އަގީލް ބަންދު ނުކުރެވިގެން ބައްސާމް މައްސަލައިގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް
އަގީލް ބަންދު ނުކުރެވިގެން ބައްސާމް މައްސަލައިގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް

ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން އެފްއޭއެމަށް ފޮނުވި ފައިސާއަށް ހިޔާނަތްތެރިވި މައްސަލައިގައި އެތަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޝަރީއަތުގެ އަޑުއެހުން މިއަދު ވެސް ކެންސަލް ކުރަން ޖެހިއްޖެ އެވެ.

އެފްއޭއެމްގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަކާއި ކުންފުނިތަކެއްގެ އެކައުންޓްތަކަށް ފީފާއިން އިން ދިން ފައިސާ ޖަމާކޮށް، ނަހަމަގޮތުގައި ބޭނުންކޮށް، މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާކުރަނީ ބައްސާމްގެ އިތުރުން އަމިން ކޮންސްޓްރަކްޝަނާއި ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލް އާއި މ. ހިރިނައިދޫ، ހަސަން ވަހީދުގެ މައްޗަށެވެ.

މީގެތެރެއިން އަގީލަކީ އެފްއޭއެމްގެ ކުރީގެ ފައިނޭންޝަލް ޑިޕާޓްމަންޓްގެ ހެޑެވެ. އޭނާގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންއަށް އެހީތެރިވެދިން ކަމުގެ ދައުވާ އެވެ.

އޭނާ ކޯޓަށް ހާޒިރުވާން އަންގާފައިވަނިކޮށް އިއްޔެ ބޭއްވި އަޑުއެހުމަށް ވެސް ހާޒިރެއް ނުވެ އެވެ. ބައްސާމް ޖަލު ހެދުން ލާން ދެކޮޅު ހެދުމުގެ ސަބަބުން އެތައް އިރެއް ވަންދެން ނުފެށި ދިގުލައިގެންދިޔަ އެ އަޑުއެހުން ވެސް އަގީލް ހާޒިރުނުވާތީ ކުރިއަށް ނުގެންދެވުނެވެ.

މައްސަލަ ބައްލަވާ ގާޒީ އިއްޔެ ވަނީ އަގީލް ހައްޔަރުކޮށްގެން ކޯޓަށް ގެންނަން ފުލުހުންގެ މައްޗަށް އަމުރެއް ނެރެފަ އެވެ. ނަމަވެސް މިއަދު ހެނދުނު 8:15 އަށް ތާވަލުކުރި އަޑުއެހުމަށް ވެސް އަގީލް ހާޒިރެއް ނުކުރެވުނެވެ.

ކްރިމިނަލް ކޯޓުން ބުނީ މިއަދުގެ އަޑުއެހުން ކެންސަލް ކުރަން ޖެހުނީ އަގީލް ބަންދު ނުކުރެވޭތީ ކަމަށެވެ.

އެފްއޭމްއެމަށް ފީފާއިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވެ، މަނީ ލޯންޑާ ކުރުމުގެ ކުށުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ދައުލަތުން ކުރަނީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް ބައްސާމް ހިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނެ އެވެ.

ދައުލަތުން އަގީލްގެ މައްޗަށް ދައުވާކޮށްފައި ވަނީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން، އަމިން އެވެނިއުގެ އެޕާޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑާކުރުމަށް ބައްސާމަށް އެހީތެރިވެދީފައިވާތީ ކަމަށް ބުނެ އެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ބައްސާމްގެ ވަކީލުން ބުނެފައިވަނީ ބައްސާމް ހިޔާނާތްތެރިވި ކަމަށް ބުނަނީ ފީފާއިން ފޮނުވި ފައިސާތަކަކަށް ކަމަށާއި ފީފާގެ އުސޫލުތައް އޮންނަ ގޮތުން ފީފާގެ ހުއްދަ ނެތި އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށެވެ.

އެ ފައިސާ ދިނީ އެފްއޭއެމްއަށް ކަމަށް ވިޔަސް، އެއީ ފީފާގެ ފައިސާތަކަކަށް ވާތީ އެ މައްސަލަ ބެލުމުގައި ފީފާގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވަކީލުން ފާހަގަކުރި އެވެ. އަދި އެފަދަ ކަންކަމަށް ގައުމުތަކުގެ އިދާރާތަކަށް ނުވަދެވޭނެ ކަމަށް ވެސް ވަކީލުން ބުނެފައިވެ އެވެ.

ނަމަވެސް ގާޒީ ނިންމެވީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމިއިރު، އެ މައްސަލާގައި އެފްއޭއެމްގެ ކުރީގެ އިސްވެރިންތަކަކާއި އަމިން ކޮންސްޓްރަކްޝަން ކުންފުންޏަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. ނަމަވެސް އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެެވެ.

ބައްސާމް ހުޅުމާލޭގެ އަމިން އެވެނިއުއިން ގަނެފައިވާ ޕެންޓް ހައުސްއެއް ފުލުހުން މިދިޔަ އަހަރުން ފެށިގެން ވަނީ ހިފަހައްޓައިފަ އެވެ.