18 ނޮވެމްބަރ 2025 - 10:40

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "ދަ ޓްރަމްޕް އޯގަނައިޒޭޝަން" އިން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ހުޅުވުމުގެ މަސައްކަތް ފަށައިފި އެވެ.

ބްލޫމްބާގުގެ ރިޕޯޓެއްގައި އިއްޔެ ބުނީ ޓްރަމްޕް އޯގަނައިޒޭޝަނުން އެތަނުގެ ސައުދީ އަރަބިއްޔާގެ ބިޒްނަސް ޕާޓްނަރާ އެކު، ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ހަދަން ރާވަމުން އަންނަ ކަމަށެވެ. އަދި އެ ރިސޯޓް ހެދުމުގެ ޕްރޮޖެކްޓް "ޓޯކަނައިޒްކުރުމަށް" ނުވަތަ ކްރިޕްޓޯ އަދި ބްލޮކްޗެއިން އިންވެސްޓަރުންނަށް ހާއްސަކޮށް އެ ޕްރޮޖެކްޓުގައި ބައިވެރިވެވޭ ގޮތަށް ހަދަން ވެސް ރާވާފައިވާ ކަމަށް އެ ނޫހުގައި ބުންޏެވެ.
"ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް މޯލްޑިވްސް"ގެ ނަން ދޭ އެ ރިސޯޓުގައި 80 އަށް ވުރެ ގިނަ އަލްޓްރާ-ލަގްޒަރީ ބީޗް ވިލާ އާއި ވޯޓާ ވިލާ ހުންނާނެ ކަމަށާއި އެ ރިސޯޓުގެ މަސައްކަތް ކުރާނީ ލަންޑަންގައި ލިސްޓުކޮށްފައިވާ ރިއަލް-އެސްޓޭޓް ކުންފުންޏެއް ކަމަށްވާ ދާރް ގްލޯބަލް ޕީއެލްސީން ކަމަށް، އެ ކުންފުންޏާއި ޓްރަމްޕް އޯގަނައިޒޭޝަން ގުޅިގެން ނެރުނު ނޫސްބަޔާނަކާ ހަވާލާދީ ބްލޫމްބާގުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި، މިއީ ޓޯކަނައިޒްޑް ޕްރޮޕަޓީއެއްގެ ގޮތުގައި މުޅި ދުނިޔޭގައި ވެސް ހިންގާ ފުރަތަމަ ރިސޯޓް ޕްރޮޖެކްޓެވެ.
ޓްރަމްޕް އޯގަނައިޒޭޝަނުން ރާއްޖޭގައި ރިސޯޓެއް ހަދަން ނިންމީ، ޓްރަމްޕް އާއި އޭނާގެ އާއިލާއިން ކްރިޕްޓޯގެ ދާއިރާއިން ދުނިޔޭގެ އެކި ހިސާބުތަކުގައި އެ މީހުންގެ ބިޒްނަސް ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
ޓްރަމްޕް ވަނީ ކްރިޕްޓޯގެ ސިނާއަތް ކުރިއަރުވަން އެގްޒެކެޓިވް އޯޑަރުތައް ވެސް ނެރުއްވައިފަ އެވެ. އަދި އެކަމާ ބެހޭ ގާނޫނެއް ވެސް އެމެރިކާއިން ވަރަށް ފަހުން ވަނީ ތަސްދީގުކޮށްފަ އެވެ.
ބްލޫމްބާގުގައި ބުނެފައިވާ ގޮތުގައި ދާރް ގްލޯބަލްއަކީ ލަންޑަންގައި ލިސްޓުކޮށްފައިވާ ޓްރަމްޕް އޯގަނައިޒޭޝަންގެ ސައުދީ ޕާޓްނަރުގެ ކުންފުންޏެވެ.
ސްޕީޑްބޯޓެއްގައި މާލެއިން 25 މިނެޓުން ދެވޭ ހިސާބެއްގައި ހަދާ އެ ރިސޯޓުގެ މަސައްކަތް ނިންމައި 2028 ގެ ފަހުކޮޅު ހުޅުވާނެ ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.
މި ޕްރޮޖެކްޓަކީ ޓްރަމްޕްގެ ނަމުގައި ޓްރަމްޕް އޯގަނައިޒޭޝަނާއި ދާރް ގްލޯބަލް އިން މިހާރު ހިންގަމުން އަންނަ އެކި ޕްރޮޖެކްޓުތަކަށް އިތުރުވާ މަސައްކަތެކެވެ. އެ ދެ ކުންފުނި ގުޅިގެން ގަލްފުގެ ގައުމުތައް ކަމަށްވާ ޔޫއޭއީ އާއި ސައުދީ އާއި އޮމާން އަދި ގަތަރުގައި އެ ބްރޭންޑުގެ ޕްރޮޖެކްޓުތައް ވަނީ ފަށައިފަ އެވެ.
ސައުދީގެ ވެރިރަށް ރިޔާޟް އާއި ޔޫއޭއީގެ ދުބާއީގައި ޓްރަމްޕް ޓަވަރު އަޅަމުން އަންނައިރު، ގަތަރާއި އޮމާންގައި ރިސޯޓްތަކާއި ލަގްޒަރީ ގެތަކާއި ގޮލްފް ކޯސްތައް ހެދުމުގެ މަސައްކަތް ދާރް ގްލޯބަލް މެދުވެރިކޮށް ޓްރަމްޕް އޯގަނައިޒޭޝަނުން އަންނަނީ ކުރަމުންނެވެ.
ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މިއަދު ވަނީ ރަސްމީ ދަތުރެއްގައި އެމެރިކާއަށް ވަޑައިގެންފަ އެވެ. އަދި ސަލްމާން މިއަދު ޓްރަމްޕްއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ގުޅުންތައް ހަރުދަނާކުރުމަށް ރަސްމީ މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.