ފުވައްމުލަކަށް ދޫކުރާ ފެން މިންގަނޑުތަކަށް ފެތޭ ކަމަށް ޔޫޓިލިޓީ އޮތޯރިޓީން ވެސް ބުނެފި
ފުވައްމުލަކަށް ދޫކުރާ ފެން މިންގަނޑުތަކަށް ފެތޭ ކަމަށް ޔޫޓިލިޓީ އޮތޯރިޓީން ވެސް ބުނެފި

ފުވައްމުލަކުގައި ދޫކުރާ ފެނަކީ މިންގަނޑުތަކަށް ފެތޭ ފެނެއް ކަމަށް ޔޫޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީން ވެސް ބުނެފި އެވެ.

އެ އޮތޯރިޓީން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ ފެނަކަ ކޯޕަރޭޝަނުން ފުވައްމުލަކަށް ދޫކުރާ ފެނަކީ އެ އޮތޯރިޓީގެ ސަޕްލައި ވޯޓާ މިންގަނޑަށް ފެތޭ ފެނެއް ކަމަށެވެ.

އެ އޮތޯރިޓީން އެހެން ބުނިއިރު، މޯލްޑިވްސް ފުޑް އެެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ބަޔާނެއްގައި ވެސް ބުނެފައިވަނީ ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރާ މުނިސިޕަލް ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކި ސަރަހައްދުތަކުން ފެން ނަގައި ތަހުލީލުކޮށްފައިވާ ކަމަށެވެ.

އެ ތަހުލީލުތަކުގެ ނަތީޖާ ދައްކާ ގޮތުގައި އެއީ ސިއްހަތާ ބެހޭ ޖަމިއްޔާގެ، ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

ނަމަވެސް، ފުވައްމުލައް ސިޓީއަށް ދޫކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރަން ފެނަކަ ކޯޕަރޭޝަނާ ދެކޮޅަށް ދައުވާކުރަން ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

ފުވައްމުލުގެ ފެނާ ގުޅޭގޮތުން ހެދި ޓެސްޓުތަކުން، ފެނުގައި ޖަރާސީމުގެ އަސަރު ހުރި ކަމަށް ދައްކާތީ މިދިޔަ ހޯމަ ދުވަހު އެ ރަށުން އެއްކޮށް ފެނުގެ ހިދުމަތް ކަނޑާލި އެވެ. އަދި ފެނުގެ ރައްކާތެރިކަން ކަށަވަރުނުކޮށް މިދިޔަ ބުރާސްފަތި ދުވަހު އަލުން ފެން ދޫކުރަން ފެށުމުން ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެކަމާ ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ފެނުގެ މައްސަލައަށް ހައްލު ހޯދަން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށް އެކި ފަހަރު މަތިން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް، އެ މައްސަލަތަކަށް ހައްލެއް ނުލިބި، މިދިޔަ މަހުގެ މެދު ތެރެއިން ފެށިގެން ފެނުގެ ހިދުމަތް މެދުކެނޑެން ފެށުމާއި ފެން ތަޣައްޔަރުވެފައިވާ ކަމުގެ ޝަކުވާ އިތުރުވުމުން އެ ކައުންސިލުން ކަމާގުޅުން ހުރި އިދާރާތަކަށް ހުށަހަޅައި ފެން ޓެސްޓުކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ކައުންސިލްގެ ބަޔާނުގައިވާ ގޮތުން އެރަށަށް އަލުން ފެން ދޫކުރަން ފެށީ އެ ފެނަކީ ރައްކާތެރި ފެނެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެންގުމުން ކަމަށް ވީ ނަމަވެސް، އެމްއެފްޑީއޭގެ ތަހުލީލުތަކާއި އޭގެ ނަތީޖާ މިހާތަނަށް ކައުންސިލާ ހިއްސާ ކޮށްފައިނުވާ ކަމަށެވެ.

ރައްކާތެރި ފެން ފޯރުކޮށްދިނުމަކީ އިންސާނީ ހައްގެއް ކަމަށްވީ ނަމަވެސް އެ ސިޓީގެ ރައްޔިތުން އެކަމުން މަހުރޫމްވަމުން ދާތީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ފުވައްމުލަކަށް ދޫކުރަނީ ރައްކާތެރި ފެން ކަން ޔަގީންކޮށް ދިނުމަށާއި އަދި ގޭގެއަށް ފެން ފޯރުކޮށްދިނުމުގައި ޔުޓިލިޓީ އޮތޯރިޓީ އާއި ކަމާގުޅޭ އެހެން އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފުރިހަމައަށް ތަބާވުމަށް ފެނަކައިގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި ޝަރީއަތަށް މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ކައުންސިލްގެ ބަޔާނުގައި، ފެނުގެ ނެޓްވޯކް ރަނގަޅުކުރަން ހުށަހަޅާފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު ޔުޓިލިޓީ އޮތޯރިޓީއަށް ހުށަހަޅައި، އަދި އެކަމުގެ ހުއްދަ ލިބިގެން ކައުންސިލަށް އެންގުމުން ނޫނީ އެ ރަށަށް ފެން ދޫނުކުރަން ފެނަކައަށް ވަނީ އިލްތިމާސްކޮށްފަ އެވެ.