17 ނޮވެމްބަރ 2025 - 16:30

ވިސްނުންތެރިކަމާ އެކު ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަމުން ގެންދަވާތީ އޭގެ ސަބަބުން ހެޔޮވެރިކަމުގެ ނިޝާންތައް މުޅި ދައުލަތުންނާއި މުޖުތަމައުން ފެނިވަޑައިގަންނަވާ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް މިއަދު ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރެއްވި އެއްވެސް ރައީސަކަށް އަތްލާން ކެރިވަޑައިނުގެންނެވި އެތައް ކަމެއް ހައްލުކުރައްވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
މި ވެރިކަމުގެ ކުރިން، މުޖުތަމައުގައި ނޭދެވޭ ކަންކަން އުފެދި ނަފްސުގެ ރައްކާތެރިކަން ނެތް ހިސާބަށް ގައުމުގެ ކަންކަން ދިޔައީ ކުރީގެ ރައީސުން ފަސޭހަ ގޮތްތައް އިހްތިޔާރު ކުރެއްވުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ކުރީގެ ރައީސުން ފަސޭހަ ގޮތްތައް އިހްތިޔާރުކުރެއްވުމުގެ ސަބަބުން މުޖުތަމައުގައި ނޭދެވޭ ކަންކަން އުފެދި ނަފްސުގެ ރައްކާތެރިކަން ނެތް ހިސާބަށް ގައުމުގެ ކަންކަން ދިޔަ ކަމަށެވެ. އެކަމަކު ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވޭޕް މަނާކުރުމާއި ޑްރަގާ ދެކޮޅަށް ވެސް މަސައްކަތްތައް ފައްޓަވާފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
"ރައީސް ވަޑައިގެންނެވުމަށް ފަހު ވޭޕް މަނާކުރުމާއި މިސާލަކަށް ޑްރަގާ ގުޅޭ އޮޕަރޭޝަންތައް، އެކަން ހުއްޓުވުމަށްޓަކާ މުޖުތަމައުގެ ތެރޭގައި އޮތް ބިރުވެރިކަން ނައްތާލުމަށްޓަކާ އަދި މީގެ ތެރޭގައި އުޅޭ ފަރާތްތައް މުޖުތަމައުގެ ތެރެއަށް ގެނެވޭނެ ގޮތަކަށް އެ މީހުންނަށް ރިހެބިލިޓޭޝަންގެ ފުރުސަތު ހޯދައިދީފައި އެކަން ފެއްޓެވީ،" ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު ކަންކަން ކުރައްވަމުން ގެންދަވަނީ ނިޒާމެއްގެ ތެރެއިން ކަމަށާއި އެއީ ހަމަ ހުންނަވާފައި ކުރައްވާ ކަމަށްް ކަމަކަށް ނުވާތީ އެ މަސައްކަތްތަކަށް ވެސް ވަގުތު ބޭނުންވާނެ ކަމަށެވެ. ރައީސް މަސައްކަތް ކުރައްވަނީ މުއައްސަސާތައް ހަރުދަނާކުރައްވައި އެ ތަންތަނަށް ދޭން ޖެހޭ ގާނޫނީ ބާރު ވެސް ދެއްވައިގެން ކަމަށް ވިދާޅުވި އެވެ.
"ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އެ އަޅުއްވަނީ ވަރަށް ވިސްނުންތެރިކަމާ އެކީގައި ނިޒާމެއްގެ ތެރެއިން. ރައްޔިތުންނަށް އެންމެ ނިކަމެތި މީހާއަށް ވެސް އޭގެ މަންފާ ލިބޭނެ ގޮތަށް. އެ އިހުސާސް ދިވެހި ނިކަމެތި ރައްޔިތު މީހާއަށް ވުމަކީ އެއީ އިހްލާސްތެރި ވެރިއަކު ކިޔަމަންތެރި ވެރިއަކު ހުރި ކަމުގެ މިސާލެއް،" ނައިބް ރައީސް ވިދާޅުވި އެވެ.
"އެއީ ހެޔޮވެރިކަން. ހެޔޮވެރިކަމުގެ ނިޝާންތައް މިއަދު ދިވެހި ދައުލަތުން، މުޅި މުޖުތަމައުން ފެންނަމުން މި ދަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ގޮންޖެހުންތަކާ އެކު ވެސް ބާރު ސްޕީޑުގައި ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ރައީސާ އެކު މަސައްކަތް ކުރައްވަނީ ވަރަށް ބަދަހިކޮށް، އެކުވެރިކަމާ އެކުގައި ކަމަށާއި ހުރިހާ މަސައްކަތްތަކެއްގައި ވެސް ރައީސްގެ ލަފަޔާއި އިރުޝާދު ލިބިވަޑައިގަންނަވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.