ސެމްސަންގް ފޯނުތަކުން ރިމޫވް ނުކުރެވޭ އެޕަކީ އިޒްރޭލުގެ ޖާސޫސީ އެޕެއް؟
ސެމްސަންގް ފޯނުތަކުން ރިމޫވް ނުކުރެވޭ އެޕަކީ އިޒްރޭލުގެ ޖާސޫސީ އެޕެއް؟

ސެމްސަންގް ގެލެކްސީ ފޯންތަކުގައި އިންނަ، ރިވޫމް ނުކުރެވޭ އެޕެއް ކަމަށްވާ "އެޕްކްލައުޑް" އަކީ އިޒްރޭލުގެ ސްޕައިވެއާއެއް ކަމަށް ބުނާ ވާހަކައިގެ އަޑު ގަދަވެއްޖެ އެވެ.

މިއީ ފޯނުގައި އެހެން އެޕްތައް އިންސްޓޯލް ކުރުމަށް ބާރުއެޅުމުގެ ގޮތުން ފަރުމާކޮށްފައިވާ މާކެޓިން އެޕެކެވެ.

މިއީ އިޒްރޭލުގެ ސްޕައިވެއާއެއް ކަމަށް ބުނާ ވާހަކަ މާބޮޑަށް ފެތުރެން ފެށީ ހުޅަނގު އޭޝިއާ އާއި އުތުރު އެފްރިކާގެ ޑިޖިޓަލް ސްޕޭސްތަކުގައި އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް ކުރިއެރުވުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އެސްއެމްއީއެކްސް އިން ސެމްސަންގަށް ފޮނުވި ސިޓީއަކާ އެކުގަ އެވެ.

އެ ސިޓީގައި ވަނީ، އިޒްރޭލުގައި އުފައްދާފައި ހުންނަ ބްލޯޓްވެއާ ބޭނުންކުރަން މަޖުބޫރުކުރުން ނިމުމަކަށް ގެނައުމަށް ގޮވާލައިފަ އެވެ.

މި އެޕް އިޒްރޭލުގައި ޑިވެލޮޕްކޮށްފައި ވަނީ މޮބައިލް، ޕީސީ އަދި ކޮންސޯލްތަކާއި އެހެން ޑިވައިސްތަކަށް ވެސް ގޭމްތަކާއި އިންޓަރެކްޓިވް އެކްސްޕީރިއަންސް އުފައްދާ އެމެރިކާގެ ކުންފުންޏަކުންނެވެ.

އެސްއެމްއީއެކްސް އިން ބުނީ "އެޕްކްލައުޑް" ދިރާސާ ކޮށްފައިވާ ކަމަށާއި އެއީ ޑިވައިސްތަކުގެ އޮޕަރޭޓިން ސިސްޓަމަށް ވަރަށް ބޮޑަށް އިންސްޓޯލް ކުރެވިފައި ހުންނަ އެއްޗެއް ކަމަށެވެ. އަދި ރޫޓް އެކްސެސް ނެތި އާދައިގެ ޔޫޒަރުންނަށް އެ އެޕް އަންއިންސްޓޯލްކުރަން ވަރަށް އުނދަގޫ ކަމަށް ބުނެފައިވެ އެވެ. ބްލޮޓްވެއާ ޑިސޭބަލް ކުރިޔަސް ސިސްޓަމް އަޕްޑޭޓާ އެކު އަލުން އެނބުރި އާދެ އެވެ.

މި އެޕާ ބެހޭ ގޮތުން ފޮނުވި ސިޓީ މިހާރު ވަނީ އިޒްރޭލާ ދެކޮޅު ނޫސްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް ވަރަށް ބޮޑަށް އާންމުވެފަ އެވެ. އެ ޕްލެޓްފޯމްތުގައި ބުނަނީ އެއީ ފޯނު ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު އެއްކުރާ ޖާސޫސީ އެޕެއް ކަމަށެވެ.

އަދި ބައެއް ގައުމުތަކުން މި އެޕާ ހެދި ސެމްސަންގް ޑިވައިސްތައް މަނާކުރަން ވިސްނަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު މިއިން އެއްވެސް ވާހަކަ އަކީ އަދި ސާބިތުވާ ވާހަކައެއް ނޫނެވެ. ނަމަވެސް އެ އެޕުން ޑޭޓާ ކަލެކްޓްކުރާ ނަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ނޭނގެ އެވެ.

ޓެކް ވެބްސައިޓްތަކުގައި ބުނެފައިވަނީ މި އެޕް ރިމޫވްކުރެވޭނެ ގޮތެއް ސެމްސަންގުން ހަދައިދީފާނެ ކަމަށާއި ރިމޫވް ނުކުރެވޭ މި ޒާތުގެ އެޕްތަކަކީ ފޯނު ބޭނުންކުރާ މީހުން ރުހޭ އެއްޗެއް ނޫން ކަމަށެވެ.