މުސާރައާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހައްލުކޮށްފިން: ރައީސް
މުސާރައާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހައްލުކޮށްފިން: ރައީސް

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް މި މަހު ގެނައި ބަދަލާ ގުޅިގެން ހުރި ބައެއް ކަންބޮޑުވުންތައް ހައްލުކުރެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހުރިހާ ސިވިލް ސާވަންޓުންނާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނާއި ޝަރުއީ ދާއިރާ ހިމެނޭހެން 20،000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވަނީ ބަދަލު ގެނެސް، މުސާރަ ބޮޑުކޮށް ދީފަ އެވެ.

ނަމަވެސް، އެ ބަދަލާ ގުޅިގެން ބައެެއް މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބައެއް ގިންތީގެ މުވައްޒަފުންނަށް ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކަމަށާއި ލިބޭ ވަރު މަދުވި ކަމުގެ ޝަކުވާ އޮތެވެ. މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި، މުސާރައަށް ބަދަލު ގެނައި އުސޫލަށް ރިއާޔަތްކޮށް، ޕޭ ކޮމިޝަނުން އެ ކަންބޮޑުވުންތަކަށް ޖަވާބު ދޭނެ ކަމަށް ރައީސް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން ބޭއްވި އިވެންޓްގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޕޭ ކޮމިޝަނުން ހުރިހާ އޮފީސްތަކަށް ޒިޔާރަތްކޮށް ކަންބޮޑުވުންތައް ބަލާފައިވާ ކަމަށާއި މިހާރު ވާނީ އެ ކަންބޮޑުވުންތައް ހައްލުކުރަން ނިޒާމްގެ ތެރެއިން ގެނެވެން ހުރި ބަދަލުތައް ގެނެސްފައި ކަމަށެވެ.

އެހެންކަމުން ދެން މުސާރަ ލިބޭއިރު އޮންނާނީ މުސާރަ ބޮޑުވެ، ކަންބޮޑުވުންތައް ހައްލުވެފައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ބަދަލާ އެކު ހުރިހާ މުވައްޒަފުންގެ އަސާސީ މުސާރައަށް ބޮޑު ކުރިއެރުމެއް އަންނާނެ އެވެ. އަދި އެންމެ ކުޑަކޮށް އަސާސީ މުސާރަ ކަނޑައެޅިފައިވާ މުވައްޒަފުންނަށް ވެސް 7،000ރ. އަށް ވުރެ ބޮޑު އަދަދެއް ލިބޭނެ އެވެ.

ރައީސް ވިދާޅުވީ އިތުރު ގަޑިއާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ވެސް ހައްލުކޮށްފައިވާ ކަމަށެވެ. ހުކުރު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އެއްވެސް ކެޕެއް ނެތި އިތުރުގަޑީގެ ފައިސާ ހިނގާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.