20 ނޮވެމްބަރ 2025 - 10:54

އިންޑިއާ އާއި ލަންކާ އާއި ބަންގަލަދޭޝާއި ނާޕާލާއި ބޫޓާނަށް ސާފްގެ އެކި މުބާރާތްތައް ބާހާލީ ރާއްޖޭގެ ކުރިމަތީގަ އެވެ. ސަރަހައްދީ ފުޓްބޯޅައިގެ އުމުރުފުރާގެ މުބާރާތެއް ރާއްޖޭގައި ބާއްވުމަށް ޔޫތު ފުޓްބޯޅައިގެ ކޯޗުންނާއި ކުޅުންތެރިންގެ ބެލެނިވެރިން ތިބީ ހުވަފެނެއްގަ އެވެ.

އެ ފުރުސަތު ހޯދަން އެފްއޭއެމުން އޭރު މަސައްކަތް ކުރިކަން "މިހާރު" އަށް އެނގިފަ ވެ އެވެ. އޭރު މަސައްކަތް ކުރީ މިއަހަރުގެ މުބާރާތެއްގެ ފުރުސަތު ހޯދުމަށެވެ.

އެކަމަކު އެ ފުރުސަތު ރާއްޖެ އަށް ނުދޭން ސާފްގެ ކޮންގްރެސްގެ ބައެއް މެންބަރުން އިއުތިރާޒު ކުރި އެވެ. ރާއްޖެއާ މެދު ސާފްގެ މެންބަރު ގައުމުތަކަށް އިތުބާރު އޮތީ ގެއްލިފަ އެވެ.
ސާފްގެ ކޮންގްރެސްގައި އޭރު ބައެއް މެންބަރުން އެކަމަށް އިއުތިރާޒު ކުރީ ރާއްޖޭގައި 2021 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ އިނާމު ފައިސާ އާއި ރެފްރީންނާއި މެޗު އޮފިޝަލުންގެ އިނާޔަތް ނުދިން މައްސަލައިގަ އެވެ.
އެފްއޭއެމުން މިހާރު ވަނީ އިނާމު ފައިސާގެ ގޮތުގައި ސާފަށް 75،000 ޑޮލަރު ދައްކައިފަ އެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ އަހްމަދު ޒަރީޒު ވިދާޅުވި ގޮތުގައި ސާފްގެ އިތުބާރު އަލުން ރާއްޖެ އަށް ހޯދަން އެފްއޭއެމްގެ މިހާރުގެ ލީޑާޝިޕުން ބޮޑު އިސްކަމެއް ދިނެވެ.
"މިދިޔަ ހަތަރުވަރަކަށް މަހު ވާނީ ސާފްއާ އަޅުގަނޑުމެންގެ ގުޅުން ހަރުދަނާކޮށްފަ،" ޒަރީރު ވިދާޅުވި އެވެ.
"މިދިޔަ މަހު ސައުދީ އަރަބިއާގެ ރިޔާޟްގައި އެފްއޭއެމްގެ ރައީސް [އަހްމަދު ތޯރިގް] ވަނީ ސާފްގެ ސެކްރެޓަރީ ޖެނަރަލް [ޕުރުތޯޝަމް ކަޓޭލް] އާ އެކު ވަރަށް ދިގުކޮށް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ. އަދި އެ މަޝްވަރާތަކުގެ ނަތީޖާ ވެސް ވަރަށް ރަނގަޅު."
އެހެންވެ އަންނަ އަހަރު މާޗް، އަދި އޭޕްރީލްގައި ބާއްވަން ތާވަލުކޮށްފައިވާ ސާފްގެ 20 އަހަރުންދަށުގެ މުބާރާތް ބާއްވަން ރާއްޖެ އަށް ފުރުސަތު ދޭނެކަމުގެ ބޮޑު އުއްމީދެއް އެފްއޭއެމަށް މިހާރު އެބައޮތެވެ.
ޖުލައި މަހު އެފްއޭއެމްގެ ހިންގުމާ ހަވާލުވި މިހާރުގެ އެކްސްކޯއިން އަންނަ އަހަރުގެ މުބާރާތް ބާއްވަން ޝައުގުވެރިކަން ފާޅުކުރުމަކީ ސަރަހައްދީ ފުޓްބޯޅައިގެ ކުރިއެރުމަށް އެހީތެރިވެދިނުމަށް ރާއްޖޭން ތައްޔާރަށް އޮތްކަން ހާމަކޮށްދޭ ކަމެއްކަމަށް އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
"މިކަމަށް ޝައުގުވެރިކަން ފާޅުކުރުމުން ދޭހަކޮށްދެނީ ސަރަހައްދީ ފުޓްބޯޅަ ތަރައްގީއަށް އެހީތެރިވެދިނުމަށާއި ބައިނަލްއަގްވާމީ ފެންވަރުގައި ޒުވާން ކުޅުންތެރިންނަށް ވާދަކުރުމުގެ ފުރުސަތުތައް ހޯދައިދިނުމުގެ މަގްސަދުގެ މަތީގައި އެފްއޭއެމުން ދެމިއޮތްކަމެވެ،" އިނގިރޭސިބަހުން ނެރުނު ބަޔާނުގައި އެފްއޭއެމުން ބުންޏެވެ.
"މި ފެންވަރުގެ މުބާރާތެއް ކާމިޔާބުކަމާއެކު ބާއްވައިލުމުގެ ޝައުޤުވެރިކަމާއި ގާބިލްކަން ރާޢްޖޭގައި އެބައޮތްކަމަށް އެގްޒެކެޓިވް ކޮމިޓީން ދެކެއެވެ. ފުރުސަތު ލިބިއްޖެނަމަ މި ފެންވަރުގެ މުބާރާތެއް ކާމިޔާބުކަމާއެކު ބޭއްވުމުގެ ގާބިލްކަން ރާއްޖޭގައި ހުރިކަމަށް އެގްޒެކެޓިވް ކޮމިޓީން ގަބޫލުކުރެ އެވެ."