30 މާޗް 2017 - 20:17

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުން އައި ހުމާއި ރޯގާގެ ސަބަބުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު ހެލްތު އެލާޓް މިހާރު ކެންސަލްކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެ އާއި ރަށްރަށުގައި ފެތުރެމުންދިޔަ ރޯގާ އާއި އިންފްލުއެންޒާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި ކުރިން ނެރުނު ލެވަލް ތިނެއްގެ އެލާޓްގެ ހާލަތު މިހާރު ނެތް ކަމަށެވެ. އަދި ދަރިވަރުން ސްކޫލަށް ފޮނުވިޔަސް އެންމެ ރަނގަޅު ކަމަށާއި ބަލީގެ އާންމު ހާލަތު މިހާރު ރަނގަޅު ކަމަށް އެ ބަޔާނުގައިވެ އެވެ.
ހާލަތު ރަނގަޅު ވެފައިވާތީ މިހާރު އެޗްޕީއޭ އިން މަސައްކަތް ކުރަމުން އަންނަނީ އާންމުކޮށް ރޯގާ ފެތުރޭ އިރު ވެސް އަމަލުކުރާ އުސޫލުގެ މަތިން ކަމަށާއި ނަމަވެސް އާދަޔާ ޚިލާފް ބައްޔެއް ނުވަތަ ރޯގާއެއް އުޅޭ ނަމަ އެކަމަށް އޮންނަ އުސޫލުގެ މަތިން އަމަލުކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. ރޯގާގެ އާންމު ހާލަތު ރަނގަޅުވިޔަސް އެފަދަ ރޯގާއެއް ނުފެތުރޭނެ ފަދަ ގޮތަކަށް އަމަލު ކުރުމަށް އެޗްޕީއޭގެ ބަޔާނުގައި އެދިފައިވެ އެވެ.
"އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި އިންފްލުއެންޒާ ފަދަ ބަލިތަކަކީ އަބަދުވެސް އުޅެމުންދާ މޫސުމީ ރޯގާތައް ކަމުގައިވާތީ މިފަދަ ބައްޔެއް ޖެހުމުން އެހެން މީހުންނަށް ފެތުރުން މަދު ކުރެވޭނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި އާންމު ސާފުތާހިރު ކަން ދެމެހެއްޓުމަކީ މި އޭޖެންސީން އިލްތިމާސް ކުރާ ކަންކަމެވެ،" އެ ބަޔާނުގައިވެ އެވެ.
ރޯގާއާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށް ފަހު އަންނަ ހަފުތާގައި ސްކޫލްތައް ހުޅުވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އެޗް1އެން1 އަށް 200 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، އޭގެ ތެރެއިން ހަ މީހަކު ވަނީ މަރުވެފަ އެވެ.