17 ނޮވެމްބަރ 2025 - 13:52

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް މާލެ ސަރަހައްދުން ސަރުކާރުން ދޫކުރަން ތައްޔާރުވަމުން އަންނަ ފްލެޓާއި ގޯއްޗަށް ވެސް ކުރިމަތިލެވޭނީ މާލޭގައި 15 އަހަރަށް ވުރެ ދިގު މުއްދަތެއް މެދުނުކެނޑި އުޅުމުން ކަމަށް އުސޫލުގައި ހިމަނައިފި އެވެ.
ގެދޮރުގެ ދަތިކަން ހައްލުކުރުމަށް މި ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފުތިތާހުކުރުމަށް ފަހު ރޭ ވަނީ ފްލެޓާއި ގޯތި ދޫކުރުމުގެ އުސޫލު ގެޒެޓުކޮށްފަ އެވެ.
ފްލެޓު ދޫކުރުމުގެ އުސޫލުގައިވާ ގޮތުން އެކަމަށް ކުރިމަތިލުމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ތިން ކަމެކެވެ. އެއީ އުމުރުން 18 އަހަރުވުމާއި ދިވެހި ރައްޔިތަކަށް ވުމުގެ އިތުރުން މާލޭގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވުމެވެ.
އެ އުސޫލުގައި ބުނީ މާލޭގައި ދިރިއުޅޭ ބަައެއް ކަމުގައި ބަލާނީ މާލޭގެ ރަށްވެއްސެއްގެ
ގޮތުގައި ރަޖިސްޓަރީ ނުވެ، މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅޭ މީހުން ކަމަށެވެ. އަދި މާލެއަށް ދިރިއުޅުން ބަދަލުކުރުމަށް ފަހު، މާލޭގައި ދިރިއުޅުނު މުއްދަތަށް ވުރެ ކުރު މުއްދަތެއް އައި ނަމަވެސް މާލޭގައި ދިރިއުޅުނު ޖުމްލަ މުއްދަތު 15 އަހަރު ވެފައިވާ ނަމަ މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނު ކަމަށް ބެލެވޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
- މާލޭގައި މެދުނުކެނޑި އުޅުނު މުއްދަތު ގުނުމުގައި ވަކި ހާލަތްތަކެއްގައި އެ މީހަކު މާލޭގައި ދިރިއުޅެމުން ނުދިއުމަކީ މެދުކެނޑުމެއް ކަމަށް ނުބަލާނެ ކަމަށް ބަޔާންކޮށް ވަކި ހާލަތްތަކެއް ވެސް އުސޫލުގައި ހިމަނާފައިވެ އެވެ.
- ވަޒީފާ ދޭ ފަރާތުގެ ނިންމުމަކަށް ނުވަތަ ވަޒީފާގެ ޒިންމާއެއް އަދާކުރުމަށް މާލެއިން ބޭރުގައި ހުންނަން ޖެހުން.
- ތައުލީމު ހާސިލު ކުރުމަށް ނުވަތަ ސިއްހީ ފަރުވާއަށް ނުވަތަ އެހެން ޒަރޫރީ ސަބަބަކާހުރެ މާލެއިން ބޭރުގައި އެކަށީގެންވާ މުއްދަތަކަށް ހުންނަން ޖެހުން.
- މާލެއިން ބޭރުގައި ހުރި މުއްދަތުގައި އެޕްލިކަންޓުގެ އާއިލާ، މާލޭގައި ނުވަތަ ގްރޭޓާ މާލޭ ސަރަހައްދުގައި ދިރިއުޅެމުން ގެންދިއުން.
- މާލެއިން ބޭރުގައި ހުރި މުއްދަތުގައި އެޕްލިކަންޓުންގެ ދަރިން މާލޭގައި ނުވަތަ މާލޭގެ ސަރަހައްދުގައި ކިޔެވުން ކުރިއަށް ގެންދިއުން.
- މާލެ އިން ބޭރުގައި ހުރި މުއްދަތުގައި އެޕްލިކަންޓުގެ އަނބިމީހާ/ ފިރިމީހާ މާލޭގައި ދިރިއުޅެމުން ދިއުން ނުވަތަ ވަޒީފާ އަދާކުރަމުން ގެންދިއުން.
ގޯތި ދޫކުރުމުގެ އުސޫލުގައި ވެސް މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ކުރިމަތިލެވޭނީ އެ ޝަރުތުތައް ހަމަވާ ނަމަ އެވެ. އެއާ އެކު، ރާއްޖޭގެ އެއްވެސް ސަރަހައްދަކުން އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައި ނުވުމާއި އެ އަށް ވުރެ ކުޑަ ގޯއްޗެއް ލިބިފައިވާ ނަމަ އެ ބައި ދޫކޮށްލުން ފަދަ ކަންކަން ޝަރުތުކޮށްފައި ވެ އެވެ.
ގޯތި ދޫކުރުމުގެ އުސޫލުގައި ވެސް ވަނީ ފްލެޓު ދިނުމުގެ އުސޫލެކޭ އެއްގޮތަށް މާލޭގައި މެދުނުކެނޑި އުޅުން ކަމަށް ނުބަލާނެ ކަންކަން ހިމަނައިފަ އެވެ.
މާލެ ސަރަހައްދުން 7،500 ހައުސިން ޔުނިޓް އަދި 15،000 ގޯތި ދޫކުރާ މި މަޝްރޫއުއަށް ކުރިމަތިލުމަށް ހުޅުވާލާނީ އަންނަ އަހަރުގެ ޖެނުއަރީ 4 އަކުން މާޗު 3 ވަނަ ދުވަހުގެ ނިޔަލަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.