ފުވައްމުލަކަށް ދޫކުރާ ފެނުގެ މައްސަލާގައި ކައުންސިލުން ކޯޓަށް
ފުވައްމުލަކަށް ދޫކުރާ ފެނުގެ މައްސަލާގައި ކައުންސިލުން ކޯޓަށް

ފުވައްމުލައް ސިޓީއަށް ދޫކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރަން ފެނަކަ ކޯޕަރޭޝަނާ ދެކޮޅަށް ދައުވާކުރަން އެރަށު ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ފުވައްމުލުގެ ފެނާ ގުޅޭގޮތުން ހެދި ޓެސްޓުތަކުން، ފެނުގައި ޖަރާސީމުގެ އަސަރު ހުރި ކަމަށް ދައްކާތީ މިދިޔަ ހޯމަ ދުވަހު އެ ރަށުން އެއްކޮށް ފެނުގެ ހިދުމަތް ކަނޑާލި އެވެ. އަދި ފެނުގެ ރައްކާތެރިކަން ކަށަވަރުނުކޮށް މިދިޔަ ބުރާސްފަތި ދުވަހު އަލުން ފެން ދޫކުރަން ފެށުމުން ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެކަމާ ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ފެނުގެ މައްސަލައަށް ހައްލު ހޯދަން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށް އެކި ފަހަރު މަތިން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް، އެ މައްސަލަތަކަށް ހައްލެއް ނުލިބި، މިދިޔަ މަހުގެ މެދު ތެރެއިން ފެށިގެން ފެނުގެ ހިދުމަތް މެދުކެނޑެން ފެށުމާއި ފެން ތަޣައްޔަރުވެފައިވާ ކަމުގެ ޝަކުވާ އިތުރުވުމުން އެ ކައުންސިލުން ކަމާގުޅުން ހުރި އިދާރާތަކަށް ހުށަހަޅައި ވަނީ ފެން ޓެސްޓުކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ނަތީޖާއިން ގިނަ މައްސަލަތަކެއް ފާހަގަކުރެވި، ހަތް ކަމެއް ރަނގަޅުކުރަން ވަނީ އަންގައިފަ އެވެ. އެ ކަންކަމަކީ؛

- މައްސަލަ ޖެހިފައިވާ ފެން ޕްލާންޓު މަރާމާތުކޮށް، އޮޕަރޭޓްކުރަން ފެށުން

- މައްސަލަ ޖެހިފައިވާ ބޯހޯލްތައް ވީހާ ވެސް އަވަހަކަށް މަރާމާތުކޮށް ބޭނުންކުރަން ފެށުން

- ތިން ވަނަ ސްޓޯރޭޖް ޓޭންކު މަރާމާތުކޮށް ބޭނުންކުރަން ފެށުން

- ފެނުގެ ނިޒާމުގައި ހުރި ލީކުތައް ދެނެގަނެ، ލީކުވުމަށް ދިމާވާ ސަބަބުތައް ހޯދައި އަދި އެކަން ހައްލުކުރުން

- ކްރޮސް ކަނެކްޝަން ހަދާފައިވާ ގެތައް ބަލައި، އެކަންކަން ހައްލުކުރުން

- ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ފެން ޓެސްޓްކުރުން

- ފުވައްމުލަކުގެ ފެނުގެ ޑިމާންޑް އިތުރުވާތީ، ފެނުގެ ނިޒާމް އަޕްގްރޭޑް ކުރަން މަސައްކަތް ފެށުން

ކައުންސިލްގެ ބަޔާނުގައިވާ ގޮތުން އެރަށަށް އަލުން ފެން ދޫކުރަން ފެށީ އެ ފެނަކީ ރައްކާތެރި ފެނެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެންގުމުން ކަމަށް ވީ ނަމަވެސް، އެމްއެފްޑީއޭގެ ތަހުލީލުތަކާއި އޭގެ ނަތީޖާ މިހާތަނަށް ކައުންސިލާ ހިއްސާ ކޮށްފައިނުވާ ކަމަށެވެ.

"މިކަމާ ގުޅިގެން ކައުންސިލުން އެދިފައިވާނީ ކުރެވުނު ޓެސްޓުތަކާއި އޭގެ ނަތީޖާ ކައުންސިލާ ހިއްސާ ކުރުމަށެވެ. ނަމަވެސް މިހާތަނަށް އެ މައުލޫމާތު ކައުންސިލަށް ލިބިފައެއް ނުވެ އެވެ. އަދި ފެނުގެ ރައްކާތެރިކަމާ މެދު ރައްޔިތުންގެ ޝަކުވާތައް ދަނީ ލިބެމުންނެވެ." އެ ބަޔާނުގައިވެ އެވެ.

ރައްކާތެރި ފެން ފޯރުކޮށްދިނުމަކީ އިންސާނީ ހައްގެއް ކަމަށްވީ ނަމަވެސް އެ ސިޓީގެ ރައްޔިތުން އެކަމުން މަހުރޫމްވަމުން ދާތީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ފުވައްމުލަކަށް ދޫކުރަނީ ރައްކާތެރި ފެން ކަން ޔަގީންކޮށް ދިނުމަށާއި އަދި ގޭގެއަށް ފެން ފޯރުކޮށްދިނުމުގައި ޔުޓިލިޓީ އޮތޯރިޓީ އާއި ކަމާގުޅޭ އެހެން އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފުރިހަމައަށް ތަބާވުމަށް ފެނަކައިގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި ޝަރީއަތަށް މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ކައުންސިލްގެ ބަޔާނުގައި، ފެނުގެ ނެޓްވޯކް ރަނގަޅުކުރަން ހުށަހަޅާފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު ޔުޓިލިޓީ އޮތޯރިޓީއަށް ހުށަހަޅައި، އަދި އެކަމުގެ ހުއްދަ ލިބިގެން ކައުންސިލަށް އެންގުމުން ނޫނީ އެ ރަށަށް ފެން ދޫނުކުރަން ފެނަކައަށް އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން ފެނުގެ ރައްކާތެރިކަމާ މެދު އެއްވެސް ޔަގީން ކަމެއް ނެތުމުން، ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން ސަޕްލައި ފެން ބޭނުން ކުރުމުގައި އާންމުން ސަމާލުވުމަށް ވެސް އެ ބަޔާނުގައި ކައުންސިލުން ވަނީ އެދިފަ އެވެ.

އެ ބަޔާނުގައިވާ ގޮތުން ރައްކާތެރި ފެން ކަން ޔަގީންކުރުމަށް އަމިއްލަ ފަރާތެއް މެދުވެރިކޮށް ޓެސްޓު ހަދަން ކައުންސިލުން ވަނީ ނިންމައިފަ އެވެ. އަދި އެ ޓެސްޓުތައް މެދުނުކެނޑި ހެދޭނެ އިންތިޒާމު ވެސް ހަމަޖައްސާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެރަށުގެ މީހުންނަށް ފަސޭހައިން ބޯފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ފުޅީގައި ފެން ބަންދު ކުރުމަށް ކައުންސިލުން ކުރިއަށް ގެންދާ ޕްރޮޖެކްޓުގެ މަސައްކަތް އަވަސް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.