ފައުޖެއް ފޮނުވުމާއި ފަލަސްތީނުގެ ދައުލަތުގެ ވާހަކަ ހިމެނޭ ޣައްޒާގެ ޕްލޭން ސަލާމަތީ މަޖިލީހުން ފާސްކޮށްފި
ފައުޖެއް ފޮނުވުމާއި ފަލަސްތީނުގެ ދައުލަތުގެ ވާހަކަ ހިމެނޭ ޣައްޒާގެ ޕްލޭން ސަލާމަތީ މަޖިލީހުން ފާސްކޮށްފި

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދެމުން ދިޔަ ހަމަލާތައް ހުއްޓުމަކަށް ގެންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހަޅުއްވައި ތަންފީޒުކުރަން ފެށި ޕްލޭނަށް ރަސްމީ ހައިސިއްޔަތެއް ދިނުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު މިއަދު ފާސްކޮށްފި އެވެ.

ފައުޖެއް ފޮނުވުމާއި ފަލަސްތީނުގެ ދައުލަތުގެ ވާހަކަ ހިމެނޭ ޣައްޒާގެ ޕްލޭން ސަލާމަތީ މަޖިލީހުން ފާސްކޮށްފި
ފައުޖެއް ފޮނުވުމާއި ފަލަސްތީނުގެ ދައުލަތުގެ ވާހަކަ ހިމެނޭ ޣައްޒާގެ ޕްލޭން ސަލާމަތީ މަޖިލީހުން ފާސްކޮށްފި

މިއީ އިޒްރޭލު ސިފައިން ޣައްޒާއިން އެއްކޮށް ފޭބުމާއި އޭގެ ފަހުން އެތަނުގައި ވަގުތީ ގޮތުން ބައިނަލްއަގުވާމީ ފައުޖެއް ހަރަކާތްތެރިވުމާއި ކުރިމަގުގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމާ ބެހޭ ވާހަކަތައް ވެސް ހިމެނޭ ގަރާރެކެވެ.

ފައުޖެއް ފޮނުވުމާއި ފަލަސްތީނުގެ ދައުލަތުގެ ވާހަކަ ހިމެނޭ ޣައްޒާގެ ޕްލޭން ސަލާމަތީ މަޖިލީހުން ފާސްކޮށްފި
ފައުޖެއް ފޮނުވުމާއި ފަލަސްތީނުގެ ދައުލަތުގެ ވާހަކަ ހިމެނޭ ޣައްޒާގެ ޕްލޭން ސަލާމަތީ މަޖިލީހުން ފާސްކޮށްފި

ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން 13 މެންބަރުންގެ ވޯޓާ އެކު ގަރާރު ފާސްކުރި އިރު ވީޓޯގެ ބާރު ލިބިފައިވާ ޗައިނާ އާއި ރަޝިޔާއިން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ. އެ ގައުމުތަކުން ވޯޓު ނުދިން ނަމަވެސް ވީޓީގެ ބާރު ބޭނުމެއް ނުކުރެ އެވެ.

އދ.އަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާ ސަފީރު މައިކް ވޯލްޓްޒް ވިދާޅުވީ މިއީ ޣައްޒާއަށް ފާގަތިކަން ގެނައުމާއި އިޒްރޭލު ރައްޔިތުންނަށް އަމާންކަމާ އެކު ދިރިއުޅެވޭނެ މާހައުލެއް ގާއިމް ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަނެއްކޮޅުން، ޣައްޒާ ކޮންޓްރޯލްކުރާ ހަމާސް އިން ބުނީ މިއީ ފަލަސްތީނު ރައްޔިތުންގެ ސިޔާސީ އަދި އިންސާނީ ހައްގުތަކަށް އެންމެ އެކަށީގެންވާ ގޮތުގައި ރިއާޔަތްކޮށްފައި ނެތް ގަރާރެއް ކަމަށެވެ.

އޮކްޓޫބަރު 7، 2023 އިން ފެށިގެން ޣައްޒާގައި ދެމުން ދިޔަ ހަމަލާތައް ހުއްޓުމަކަށް ގެންނަން ޓްރަމްޕު ހުށަހެޅުއްވި ޕްލޭނުގެ ދަށުން ހުށަހެޅި މި ގަރާރު ފާސްކުރުމުގެ ކުރިން، ގައުމުތަކުގެ މެދުގައި އެމެރިކާއިން މަޝްވަރާކޮށް ގަރާރަށް ވަރަށް ގިނަ ބަދަލުތައް ގެނެސްފައިވެ އެވެ.

