ޕެންޝަން ބޯޑާއި މެނޭޖްމަންޓުން ގާނޫނާ ހިލާފަށް އަމަލެއް ނުކުރޭ: އިނާޒް
ޕެންޝަން ބޯޑާއި މެނޭޖްމަންޓުން ގާނޫނާ ހިލާފަށް އަމަލެއް ނުކުރޭ: އިނާޒް

މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، ޕެންޝަން ފަންޑުން އެ ފައިސާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓް ކުރުމުގެ މުއާމަލާތަކީ ގާނޫނާ ހިލާފަށް ކުރާ ކަމެއް ކަމަށް އެކި ފަރާތްތަކުން ކުރަމުން ގެންދާ ތުހުމަތުތަކަށް ޕެންޝަން ބޯޑުގެ ޗެއާޕާސަން އަދި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް މިއަދު ރައްދު ދެއްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިނާޒް ވިދާޅުވީ، ޕެންޝަން އޮފީހާއި ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތައް އަދި އެތެރޭގެ އުސޫލުތަކާ ހިލާފަށް ޕެންޝަން ބޯޑާއި މެނޭޖުމަންޓުން އަމަލު ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ކޮންމެ ސަރުކާރެއްގެ ވެސް މާލީ ސިޔާސަތުގެ ސަަބަބުން ޕެންޝަން ފަންޑުގެ ސަސްޓެއިނަބިލިޓީ އަށް އަތުވެދާނެ ނޭދެވޭ އަސަރު ކުޑަކުރަން މަޝްވަރާ ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"...މި ފަންޑުގެ ސަސްޓެއިނަބިލިޓީ އާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ޕެންޝަން ބޯޑުގެ ޗެއާޕާސަންގެ ހައިސިއްޔަތުން އަޅުގަނޑުގެ އެންމެ އިސް ވާޖިބު ކަމުގައި ދެކެމެވެ،" އިނާޒް ވިދާޅުވި އެވެ.

އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، ޕެންޝަން ފަންޑުން އެ ފައިސާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓް ކުރުމުގެ މުއާމަލާތަކީ ފައިސާ ޗާޕްކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާއިރު، ސަރުކާރުން ބުނަމުން އަންނަނީ އެއީ ފައިސާ ޗާޕްކުރުން ނޫން ކަމަށެވެ.

ފިނޭންސް މިނިސްޓްރީން "މިހާރު" އަށް ކުރިން ދިން ޖަވާބެއްގައި ބުނީ ސަރުކާރުން ޕެންޝަން ފަންޑަށް ވިއްކި ޓީބޮންޑުތައް ސެކަންޑަރީ މާކެޓުގައި އެމްއެމްއޭ އިން ގަންނަން ނިންމައި، އެ ފަންޑުން އަނެއްކާ ވެސް ސަރުކާރުން އިތުރު ޓީބޮންޑު އިޝޫ ކުރުމަކީ ރަނގަޅު މުއާމަލާތެއް ކަމަށެވެ.

"އެއީ ފައިސާ ޗާޕުކުރުމެއް ނޫނީ މަނިޓައިޒޭޝަނެއް ނޫން. އެއީ ކަނޑައެޅިފައިވާ ގާނޫނީ އޮނިގަނޑުތަކުގެ ދަށުން ކުރެވޭ މާކެޓް އަސާސްތަކުގެ މައްޗަށް ބިނާކުރެވިފައިވާ މާލީ މުއާމަލާތެއް. އެމްއެމްއޭ އިން ސެކަންޑަރީ މާކެޓުގައި ބައިވެރިވުމަކީ މާލީ ސްޓެބިލިޓީ ދެމެހެއްޓުމަށާއި އިގްތިސާދުގެ ތެރޭގައި އެންމެ އެކަށީގެންވާ ގޮތުގައި ލިކުއިޑިޓީ މެނޭޖްކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ އާންމު ވަސީލަތެއް،" ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު އޭރު ވިދާޅުވެފައި ވެ އެވެ.