17 ނޮވެމްބަރ 2025 - 11:55

ސާފް ޗެމްޕިއަންޝިޕުގެ 20 އަހަރުން ދަށުގެ މުބާރާތް އަންނަ އަހަރުގެ މާޗު/ އޭޕްރިލްގައި ރާއްޖޭގައި ބާއްވަން އެފްއޭއެމުން ރަސްމީކޮށް ހުށަހަޅައިފި އެވެ.
އެފްއޭއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި މުބާރާތް ރާއްޖޭން ހޯސްޓުކުރަން ހުށަހަޅަން އެ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީން ފާސްކުރުމާ އެކު އެ ނިންމުން، ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އާ ހިއްސާކޮށްފައިވާ ކަމަށެވެ.
އެފްއޭއެމުން ބުނީ މިއީ ސަރަހައްދީ ފުޓްބޯޅަ ކުރިއެރުމަށާއި، ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގްވާމީ ފުރުސަތުތައް ހޯދައިދޭން އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތުގެ ބައެއް ކަމަށެވެ.
"މި އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީން ދެކޭ ގޮތުގައި މި ފުރުސަތު ލިބިއްޖެ ނަމަ މި ފެންވަރުގެ މުބާރާތެއް ބާއްވާނެ ގާބިލްކަމާއި، އެކަމުގެ ފޯރި ރާއްޖޭގައި އެބައޮތެވެ،"
"އެފްއޭއެމް މިހާރު ވެސް އޮތީ މުބާރާތް ބާއްވަން ފުރުސަތު ލިބިއްޖެ ނަމަ އިންތިޒާމުތައް ހަމަޖައްސަން ތައްޔާރުގައި."
ރާއްޖޭން ވަނީ މީގެ ކުރިން ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް ހޯސްޓުކޮށްފަ އެވެ. އޭގެ ތެރޭގައި 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ، 2014 ގެ އޭއެފްސީ ޗެލެންޖް ކަޕް، އަދި 2021 ގެ ސާފް ޗެމްޕިއަންޝިޕް ހިމެނެ އެވެ. އަދި 2009 ގެ އޭއެފްސީ ޗެލެންޖް ކަޕާއި، 2008 ގެ ސާފް ޗެމްޕިއަންޝިޕުގެ ބައެއް މެޗުތައް ވެސް ހޯސްޓުކުރި އެވެ.
މި މުބާރާތް ރާއްޖޭން ހޯސްޓުކުރުމުގެ މަގުސަދަކީ، ފުޓްބޯޅަ އަށް އާއްމުންގެ އިތުބާރު އަލުން ހޯދައިދީ، ރާއްޖޭގައި އެ ކުޅިވަރުގެ ފޯރި އަނެއްކާ ވެސް ދިރުވައި، އާލާކުރުމެވެ.
އެފްއޭއެމްގެ މިދިޔަ ދައުރުގައި އެ އެސޯސިއޭޝަނުގެ ތެރޭގައި ހިޔާނާތް އާއްމުވެ، ހިންގުން ދޯދިޔާވެ ފުޓްބޯޅައިގެ ހަރަކާތްތައް އޮތީ ވަރަށް ބޮޑަށް ހުއްޓިފަ އެވެ. މިހާރުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާއި، އެގްޒެކެޓިވް ކޮމިޓީ ހޮވުނީ، މައްސަލަ ހައްލުކުރަން ފީފާ އިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީން ބޭއްވި އިންތިހާބު ކާމިޔާބުކޮށްގެންނެވެ.
އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތް ބަލައިގަނެ، ތާއީދުއޮތްކަން ދައްކަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ދާދި ފަހުން ރާއްޖެ އަށް ދަތުރެއް ކުރައްވައިފަ އެވެ.