ދައުލަތުގެ މުއައްސަސާތަކާއި ސިފައިންނާއި ފުލުހުންނަށް ފްލެޓުތައް ހާއްސަކޮށްފި
ދައުލަތުގެ މުއައްސަސާތަކާއި ސިފައިންނާއި ފުލުހުންނަށް ފްލެޓުތައް ހާއްސަކޮށްފި

މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ސަރުކާރުން އާންމުކުރި އުސޫލުގައި ދައުލަތުގެ މުއައްސަސާތަކާއި ސިފައިންނާއި ފުލުހުންނަށް 800 ފްލެޓް ހާއްސަކޮށްފި އެވެ.

ގެދޮރުގެ ދަތިކަން ހައްލުކުރުމަށް މި ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފުތިތާހުކުރީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ސިޔާސަތު ސަރުކާރުގެ ގެޒެޓުގައި ރޭ ވަނީ އާންމުކޮށްފަ އެވެ.

ފްލެޓު ދޫކުރުމުގެ އުސޫލުގައިވާ ގޮތުން މާލެ ސަރަހައްދުން 7،500 ހައުސިން ޔުނިޓް ދޫކުރާނެ އެވެ. އޭގެ ތެރެއިން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،000 ފްލެޓުގެ ތެރެއިން 800 ފްލެޓު ދޭން ނިންމާފައި ވަނީ ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ މީހުންނަށެވެ.

އެ އުސޫލުގައިވާ ގޮތުން މާލޭ ރަށްވެހިންނަށް 4،000 ހައުސިން ޔުނިޓް ދޫކުރާނެ އެވެ. އޭގެ ތެރޭގައި އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގައި ރަށްވެހި ވެގެން ރަޖިސްޓްރީ ވެފައިވާ މީހުންނަށް 2،500 ފްލެޓާއި މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ މީހުންނަށް 1،000 ފްލެޓް ހާއްސަކޮށްފައިވެ އެވެ. އަދި ފަހުން މާލޭގެ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ޖައްސާފައިވާ މީހުންނަށް 500 ފްލެޓް ކަނޑައަޅާފައިވެ އެވެ.

އޭގައި ވަނީ މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓު ހާއްސަކޮށްފަ އެވެ.

އުސޫލުގައި ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަންދޭ ކެޓަގަރީތަކުން ޔުނިޓް ދޫކުރަން ހަމަޖެހިފައިވާ ގޮތްތަކެއް ވެސް ހިމަނައިފަ އެވެ. އެއީ؛

- އުމުރުން 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން (100 ފްލެޓް)

- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް (100 ފްލެޓް)

- އަލަތު ކައިވެނިކުރާ މީހުންނަށް ނުވަތަ ޒުވާން އާއިލާތަކަށް (250 ފްލެޓް)

- މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް (50 ފްލެޓް)

- މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓޫރިޒަމްގެ ސިނާއަތުގައި ވަޒީފާއަދާކުރާ މުވައްޒަފުންނަށް (200 ފްލެޓް)

- މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑިޝަރީގެ މުވައްޒަފުންނަށް (100 ފްލެޓް)

- މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް (100 ފްލެޓް)

- މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކު ކުރުމުން މަހްރޫމްވެފައިވާ މީހުންނަށް (50 ފްލެޓް)

- ވެށިފަހި މާލެ އާއި ހިޔާ މަޝްރޫއުން ފްލެޓް ލިބޭނެ ކަމުގެ ލިޔުުން ލިބި، އެ ލިޔުމާ އެއްގޮތަށް ފްލެޓް ހަވާލުކޮށްފައި ނުވާ މީހުންނަށް (300 ފްލެޓް)

- ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މާލޭގައި ދިރިއުޅެމުންދާ ފަގީރު އާއިލާތަކަށް ބޯހިޔާވަހިކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހައުސިން މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ މައައްސަސާއަކުން ހަދާ އެސެސްމަންޓަކުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ކަނޑައަޅާފައިވާ އާއިލާތަކަށް (50 ފްލެޓް)

- ފުލުހުންނަށް (100 ފްލެޓް)

- ސިފައިންނަށް (100 ފްލެޓް)

- ސިވިލް ސާވިސް މުވައްޒަފުންނަށް (200 ފްލެޓް)

- ރައީސް އޮފީސް

- ރައްޔިތުންގެ މަޖިލިހުގެ އިދާރާ

- އެޓާނީ ޖެނެރަލްގެ އޮފީސް

- ފޮރިން ސާވިސް

- ޖުޑިޝަލް ސާވިސް ކޮމިޝަން

- އިލެކްޝަންސް ކޮމިޝަން

- ސިވިލް ސާވިސް ކޮމިޝަން

- ހިއުމަން ރައިޓްސް ކޮމިޝަން

- އެންޓި ކޮރަޕްޝަން ކޮމިޝަން

- އޮޑިޓާ ޖެނަރަލް އޮފީސް

- ޕްރޮސެކިއުޓާ ޖެނަރަލް އޮފީސް

- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

- މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ

- ޕެންޝަން އޮފިސް

- ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން

- މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން

- ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

- ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް

- މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު

- ޗިލްޑްރަންސް އޮމްބަޑްސް ޕާސަންގެ އޮފީސް

- އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓްސް އޮފީސް

- ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

- ވަޒީފާއާ ބެހޭ ޓްރައިބިއުނަލް

- ލޯކަލް ގަވާމަންޓް އޮތޯރިޓީ

- ޓެކްސް އެޕީލް ޓްރައިބިއުނަލް

ބޯހިޔާވަހިކަމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރު ވެފައިވާ ދިވެހިންނާއި މާލޭގެ ރަށްވެއްސަކަށްވުން ނުވަތަ މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރަށްވެއްސެއް ނަމަ މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވުމެވެ.

މިގޮތަށް ވަކި ދާއިރާއެއްގައި މަސައްކަތް ކުރާތީ ފްލެޓް ލިބޭ ގޮތަށް މީގެ ކުރިން ކަނޑައަޅާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫއު ކުރިއަށް ގެންދިޔައިރު އެވެ. އޭރު އެ މަޝްރޫގައި އިމާރާތްކުރި 7،000 ފްލެޓް ވެސް ހާއްސަކުރި ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުން ފަދަ އެކި ކެޓަގަރީތަކަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި އިއުލާންކުރައްވާފައިވާ ގޮތުގައި، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން 15،000 ގޯއްޗާއި 7،500 ފްލެޓް ދޫކުރާނެ އެވެ.