މަދީނާގައި ހިނގި އެކްސިޑެންޓެއްގައި އިންޑިއާގެ 42 އުމްރާވެރިން މަރުވެއްޖެ
މަދީނާގައި ހިނގި އެކްސިޑެންޓެއްގައި އިންޑިއާގެ 42 އުމްރާވެރިން މަރުވެއްޖެ

އުމްރާއަށް ގޮސް އުޅުނު، އިންޑިއާގެ ހައިދަރްއާބާދަށް ނިސްބަތްވާ 42 އުމްރާވެރިޔަކު، އެ މީހުން ދަތުރުކުރި ބަހާއި ޑީސަލް ޓޭންކަރަކާ އެކްސިޑެންޓުވެ މަރުވެއްޖެ އެވެ.

ރޭ ދަންވަރު މި ހާދިސާ ހިނގީ މައްކާއިން މަދީނާއަށް ދަތުރުކުރަނިކޮށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެ ރިޕޯޓްތައް ބުނާ ގޮތުގައި އެކްސިޑެންޓު ހިނގި ބަހުގައި އަންހެނުންނާއި ކުޑަކުދިން ވެސް ތިއްބެވެ. އަދި އެންމެންނަކީ ވެސް ހައިދަރްއާބާދު މީހުން ކަމަށް ވެސް ބުނެފައިވެ އެވެ.

މި އެކްސިޑެންޓު ހިނގީ މައްކާގައި އުމްރާގެ އަޅުކަން އަދާކުރުމަށް ފަހު މަދީނާއަށް ދިޔަ މަގުމަތީގައި ކަމަށްވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެކްސިޑެންޓުވި ބަހުން ސަލާމަތްވީ އެންމެ މީހެކެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ މެންދަމުން އަލިވެ ރާއްޖޭ ގަޑިން 1:00 ހާއިރު، މަދީނާގެ ބޭރުގައި އޮންނަ މުފްރީހަތު ވިލެޖް ކައިރީގަ އެވެ. އެކްސިޑެންޓު ހިނގުމާ އެކު ބަހުގައި އަލިފާން ރޯވި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވީ މި ހާދިސާއާ ގުޅިގެން، އިންޑިއާގެ އޮފިޝަލުން ސައުދީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

"ރިޔާޟްގައި ހުންނަ އަޅުގަނޑުމެންގެ އެމްބަސީ އާއި ޖިއްދާގައި ހުންނަ ކޮންސިއުލޭޓުން މި ހާދިސާގައި ގެއްލުން ލިބުނު އިންޑިއާގެ ރައްޔިތުންނަށާއި އާއިލާތަކަށް ފުރިހަމަ އެއްބާރުލުން ދެމުން އެބަ ގެންދަން،" އޭނާ ވިދާޅުވި އެވެ.