ޑްރަގް ވިޔަފާރީގައި އުޅޭ މީހުން ދެނެގަންނަން ލަންކާ ސަރުކާރުގެ އިދާރާތަކުގައި  ކޮމިޓީތަކެއް ހަދަނީ
ޑްރަގް ވިޔަފާރީގައި އުޅޭ މީހުން ދެނެގަންނަން ލަންކާ ސަރުކާރުގެ އިދާރާތަކުގައި ކޮމިޓީތަކެއް ހަދަނީ

މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހުންނާއި އެ ބޭނުންކުރާ މީހުން ދެނެގަތުމަށް ސަރުކާރުގެ އިދާރާތަކުގައި ކޮމިޓީތަކެއް ހަދަން ސްރީ ލަންކާ ސަރުކާރުން ނިންމައިފި އެވެ.

އެކަން މިއަދު ރަސްމީކޮށް އިއުލާނުކުރަން ނިންމާފައި ވާއިރު ޕަބްލިކް ސެކިއުރިޓީ އެންޑް ޕާލިމެންޓްރީ އެފެއާޒް މިނިސްޓަރު އަނަންދަ ވިޖެޕަލާ ވިދާޅުވީ މިފަދަ ކޮމިޓީތައް ޔުނިވަސިޓީތަކާއި ސްކޫލްތަކުގައި ވެސް އަދި ހަދާނެ ކަމަށެވެ.

"ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކާއި ޑިޕާޓްމަންޓްތަކާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން އެތަންތަނުގެ މުއައްސަސާތަކަކީ މަސްތުވާތަކެތި ނައްތާލެވިފައިވާ ތަންތަނަށް ހެދުމަށް ފިޔަވަޅު އަޅަންޖެހޭ. މަސްތުވާތަކެތި ޓްރެފިކް ކުރާ މީހަކު ފެނިއްޖެ ނަމަ ސުލޫކީ ފިޔަވަޅު އަޅާނެ،" އޭނާ ވިދާޅުވި އެވެ.

"ރެއިޑްތަކުން ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި ހައި ސްކޫލުން ފެށިގެން ދުރު ވިލެޖްތަކަށް މަސްތުވާތަކެތި ޓްރެފިކްކުރޭ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުރިހާ މުއައްސަސާއެއްގައި ވެސް އަޅަންޖެހޭ."

ލަންކާގައި މިހާރުވެސް މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑެތި އޮޕަރޭޝަންތަކެއް ހިންގަމުން އަންނައިރު ހާހެއްހާ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް ފެނިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ލަންކާގައި ގެންދަނީ ޑްރަގް ވިޔަފާރި އާއި ގޭންގު ކުށްތަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އަދި ގައުމުން ބޭރުގައި ތިބެގެން ގޭންގުތައް އޮޕަރޭޓްކުރާ މީހުން ހޯދަން ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.