ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒިރު ޝައިހް ހަސީނާ މަރަން ހުކުމްކޮށްފި
ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒިރު ޝައިހް ހަސީނާ މަރަން ހުކުމްކޮށްފި

އިންސާނިއްޔަތާ ހިލާފް އަމަލުތައް ހިންގި ކަމުގެ ކުށް ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް ސާބިތުވާ ކަމަށް އެ ގައުމުގެ ހާއްސަ ކޯޓަކުން މިއަދު ކަނޑައަޅައި ދަންޖައްސައި މަރަން ހުކުމްކޮށްފި އެވެ.

ކުރީގެ އިންޓީރިއާ މިނިސްޓަރު އަސަދުއްޒަމާން ޚާން ކަމާލްގެ މައްޗަށް ވެސް މިއަދު ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ.

އުމުރުން 78 އަހަރުގެ ހަސީނާގެ ވެރިކަން މިދިޔަ އަހަރުގެ އޯގަސްޓް މަހު ވައްޓާލުމާ އެކު ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފަ އެވެ. އަދި އަސަދުއްޒަމާން ވެސް ފިއްލަވާފައި ވާތީ ހުކުމްކުރީ ޣައިރު ހާޒިރުގަ އެވެ.

ހުކުމް އިއްވުމާ އެކު ހަސީނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއީ ސިޔާސީ ހުކުމެއް ކަމަށެވެ.

ހަސީނާގެ މައްޗަށް ސާބިތުވެ ތިން ދައުވާއެއް ސާބިތުވި އިރު މަރުގެ ހުކުމް އައީ އެއް ދައުވާއަކަށެވެ. އެހެން ދައުވާއަކަށް އައީ އުމުރަށް ޖަލަށް ލުމެވެ. މި ހުކުމް އިއްވުމާ އެކު ކޯޓު ރޫމުގައި އުފާ ވެސް ފާޅުކުރި އެވެ.

ފަނޑިޔާރު ޣުލާމް މުރްތަޟާ މުޒްމުދާރް ހުކުމް އިއްވަވަމުން ވިދާޅުވީ ހަމަނުޖެހުން ހިންގުމާއި މީހުން މެރުމަށް އަމުރުކުރުމާއި އަނިޔާވެރި އަމަލުތައް ނުހުއްޓުވުމުގެ ކުށް ހަސީނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

"ހަސީނާގެ މައްޗަށް ތަންފީޒުކުރާނީ އެންމެ ހުކުމެއް ... އެއީ މަރުގެ ހުކުމް،" ފަނޑިޔާރު ވިދާޅުވި އެވެ.

މަރުގެ ހުކުމް އައީ އިންސާނިއްޔަތާ ހިލާފް ޖަރީމާތައް ހިންގުމުގެ ކުށަކަށެވެ. އެއީ އޭނާއާ ދެކޮޅަށް ދަރިވަރުން ކުރި މުޒާހަރާތައް ރޫޅާލަން މީހުން މެރުމަށް ބަޑިޖެހުން ފަދަ އަނިޔާވެރި އަމަލުތަކަށް އަމުރުކުރި މައްސަލައިގަ އެވެ.

ހަސީނާ އިންޑިއާގައި ހިމާޔަތް ހޯއްދަވައިގެން އުޅުއްވާއިރު އޭނާ ބަންގްލާދޭޝްއާ ހަވާލުކުރުމަށް އެދުނު އެއްވެސް އެދުމަކަށް އިންޑިއާއިން އިޖާބަދީފައެއް ނުވެ އެވެ.

ބަންގްލާދޭޝް އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް އިން ހަސީނާގެ މައްޗަށް ހިންގި ޝަރީއަތަށް ފަހު ހުކުމް އިއްވި އިރު ގައުމުގެ ސަލާމަތީ ކަންތައްތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.

ޖޫން 1 ގައި ހަސީނާގެ ޝަރީއަތްތައް އޭނާގެ ޣައިރު ހާޒިރުގައި ފަށައިގެން ކުރިއަށް ދިޔައިރު، ސަރުކާރާ ދެކޮޅު މުޒާހަރާތަކުގަ އާއި ސަރުކާރާ ދެކޮޅު މީހުން މެރުމުގައި ސީދާ ހަސީނާގެ ފަރާތުން އަމުރުތައް އައި ކަމުގެ ތުހުމަތު ސާބިތުކުރުމަށް އެތައް ބަޔަކު ހެކިބަސް ދީފައިވެ އެވެ. އދ. އިން އަންދާޒާކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި އާއި އޯގަސްޓް މަހާ ދެމެދު ބަންގްލާދޭޝްގައި 1،400 މީހަކު މަރާލާފައިވެ އެވެ.