ޓްރަމްޕުގެ ޕްލޭނަށް ހަމާސް އާއި އިޒްރޭލު އެއްބަސްވެ މިދިޔަ މަހުގެ 10 ވަނަ ދުވަހު ހަމަލާތައް ހުއްޓާލި އިރު 67،000 އަށް ވުރެ ގިނަ މީހުން ޣައްޒާއިން ޝަހީދުވެ މުޅި ސިޓީ ވަނީ ބިމާ ހަމަވެފަ އެވެ.

ޓްރަމްޕުގެ ސުލްހައިގެ ޕްލޭންގެ ދަށުން އިޒްރޭލާއި މިސްރާއި ފަލަސްތީނުން އަލަށް ތަމްރީންކުރާ ފުލުހުންނާ ގުޅިގެން ޣައްޒާގެ ބޯޑަރު ސަރަހައްދުތައް ބަލަހައްޓާނެ އެވެ. އަދި އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައިއެސްއެފް) ގެ ނަމުގައި ޣައްޒާއަށް ފައުޖެއް ފޮނުވުމުގެ ހުއްދަ ލިބޭނެ އެވެ.

އައިއެސްއެފް އަކީ ސަރުކާރުގެ ބެލުމުގެ ދަށުގައި ނެތް ހަތިޔާރު އެޅި ޖަމާއަތްތަކުގެ ހަތިޔާރު ނައްތާލުމާއި، އާންމުން ހިމާޔަތްކުރުމާއި އިންސާނީ އެހީ ފޯރުކޯށްދޭ މަގުތައް އަމާންކުރުމުގެ ޒިންމާ އޮންނަ ފައުޖެކެވެ.

މީގެ އިތުރުން 2027 ވަނަ އަހަރުގެ ނިޔަލަށް، ޣައްޒާގެ އިންތިގާލީ ގަވަނިން ބޮޑީއެއްގެ ގޮތުގައި "ބޯޑް އޮފް ޕީސް" މި ގަރާރުގެ ދަށުން އުފައްދާނެ އެވެ.

މި ގަރާރުގައި ފަލަސްތީނުގައި ދައުލަތެއް ގާއިމު ކުރެވިދާނެ ކަމުގެ ވާހަކަ ބަޔާންކޮށްފައިވެ އެވެ.

ފަލަސްތީނު އޮތޯރިޓީން އިސްލާހުތައް ތަންފީޒުކޮށް، ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތް ފެށުމުން "ފަލަސްތީނު އަމިއްލަ މިނިވަން ދައުލަތެއް ގާއިމުކުރުމަށް އެކަށީގެންވާ މާހައުލެއް އުފެދުނީ ކަމަށް ބެލެވޭނެ" ކަމަށް ގަރާރުގައިވެ އެވެ.

ގަރާރުގައި މި އިބާރާތް މިހެން އޮތުމުން އިޒްރޭލުން ވަނީ އެކަމާ ވަރަށް ބޮޑަށް ދެކޮޅުހަދައި، ދުވަހަކު ވެސް ފަލަސްތީނުގެ ދައުލަތެއް އެ ބިމުގައި ނުއުފެއްދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

ވީޓޯ ބާރުގެ އޮންނަ ރަޝިއާ އިން ވަނީ ފަލަސްތީނުގެ ދައުލަތެއް ގާއިމް ކުރުމަށް އެމެރިކާގެ ގަރާރުގައި އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ އެހެން ޑްރާފްޓެއް ވެސް މެންބަރުންނަށް ހުށަހަޅައިފަ އެވެ. އެ ހުށަހެޅުމުގެ ޑްރާފްޓެއް އޭއެފްޕީއަށް ފެނިފައިވެ އެވެ. އޭގައި އިޒްރޭލާއި ފަލަސްތީނަށް ވެސް ދެ ދައުލަތުގެ ގޮތުގައި އޮތުމަށް ހުރިހާ ގޮތަކުން މަސައްކަތްކުރުމަށް ބުނެފައިވެ އެވެ.

ރަޝިޔާގެ ހުށަހެޅުމުގައި ޣައްޒާއަށް ފައުޖެއް ފޮނުވުމުގެ ވާހަކަ ނުހިމަނައި ބުނެފައި ވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލް ކަނޑައަޅުއްވާ ގޮތަކަށް އެކަން ކުރިއަށް ގެންދިއުމަށެވެ.

ގަތަރު، މިސްރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ސައޫދީ އަރަބިއްޔާ، އިންޑޮނީޝިއާ، ޕާކިސްތާން، އުރުދުން އަދި ތުރުކީ ފަދަ ގައުމުތަކުގެ ތާއީދު އެމެރިކާގެ ހުށަހެޅުމަށް ލިބިފައި ވާއިރު އެމެރިކާއިން ވަނީ ގަރާރަށް ތާއީދުކޮށް އެ ގައުމުތަކުން ސޮއިކޮށްފައިވާ ބަޔާނެއް ވެސް ނެރެފަ އެވެ. -- އޭއެފްޕީ