25 ފެބުރުއަރީ 2017 - 09:01

ކްލަބް ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ފުޓްބޯޅައިގެ ތެރެއިން ވިދަން ފެށީ ވިކްޓަރީގެ ރަތް ޖާޒީންނެވެ. އޭރު އޭނާގެ ކޯޗަކީ މިހާރު ވެސް ވިކްޓަރީގެ ކޯޗު އަލީ ސުޒޭން އެވެ. ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަކުރާ ގްރީން ސްޓްރީޓް ގޮވައިގެން ސޮބާ މިރޭ ވިކްޓަރީއާ ކުޅޭއިރު، މިއީ ސޮބާ އަށް ތާރީހީ މެޗެކެވެ.
"ހަގީގަތުގައި އަޅުގަނޑު މި ހިސާބަށް ފުޓްބޯޅައިގައި އައުމުގައި ވަރަށް ބޮޑު ޝުކުރެއް ހައްގުވާ ފަރާތެއް ކޯޗު ސުޒޭން އަކީ. އަދި ވިކްޓަރީ އަކީ އަޅުގަނޑުގެ ފުޓްބޯޅަ ހަޔާތާ ގުޅިފައިވާ ހާއްސަ ކްލަބެއް. މިއީ އަޅުގަނޑަށް މުހިއްމު މެޗެއް،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސޮބާ ބުންޏެވެ.
ވިކްޓަރީގެ ކޯޗު ސުޒޭން އަކީ ރާއްޖޭގެ އެންމެ ކާމިޔާބު ލޯކަލް ކޯޗު ކަމަށާއި އޭނާއާ ދެކޮޅަށް ނުކުންނަން ޖެހުމަކީ ވެސް ލިބޭ ހިތްހަމަ ޖެހުމެއްގެ ގޮތުގައި ސޮބާ ސިފަކުރެ އެވެ.
"މީގެ ފުރަތަމަ ކަމަކަށް ކޯޗު (ސުޒޭން)އާ ދެކޮޅަށް ނުކުންނަން ޖެހުމަކީ ވެސް އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ކުރިން އަޅުގަނޑު ފާހަގަކޮށްލިން މީޑިއާ ގައި ވެސް ކޯޗު މި އަހަރު ނުފެނުމަކީ މި ފަަދަ ވަރުގަދަ ސީޒަނަކަށް ކުރިމަތިލާއިރު ފުޓްބޯޅަ އަށް އަންނާނެ ހީނަރުކަމެކޭ. އެކަމަކު ކޯޗު އެނބުރި ވިކްޓަރީގައި ހުއްޓައި މި މެޗަށް ނުކުންނަން ޖެހުމުން އަޅުގަނޑު ވަރަށް އުފާކުރަން،" ސޮބާ ބުންޏެވެ.
ގްރީން ސްޓްރީޓް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނުމުގައި ސޮބާގެ ދައުރު ބޮޑެވެ. ރާއްޖޭގެ ފުޓްބޯޅައިގައި ގިނަ އަހަރުތަކެއް ވަންދެން އުޅެފައިވާ ސޮބާގެ ތަޖުރިބާގެ ބޭނުން މިހާތަނަށް ގްރީން ސްޓްރީޓްގައި އޭނާ ވަނީ ވަރަށް ރަނގަޅަށް ކޮށްފަ އެވެ.
ސޮބާ ބުނީ ވިކްޓަރީއާ ދެކޮޅަށް ކުޅެން ޖެހޭއިރު ކުޅުންތެރިޔެއްގެ ގޮތުގައި ސުޒޭނާ އެކު މަސައްކަތް ކޮށްފައިވުމަކީ އެޑްވާންޓޭޖެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.
"ވިކްޓަރީ ކުރީގެ ކުޅުންތެރިޔެއްގެ ގޮތުގައި އަޅުގަނޑު ހުރި ނަމަވެސް މިހާރު މިތިިބި ކޯޗުންނާ ދެކޮޅަށް ނުކުންނައިރު އަޅުގަނޑު ދެކެނީ އަޅުގަނޑަކީ އެންމެ ޅަ ކޯޗުގެ ގޮތުގައި. އެކަމަކު ފުޓްބޯޅަ ތެރެއިން އަޅުގަނޑަށް ލިބިފައިހުރި ތަޖުރިބާގެ އަލީގައި މި މަސައްކަތް ކުރަނީ އެންމެ ޅަ ޓީމު ގޮވައިގެން ވެސް ކުރިއެރުމެއް ހޯދަން،" ސޮބާ ބުންޏެވެ.
