17 ނޮވެމްބަރ 2025 - 19:39

ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި 26 ޖުލައި 1965 ގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ބޭނުންކުރި ދެ ގޮނޑި ދިވެހި ސަރުކާރަށް އިނގިރޭސިވިލާތުން ހަދިޔާކޮށްފި އެވެ.
އިނގިރޭސިވިލާތުގެ ފަރާތުން އެ ގޮނޑިތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ ސަފީރު ނިކޮލަސް ޑޭވިޑް ލޯ އެވެ. ރާއްޖޭގެ ފަރާތުން އެ ގޮނޑިތަކާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލެވެ. އަދި މި ރަސްމިއްޔާތުގައި ތަރިކައާ ބެހޭ ވަޒީރު، އާދަމް ނަސީރު އިބްރާހީމް ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ހަލީލް ވަނީ އެ ގޮނޑިތަކުގެ ރަމްޒީ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ އެ ގޮނޑިތަކުން ރަމްޒުވަނީ ދިވެހިރާއްޖެ މިނިވަން ސިޔާދަތީ ދައުލަތެއްގެ ގޮތުގައި އެޅި ފުރަތަމަ ފިޔަވަޅުގެ ވަގުތުކޮޅު ކަމަށެވެ.
މިފަދަ މާނަފުން ހަދިޔާއަކުން ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ރަހުމަތްތެރިކަމުގެ ގާތްގުޅުން ދައްކުވައިދޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ ސަފީރު ނިކޮލަސް ލޯ ދެއްކެވި ވާހަކަގައި، ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އެރުވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައިވާ ތާރީހީ ގުޅުމުގެ މައްޗަށް އަލިއަޅުއްވައި، ތަފާތު އެކި ދާއިރާތަކުން ކުރިއަށްދާ އެއްބާރުލުމާ ގުޅޭ ގޮތުން ވާހަަކަ ދެއްކެވި އެވެ.