ހާލަތު ބަލަން މަޖިލިހުގެ ފަރާތުން ނާޒިމާއި ސަލީމް އެމްޕީއެލް ބަނދަރަށް
ހާލަތު ބަލަން މަޖިލިހުގެ ފަރާތުން ނާޒިމާއި ސަލީމް އެމްޕީއެލް ބަނދަރަށް

އެމްޕީއެލްގެ ބަނދަރުގެ ހާލަތު ބަލަން ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރު އަހުމަދު ސަލީމް (ރެޑްވޭވް) އެ ތަނަށް ވަޑައިގެންފި އެވެ.

ހާލަތު ބަލަން މަޖިލިހުގެ ފަރާތުން ނާޒިމާއި ސަލީމް އެމްޕީއެލް ބަނދަރަށް
ހާލަތު ބަލަން މަޖިލިހުގެ ފަރާތުން ނާޒިމާއި ސަލީމް އެމްޕީއެލް ބަނދަރަށް

މި ޒިޔާރާތުގައި ދެ ބޭފުޅުން ވެސް ވަނީ މާލޭ ވިޔަފާރި ބަނދަރު ސަރަހައްދަށް ވަޑައިގެންފަ އެވެ. އަދި އެމްޕީއެލްގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސީއީއޯ މުހައްމަދު ރިޝްވާނާއި ކުންފުނީގެ މެނޭޖްމަންޓާ އެކު މަޝްވަރާ ކުރެއްވި އެވެ.

އެމްޕީއެލްގެ ބަނދަރުގެ ހާލަތާއި ދިމާވާ ދަތިތައް ރިޝްވާން ހިއްސާ ކުރެއްވި އެވެ.

މި ޒިޔާރާތާ ގުޅޭ ގޮތުން ނާޒިމް "މިހާރު" އަށް ވިދާޅުވީ އެތަނަށް ވަޑައިގެންނެވީ ބަނދަރުގެ ހާލަތު ވަޒަންކޮށް، ހުރި މައްސަލަތައް ދެނެގަތުމަށްޓަކައި ކަމަށެވެ. ފަހަކަށް އައިސް ފެންމަތިވާ ކަންތައްތަކަށް ބަލާއިރު، ވިޔަފާރި ބަނދަރުގައި ހުރި ގިނަ މައްސަލަތައް ފާހަގަކުރެވޭތީ، އެ ކަންކަން ހައްލުކުރަން ހާލަތު ދެނެގަތުން މުހިންމު ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ބޭނުމަކީ އަސްލު ހާލަތު އަޅުގަނޑުމެން ދެނެގަތުން. އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ކަންކަން އަޅުވާއިރު ހާލަތު އަޅުގަނޑުމެން ދެނެގަނެ ކަންކަން ހައްލު ކުރެވޭތޯ މި އުޅެނީ،" 241 ކޮމިޓީގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވި އެވެ.

ރާއްޖެ އެތެރެކުރާ ކޮންޓެއިނާތައް ސްކޭން ކުރާ ސިސްޓަމް ބެހެއްޓުމަށް ބަނދަރުގައި ޖާގަ ހުރިކަން ކަށަވަރުކޮށް، އެ މަސައްކަތް ކުރިއަށް ގެންދެވޭނެ މަގެއް ހޯދުމަކީ ވެސް ޒިޔާރާތުގެ އެއް ބޭނުން ކަން ނާޒިމް ފާހަގަކުރެއްވި އެވެ.

ސްކޭނަރު ބެހެއްޓުމަށްޓަކައި ކަސްޓަމްސްއިން މަސައްކަތް ފެށި އިރު، އެކަމަށް ބޭނުންވާ ފައިނޭންސް ހަމަޖައްސާނެ ކަމުގެ ޔަގީންކަން ބަޖެޓު ކޮމިޓީ އަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ދެއްވައިފަ އެވެ. އެ ސިސްޓަމް ގާއިމް ކުރުމުން މިހާރު ދިމާވާ ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް ކަސްޓަމްސް އަދި އެމްޕީއެލް އިން ވެސް ވަނީ ބުނެފަ އެވެ.

މި ފަހުން ކަސްޓަމްސްގެ އެކި މައްސަލަތައް ފާހަގަކޮށް 241 ކޮމިޓީން ތަހުގީގެއް ކޮށް، ރިޕޯޓެއް ވަނީ އެކުލަވާލައިފަ އެވެ. ކަސްޓަމްސް އިން އަމަލުކުރާ ގޮތުން ބަނދަރުތަކުގެ ސަލާމަތީ ބައެއް ކަންކަން ބޮއްސުންލާފައިވާ ކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެ ކޮމިޓީން މިހާރު ވެސް ގެންދަނީ ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލަ ތަހުގީގުކުރަމުންނެވެ.

އެ މައްސަލައާ ގުޅިގެން ވެސް ބަނދަރުގައި ހުރި ދޯހަޅި ކަންކަން ދެނެގަތުމުގެ މަސައްކަތް ކޮމިޓީން އަންނަނީ ކުރަމުންނެވެ.