ގްރީން ސްޓްރީޓް ވަނީ މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ބިދޭސީ ހަތަރު ކުޅުންތެރިންގެ އިތުރުން ފުރަތަމަ ޑިވިޝަންގެ ތަޖުރިބާހުރި ބައެއް ކުޅުންތެރިން ގެނެސްފަ އެވެ. ސޮބާ ބުނީ ބޮޑު ސީޒަނަކާ ކުރިމަތިލާއިރު ބޮޑު ޓާގެޓެއް ކަނޑައަޅައިގެން ކުރިއަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
"ޓާގެޓަކީ މެޗަކަށް ފަހު މެޗެއް ނެގުން. އަޅުގަނޑުމެންގެ ކްލަބްގެ ސައިޒަށް ބަލާއިރު ނެތް ބުނެވެން ހަތަރު ތަށި ނޫނީ ތިން ތަށި ހޯދާނަމެކޭ. ނޫނީ ގަދަ ހަތަރެކޭ. އޭގެ ބަދަލުގައި އަޅުގަނޑު މަސައްކަތް ކުރާނީ ގްރީން ސްޓްރީޓަކީ ރަނގަޅު ފުޓްބޯޅަ ކުޅޭ ވަރުގަދަ ކްލަބަކަށް ހަދަން." ކުރިން ނިއު އާއި ވިކްޓަރީއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސޮބާ ބުންޏެވެ.
ފުރަަތަމަ ޑިވިޝަންގައި ވާދަކުރާ އެހެން ކްލަބްތަކުގައި ގައުމީ ޓީމުގެ ކުޅުންތެރިންނާއި ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިން އެބަތިބި ކަމަށާއި އެ ޓީމުތަކާ ދެކޮޅަށް ވެސް ގްރީން ސްޓްރީޓް ނުކުންނާނީ ކެރިގެން ރަނގަޅު ކުޅުމެއް ދެއްކުމަށް ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.
"އަޅުގަނޑު ކުޅުންތެރިޔެއްގެ ގޮތުގައި ވެސް އަދި ކޯޗެއްގެ ގޮތުގައި ވެސް ގަބޫލުކުރަނީ އިދިކޮޅު ޓީމުގައި ކިތަންމެ މޮޅު ކުޅުންތެރިން ތިބި ނަމަވެސް ބުރަކޮށް މަސައްކަތް ކޮށްގެން ކާމިޔާބު ހޯދަން." ސޮބާ ބުންޏެވެ.
ފާއިތުވި ދެ އަހަރަށް ބަލާއިރު ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓްވި ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ ވަނީ ރަނގަޅު ވާދައެއް ކޮށްފަ އެވެ. ޓީސީން ފުރަތަމަ އަހަރުގައި ވެސް ލީގަށް ވާދަކުރިއިރު ޔުނައިޓެޑް ވިކްޓަރީ މިދިޔަ ސީޒަނުގައި ނިންމާލީ ގަދަ ހަތަރެއްގައި އޮވެ އެވެ.
ސޮބާ ބުނީ ރާއްޖޭގެ ފުޓްބޯޅައިގައި މިހާރު ކަންތައްތައް އޮތްގޮތަށް ބަލާއިރު ރަނގަޅު ކާމިޔާބެއް ލިބެނީ ހީވާގި މެނޭޖްމަންޓެއް އޮތް ކްލަބްތަކަށް ކަމަށެވެ.
"ވޭތުވެދިޔަ ފަސް ވަރަކަށް އަހަރު ވިކްޓަރީ ވަރަށް ދަށްކޮށް ދިޔައީ މިދިޔަ އަހަރު ނިއު ރޭޑިއަންޓަށް ވެސް އެހެންވީ. މިހާރު ހަގީގަތަކީ ކާމިޔާބު ލިބޭނީ ފުޓްބޯޅަ އަށް ރޯފިލާފަތިބި ރަނގަޅު މެނޭޖްމަންޓަކާ އެކު މަސައްކަތް ކުރީމަ،" ސޮބާ ބުންޏެވެ. "އަޅުގަނޑަކަށް ނުބުނެވޭނެ ޓީސީ އާއި ޔުނައިޓެޑް ވިކްޓަރީ ހޯދި ކާމިޔާބީ ގްރީން ސްޓްރީޓުން ވެސް ހޯދާނެޔޭ. އޭގެ ބަދަލުގައި އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރަނގަޅު ފުޓްބޯޅަ ކްލަބެއް ބިނާކުރުމުގެ މަސައްކަތް."
މިރޭ ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ހިފާނެ ކަމަށާއި ޓާގެޓަކީ މަދުވެގެން ޕޮއިންޓެއް ހޯދުން ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.
ވިކްޓަރީ އާއި ގްރީން ސްޓްރީޓް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.