތިން ޕޮއިންޓާ އެކު ފިލިޕީންސަށް އެނބުރިދާން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭ،" ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ކުއަޑްރާޓް ބުންޏެވެ.
އޭނާ ބުނީ ރާއްޖޭގެ މޫސުމަށް ހޭނުމުގެ ގޮތުން، ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދުބާއީގައި ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންދިޔަ ކަމަށެވެ.
"ދުބާއީގައި ބޭއްވި ޓްރޭނިން ކޭމްޕުގެ ސަބަބުން މޫސުމަށް ހޭނެން އެހީއަކަށްވި،" އޭނާ ބުންޏެވެ.
ޓީމުގެ ޑިފެންޑަރު ޖެފާސަން ޓަބީނަސް ބުނީ ފިލިޕީންސުން ރާއްޖޭގައި އެންމެ ފަހުން ދިވެހި ޓީމާ ދެކޮޅަށް ކުޅުނު މެޗު ވެސް ވީ އުނދަގޫ މެޗަކަށް ކަމަށެވެ.
ވޯލްޑް ކަޕް 2022 ގެ ކޮލިފައިންގައި ރާއްޖޭން ވަނީ، ނޮވެމްބަރު 2019 ގައި ފިލިޕީންސް ޓީމާ ދެކޮޅަށް މާލޭގައި ކުޅެފަ އެވެ. އެ މެޗު 2-1 ފިލިޕީންސް ކާމިޔާބު ކުރި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ފިލިޕީންސާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗު ފަށާނީ ހަވީރު 3:30 ގަ އެވެ.