އިންފްލޭޝަން ކުއްލިއަކަށް މައްޗަށް ހިނގައިދާނެ، ތިބެންޖެހޭނީ ތައްޔާރަށް: އަޒީމާ
އިންފްލޭޝަން ކުއްލިއަކަށް މައްޗަށް ހިނގައިދާނެ، ތިބެންޖެހޭނީ ތައްޔާރަށް: އަޒީމާ

މާލީ ގޮތުން ކުރިމަތިވާ "ތޫފާނެއް" ހަމަ ކޮންމެ ހިނދަކު ވެސް އަތުވެދާނެ ކަމަށާއި އެކަމަށް މަރުކަޒީ ބޭންކުން ތައްޔާރުވެ ތިބެންޖެހޭ ކަމަށް ކުރީގެ ގަވަރުނަރު އަޒީމާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

އިންފްލޭޝަން ކުއްލިއަކަށް މައްޗަށް ހިނގައިދާނެ، ތިބެންޖެހޭނީ ތައްޔާރަށް: އަޒީމާ
އިންފްލޭޝަން ކުއްލިއަކަށް މައްޗަށް ހިނގައިދާނެ، ތިބެންޖެހޭނީ ތައްޔާރަށް: އަޒީމާ

މަރުކަޒީބޭންކް (އެމްއެމްއޭ) އިން ކުރިއަށް ގެންދާ "އެމްއެމްއޭ ރިސާޗް ކޮންފަރެންސް 2025" ގައި ތަގުރީރުކުރައްވަމުން އަޒީމާ ވިދާޅުވީ އާއްމު ގޮތެއްގައި، ތޫފާނު އަންނާނީ އެންމެ ހީނުކުރާ ވަގުތު ކަމަށާއި ބައެއް ފަހަރު އެއީ ނިދާފައި ތިބޭ ވަގުތު ކަމަށެވެ. ނަމަވެސް ރާއްޖެ ފަދަ ކުދި އިގްތިސާދުތަކުގައި، "ޝޮކެއް ނުވަތަ ތޫފާނެއް" އަތުވެދާނެތޯ މީހުން ސުވާލު ނުއުފައްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"[ތޫފާންތައް] ބައެއް ފަހަރު އަންނަނީ އަޅުގަނޑުމެން ނިދާފައި ތިއްބާ. އަޅުގަނޑުމެންގެ ކޭޝްފްލޯ ހީނަރުވެފައިވާ ވަގުތެއްގައި، ދުވަހުން ދުވަހަށް ކުރިމަތިވާ ގޮންޖެހުންތަކާ އެކު އަޅުގަނޑުމެންގެ މުއައްސަސާތައް ވަރުބަލިވެފައިވާ ވަގުތެއްގައި،" އަޒީމާ ވިދާޅުވި އެވެ.

އަޒީމާ ވިދާޅުވި ގޮތުގައި ރާއްޖެ ފަދަ ކުދި އިގްތިސާދުތަކުގައި ޝޮކެއް ނުވަތަ ތޫފާނެއް އަތުވެދާނެތޯ މީހުން ސުވާލު ނުއުފެއްދި ނަމަވެސް މާލީ ހާލަތާ ދޭތެރޭ އޮންނަ ކަންބޮޑުވުންތަކެއް މީހުންގެ މެދުގައި އޮންނާނެ އެވެ. މީހުން ކަންބޮޑުވާނީ އޭނާ ވިދާޅުވި ގޮތުގައި ލިބޭ މުސާރައިން އެ މީހުން ބޭނުންވާ ކާނާ ގަނެވޭނެތޯ އާއި ބޭންކް ކާޑުން ކުރަމުން އައި ކަންތައް ކުރެވިދާނެތޯ ކަމަށެވެ.

"އެއީ ހަމަ ހަގީގީ ކަންބޮޑުވުމެއް، އެމީހުން ކަންބޮޑުވާނީ ކަމެއް ދިމާވެއްޖެ ނަމަ ރުފިޔާގެ އަގު އެގޮތުގައި ހުރެދާނެތޯ. ތައްޔާރަށް ތިބެން މުހިއްމުވަނީ މިހެންވެ. ތޫފާނެއް އަތުވެދާނެ ހާލަތަކަށް އަޅުގަނޑުމެން ތައްޔާރަށް ތިބެން ޖެހެނީ މިހެންވެ،" އަޒީމާ ވިދާޅުވި އެވެ.

ތައްޔާރަށް ތިބުމުގެ މާނައަކީ ބޯމަތީގައި އޮތް ފުރާޅު [ރައްކާތެރިކަމުގެ ފިޔަވަޅުތައް] ވަރުގަދަކޮށްގެން ތިބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ،

"އަޅުގަނޑުމެންގެ ކާބަފައިން، ވިއްސާރަ މޫސުން އައުމުގެ ކުރިން ފުރާޅުފައި އާ ފަން ޖަހާ. އެހެން ނަމަވެސް ނަސީބުދެރަކަމުން، އަޅުގަނޑުމެންގެ ގިނަ މީހުން ކުރާ ކަމަކީ ފުރާޅުގައި އާ ފަން ޖެހުމުގެ ބަދަލުގައި، ފޫގޮސްފައި ހުރި ތަންތަނުގައި ޕެޗް އަޅަަނީ. އެއީ ހަގީގީ ތައްޔާރީއެއް ނޫން،" އަޒީމާ ވިދާލުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފަަދަ ތޫފާނަކަށް ނުވަތަ ޝޮކަކަށް ތައްޔާރުވާން ކުރެވޭނެ އެންމެ މުހިއްމު އެއް ކަމަކީ "ސްޓްރެޓެޖިކް ފޯ ސައިޓް" ނުވަތަ ކުރިމަގުގައި ކަންވެދާނެ ގޮތްތައް ލަފާކޮށް އެ އިން ކޮންމެ ހާލަތަކާ ގުޅިގެން ގެންނަން ޖެހިދާނެ ބަދަލަކަށް ތައްޔާރުވުމެވެ.

މި އަހަރުގެ އެމްއެމްއޭ ރިސާޗް ކޮންފަރެންސްގައި އިލްމީ ދިރާސާ ކަރުދާސްތައް ގިނަ އަދަދަކަށް ހުށަހަޅާފައިވެ އެވެ. އެ ކޮންފަރެންސްގައި 40 ދިރާސީ ޕޭޕަރު ހުށަހަޅަން ހަމަޖެހިފައިވެ އެވެ. މި ދިރާސާތައް ހުށަހަޅުއްވާ ބޭފުޅުންގެ ތެރޭގައި 20 އަށްވުރެ ގިނަ ބައިނަލްއަގުވާމީ ދިރާސާވެރިން ހިމެނެ އެވެ.

އެމްއެމްއޭގެ ރިސާޗް ކޮންފަރެންސަކީ މިދިޔަ އަހަރުން ފެށިގެން ބާއްވާ ކޮންފަރެންސެކެވެ.