18 ނޮވެމްބަރ 2025 - 00:07

މި ސަރުކާރުގެ އެންމެ ބޮޑު ވައުދު ކަމަށްވާ ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ދޫކުރާ ތިން ކޮޓަރީގެ ފްލެޓްތަކުގެ ކުލި 10،000 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގައި ފްލެޓް ދޭނެ ދެ މޮޑެލްއެއް ވަނީ ކަނޑައަޅައިފަ އެވެ.
އެއީ، މާލެ ސަރަހައްދުން އަލަށް ގެދޮރު ގަތުމަށް ބޭނުންވާ މީހުންނަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަގުސަދުގައި މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ތައާރަފުކޮށްފައިވާ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ދަށުން ދެ ގޮތަކަށް ދޭ ފްލެޓެވެ.
ރައީސް މުއިއްޒު މިދިޔަ ހަފުތާގައި އިއުލާން ކުރައްވާފައިވާ ގޮތުގައި، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން 15،000 ގޯއްޗާއި 7،500 ފްލެޓް ދޫކުރާނެ އެވެ. އަދި އެމްއެމްއޭ އިން ބޭންކްތަކަށް އެންގި އެންގުމާ އެކު ބީއެމްއެލް އިން ވަނީ 3،000 ފްލެޓް އެޅުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި އެހެން ބޭންކްތަކުން ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރަން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ ހުރިހާ ފްލެޓެއް ވެސް ވަންނާނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ތެރެއަށް ކަމަށާއި އެ ޕްރޮގްރާމްގެ ދަށުން ދޫކުރާ ތިން ކޮޓަރީގެ ފްލެޓްތަކުގެ ކުލި 10،000 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ.
"3،000 އެއީ ބީއެމްއެލް، އަދި ބޭރުގެ ގައުމުތަކުގެ ދީލަތި އެހީގައި އެޅޭ 4،500 ފްލެޓާ އެކު ޖުމްލަ 7،500 ފްލެޓް އަޅާއިރު ކެޓަގަރީތައް ވެސް އެ އޮތީ އިއުލާންކޮށްފައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ބޯހިޔާވަހިކަމަށް ވާތީ، އެކަން ފުއްދުމުގެ ގޮތުން އަންނަ ޖެނުއަރީ މަހު ހުޅުވާލާ ގޯއްޗާއި ފްލެޓަށް ހާއްސަކޮށްފައިވާނީ އެންމެ ބޭނުން ޖެހިފައިވާ މީހުންނަށެވެ.
އެހެންނަމަވެސް، އެއަށް ޝަރުތު ހަމަނުވާ މީހުންނަށް ފުރުސަތު ގެއްލުނީ ނޫން ކަމަށާއި މި ސަރުކާރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބޯހިޔާވަހިކަމުގެ ޔަގީންކަން ހޯދައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ބޮޑު ވައުދު އެބަ އޮތް. އެއީ 18 އަހަރުން މަތީގެ އެއްވެސް ބޯހިޔާވަހިކަމެއް ނެތް ހުރިހާ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން. އެހެންވީމަ އެ ވައުދު ފުއްދުމާ ހަމައަށް ދާން އެބަހުރި އިތުރު މަޝްރޫއުތައް. އެހެންވީމަ އެއްގޮތަކަށް ވެސް އެއްވެސް ބޭފުޅަކު މާޔޫސްވެވަޑައިނުގަންނަވާތި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޖެނުއަރީގައި ކުރިމަތިލާން ހުޅުވާލާ ފްލެޓްތަކާއި ގޯތިތައް ވެގެންދާނީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ލިބޭނެ މަޝްރޫއަކަށެވެ.
"ރަސްމާލެ އިން 15،000 ގޯތި ފުރަތަމަ މިދެނީ. މުޅި ރަސްމާލެއަކީ 25،000 ގޯތި، އެތަނުން ދޭނީ ގޯތި އެކަންޏެއް ނޫން. މޮޑާން އިކޯ ސިޓީއެއްގެ ގޮތުގައި އޮންނާނީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ފައިސާ ދައްކައި ނިންމާފައި ހުރި ބޮޑެތި ޑްރެޖަރުތައް ޑިސެމްބަރުގައި ރާއްޖެ ގެނެސް އަންނަ މާޗް ނުވަތަ އެޕްރީލް މަހުގެ ތެރޭގައި ރަސްމާލެ ހިއްކައި ނިންމާނެ އެވެ. ގޯއްޗަށް ކުރިމަތިލާން ހުޅުވާލައި، ޝަރުތު ހަމަވާ މީހުން ކަނޑައެޅޭ އިރު ބިންތައް ހިއްކައި ނިމޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން އަމަލުކުރި ގޮތަށް ނުހިއްކައި އޮތް ތަންތަނުން މި ސަރުކާރުން ގޯތި ދޫނުކުރާނެ އެވެ.