ގޫގުލް އިން ރާއްޖޭގައި ސަބްމެރިން ކޭބަލް ސްޓޭޝަނެއް ގާއިމްކުރަނީ
ގޫގުލް އިން ރާއްޖޭގައި ސަބްމެރިން ކޭބަލް ސްޓޭޝަނެއް ގާއިމްކުރަނީ

އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ސްޓޭޝަނެއް ރާއްޖޭގައި ގާއިމް ކުރަން ގޫގުލް އިން ނިންމައިފި އެވެ.

ގޫގުލް އިން ނިންމާފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޒޭޝަންއަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރާށެވެ.

މި ނިންމުމާ ގުޅިގެން އެކަމަށް މަރުހަބާ ކިޔައި އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި، ދަތުރުފުޅުގައި އެމަނިކުފާނާއި ގޫގުލްގެ އެގްޒެކެޓިވްސްއާ ދެމެދު ބޭއްވުނު މަޝްވަރާތަކަށް ފަހު ކުރިއަށް ގެންދަން ނިންމި މަޝްރޫއުއެއް ކަމަށެވެ.

މި ތާރީހީ މަޝްރޫއަކީ، ދުނިޔޭގައި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ދާއިރާގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރަން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި ހިތަދޫގައި ގާއިމްކުރާ ފެސިލިޓީ ވެގެންދާނީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑްކުރުމުގެ ގާބިލުކަން ލިބިފައިވާ ފެސިލިޓީއަކަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖެ ވެގެންދާނީ އޭޝިއާ، އޯޝޭނިއާ، އެފްރިކާ މެދުއިރުމަތި އަދި ޔޫރަޕު "ގުޅުވައިދޭ އިތުބާރު ހުރި، ޑިރިޒަލް ގޭޓްވޭއެއްގެ ގޮތުގައި ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"މިއީ އިންޑިއާ ކަނޑުގައި ގާއިމުވެގެންދާ ޑިރިޒަލް ކަނެކްޓިވިޓީ، ކޮރިޑޯގައި ރާއްޖެ މައި ހަބެއްގެ ގޮތުގައި ގާއިމްވުމަށް، ލިބިގެންދާ -ފުރުސަތެއް. މާލޭގެ އިތުރުން ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ކަނެކްޓިވިޓީ ޕޮއިންޓާއި އައްޑޫ ސިޓީ ހިތަދޫގައި ގާއިމްކުރެވޭ މި އިންޓަނޭޝަނަލް ކަނެކްޓިވިޓީ ޕޮއިންޓްތަކާ އެކު، ރާއްޖޭގެ އިގްތިސޯދީ ތަރައްގީއަށް މަގުފަހިވެ، ސަރަހައްދީ މުވާސަލާތީ މަރުކަޒެއްގެ ގޮތުގައި ދިވެހިރާއްޖެ ވެގެންދާނެ،" ބަޔާނުގައި ބުންޏެވެ.

މިނިސްޓްރީން ބުނީ ގޫގުލްގެ މި އިންވެސްޓްމަންޓުގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރަން ޝައުގުވެރިވާ މިންވަރު އިތުރަށް ހާމަވެގެންދާނެ ކަމަށާއި އަދި ކްލައުޑް ސާވިސަސް، ފިންޓެކް، ޑިޖިޓަލް ކޮންޓެންޓް އަދި، ޓެކްނޮލޮޖީ ސްޓާޓް-އަޕްސް ފަދަ ދާއިރާތައް އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތު އޮތް މިންވަރު ދައްކުވައިދޭ ކަމަށެވެ.

މި މަޝްރޫއަކީ އިގުތިސޯދު ސިންދަފާތުކޮށް، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއެއް ކަމަށް ވެސް މިނިސްޓްރީން ދެކެ އެވެ.

މިނިސްޓްރީން ބުނީ މި އިންގިލާބީ މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބުކަމާ އެކު ތަންފީޒުކުރަން ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.