އާ ފްލެޓާއި ގޯއްޗަށް ކުރިމަތިލާން އަންނަ ޖެނުއަރީ 4 ގައި ހުޅުވާލާނެ
އާ ފްލެޓާއި ގޯއްޗަށް ކުރިމަތިލާން އަންނަ ޖެނުއަރީ 4 ގައި ހުޅުވާލާނެ

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީ 4 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އާ ފްލެޓާއި ގޯއްޗަށް ކުރިމަތިލާން އަންނަ ޖެނުއަރީ 4 ގައި ހުޅުވާލާނެ
އާ ފްލެޓާއި ގޯއްޗަށް ކުރިމަތިލާން އަންނަ ޖެނުއަރީ 4 ގައި ހުޅުވާލާނެ

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ކުރިމަތިލެވޭ އެ މަޝްރޫއުއަށް އަންނަ ޖެނުއަރީ 4 އިން ފެށިގެން މާޗު 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އާ ފްލެޓާއި ގޯއްޗަށް ކުރިމަތިލާން އަންނަ ޖެނުއަރީ 4 ގައި ހުޅުވާލާނެ
އާ ފްލެޓާއި ގޯއްޗަށް ކުރިމަތިލާން އަންނަ ޖެނުއަރީ 4 ގައި ހުޅުވާލާނެ

އެ މަޝްރޫއުގެ އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލު ނުވަތަ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލުން ކުރެ ކޮންމެވެސް އެއް ބަޔަކަށެވެ.

ފްލެޓް ދޫކުރުމުގެ އުސޫލުގައިވާ ގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނާއި މާލޭ މީހުންނަށް ވެސް ފްލެޓަށް އެދި ކުރިމަތިލެވޭނެ އެވެ. ސަރުކާރުން ކަނޑައަޅާފައި ވަނީ އެ މަޝްރޫއުގެ ދަށުން 7،500 ފްލެޓް ދޫކުރާށެވެ.

ބިން ނުވަތަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރާނެ އެވެ. މި ގޯތިތައް ދޫކުރަނީ ދެ ކެޓަގަރިއަކަށް ބަހާލައިގެންނެވެ.

ގޯތި ދޫކުރުމުގެ އުސޫލުގައިވާ ގޮތުން މާލޭ ރަށްވެހިންނަށް 10،000 ގޯތި ދޫކުރާނެ އެވެ. އޭގެ ތެރެއިން، އުފަންވީއްސުރެ މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 7،000 ގޯއްޗާއި މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1،000 ގޯތި އަދި ފަހުން މާލޭގެ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 2،000 ގޯތި ދޫކުރާނެ އެވެ.

މާލޭގައި ދިރިއުޅޭ އެެހެން ރަށްވެހިންނަށް 3،000 ގޯތި ކަނޑައަޅާފައިވާއިރު މައިމުޅަވުން (މައިންބަފައިންގެ މުދާ ވާރުތަނުވާ ސަބަބެއް މެދުވެރިވެ) ގޯތިގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް 500 ގޯއްޗާއި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1،000 ގޯތި ކަނޑައަޅާފައިވެ އެވެ.

އެހެން ރަށްރަށުގެ މީހުންނަށް ގޯއްޗަށް ކުރިމަތިލެވެނީ ވެސް މާލޭގައި މެދުނުކެނޑި އުޅޭތާ 15 އަހަރުވުމުންނެވެ.

ފްލެޓް އުސޫލުގައިވާ ގޮތުން މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް އަދި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓް ކަނޑައަޅާފައިވެ އެވެ. އަދި ބާކީ 2000 ފްލެޓުގެ ތެރެއިން 800 ފްލެޓް ކަނޑައަޅާފައި ވަނީ ދައުލަތުގެ އެކި މުއައްސަސާތަކާއި ފުލުހުންނާއި ސިފައިންނަށެވެ. އަދި އެކަނިވެރި މައިންނާއި ބަފައިންނަށާއި މަސްވެރިންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ޓެކްސީ ޑްރައިވަރުންނަށް ވެސް އެ ކެޓަގަރީގައި ފްލެޓް ހާއްސަކޮށްފައިވެ އެވެ.

މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމެވެ. އެހެންވެ، ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު ރޭ ވަނީ އިފްތިތާހުކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ކުރީގެ އެކި ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ހިންގާފައިވާ ގޮތުން އޭގެ އިންސާފުވެރިކަމާއި އަދުލުވެރިކަމާ މެދުގައި ޝައްކު އުފެދޭ ކަމަށާއި އޭގެ ސަބަބުން މިފަދަ ޕްރޮގްރާމްތަކަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވެ، މާޔޫސްވާން ޖެހިފައިވާ ކަމަށެވެ.

އެކަމަކު ސަރުކާރުން ކަނޑައަޅާފައިވާ އާ ސިޔާސަތުތަކާ އެކު ރައްޔިތުން ތަހައްމަލުކުރަމުންދާ އުނދަގުލަށް ނިމުމެއް ގެނެސްދީ، ކުރާ އުއްމީދު ހަގީގަތަކަށްވެ، އަމިއްލަ ބޯހިޔާވަހިކަމެއްގައި ކޮންމެ އާއިލާއަކަށް ވެސް އަބުރުވެރި ދިރިއުޅުމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.