ބޯހިޔާވަހިކަމުގެ ސިޔާސަތު ހާއްސަކޮށްފައި ވަނީ އަމިއްލަ އެއްވެސް ގެދޮރެއް ނެތް އާއިލާތަކަށް: މިނިސްޓަރު
ބޯހިޔާވަހިކަމުގެ ސިޔާސަތު ހާއްސަކޮށްފައި ވަނީ އަމިއްލަ އެއްވެސް ގެދޮރެއް ނެތް އާއިލާތަކަށް: މިނިސްޓަރު

މި ސަރުކާރުގެ "ބޯހިވާހިކަން އެންމެންނަށް" ސިޔާސަތު ހާއްސަ ކޮށްފައި ވަނީ އެއްވެސް އަމިއްލަ ބޯހިޔާވަހިކަމެއް ނެތި ދިރިއުޅެމުން ދާ އާއިލާތަކަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ރޭ ވިދާޅުވެއްޖެ އެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތު ހާއްސަކޮށްފައި ވަނީ އަމިއްލަ އެއްވެސް ގެދޮރެއް ނެތް އާއިލާތަކަށް: މިނިސްޓަރު
ބޯހިޔާވަހިކަމުގެ ސިޔާސަތު ހާއްސަކޮށްފައި ވަނީ އަމިއްލަ އެއްވެސް ގެދޮރެއް ނެތް އާއިލާތަކަށް: މިނިސްޓަރު

ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފުތިތާހު ކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މުއްތަލިބް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ބޯހިޔާވަހިކަމުގެ ސިޔާސަތަކީ "އެކްސެސިބިލިޓީ އާއި އެފޯޑެބިލިޓީ" އަށް އަމާޒު ކޮށްގެން ރާއްޖޭގައި އެކުލަވައިލި ފުރަތަމަ ބޯހިޔާވަހިކަމުގެ ސިޔާސަތު ކަމަށެވެ.

އެއީ، އޭގައި ކަނޑައަޅާފައި ހުރި ބައިތައް ހާސިލް ކުރުމަށް މަގުފަހި ކޮށްފައިވާ ސިޔާސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާތްﷲ ގެ ވާގިފުޅާ އެކު، މިއީ ރައްޔިތުން ބާރުވެރި ކުރުވާނެ، އިންސާފުވެރި، ހަމަހަމަ އަދި އިޖުތިމާއީ އަދާލަތު ގާއިމް ކުރެވޭނެ ފަދަ ބޯހިޔާވަހިކަމުގެ ސިޔާސަތެއް،" މުއްތަބިލް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ސިޔާސަތުގެ އެންމެ ބޮޑު އަމާޒަކީ، ވަކިވަކި ފަރުދުން އެ މީހުންގެ ނަމުގައި ގޯތިގެދޮރު ހޯދައި، މުދަލުގެ ގޮތުގައި ބޭނުން ކުރުން ނޫން ކަމަށާއި ދިވެހި ކޮންމެ އާއިލާއަަކަށް ވެސް އަބުރުވެރި ދިރިއުޅުމަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ތަނަވަސް ކޮށްދިނުން ކަމަށެވެ. ސަރުކާރުން ބޭނުންވަނީ ކޮންމެ ދިވެހި އާއިލާއަކަށް ވެސް ރައްކާތެރި ބޯހިޔާވަހިކަމެއް ލިބުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިރޭ މި އިއުލާން ކުރެވޭ ޕްރޮގްރާމް [މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު] ހާއްސަ ކޮށްފައި ވަނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް،" ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

"ކުއްޔަށް އެއްތަނުން އަނެއް ތަނަށް ބަދަލުވާން ޖެހިފައިވާ ފަރާތްތަކަށް، އަމިއްލަ ބޯހިޔާވަހިކަމުގެ ރައްކާތެރިކަން އިހުސާސްކުރެވިފައި ނުވާ ތުއްތު ކުދިން ތިބި އާއިލާތަކަށް. ބުރަ މަސައްކަތް ކޮށްގެން ހޯދާ އާމްދަނީ އެއްކޮށް ކުއްޔަށް ދައްކައިގެން އުޅެން ޖެހިފައިވާ އާއިލާތަކަށް."

އަމިއްލަ ގެދޮރު ނެތް މީހުންނަށް އެންމެ ފުރަތަމަ އެހީވުމަކީ، މި ސަރުކާރުން ގަބޫލުކުރާ ހަމަހަމަވުން ކަމަށް ވެސް މުއްތަލި ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޒިންމާއަކީ އަމިއްލަ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް އިސްކަންދިނުން. އަމިއްލަ ތަނެއް ނެތް މީހުންނަށް އެންމެ ފުރަތަމަ އެހީވުމަކީ ހަމަހަމަވުން، އެއީ އިންސާފު. އެއީ ހެޔޮ ވެރިއެއްގެ ލީޑާޝިޕް،" މުއްތަލިބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ އެކި ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ހިންގާފައި ވަނީ އެކި ގޮތަށާއި އެ ޕްރޮގްރާމްތަކުގެ އިންސާފުވެރިކަމާއި އަދުލުވެރިކަމާ މެދުގައި ޝައްކު އުފެދޭ ގޮތަށް ކަމަށެވެ. އޭގެ ސަބަބުން މިފަދަ ޕްރޮގްރާމްތަކަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވެ، މާޔޫސްވާން ޖެހިފައިވާކަން ގަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު، މި ސަރުކާރުން އެކުލަވާލާފައިވާ ބޯހިޔާވަހިކަމުގެ މި އާ ސިޔާސަތާ އެކު، ރައްޔިތުން ތަހައްމަލުކުރަމުންދާ އުނދަގުލަށް ނިމުމެއް ގެނެސްދީ، ކުރާ އުއްމީދު ހަގީގަތަކަށްވެ، އަމިއްލަ ބޯހިޔާވަހިކަމެއްގައި ކޮންމެ އާއިލާއަކަށް ވެސް އަބުރުވެރި ދިރިއުޅުމެއް ލިބޭނެ ކަމުގެ ޔަގީންކަން މުއްތަލިބް ދެއްވި އެވެ.

ރޭ އިފުތިތާހުކުރި މި ސަރުކާރުގެ "ބޯހިވާހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޭނެ އުސޫލު ވަނީ ކަނޑައަޅައިފަ އެވެ.

ރައީސް މުއިއްޒު މިދިޔަ ހަފުތާގައި އިއުލާން ކުރައްވާފައިވާ ގޮތުގައި، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން 15،000 ގޯއްޗާއި 7،500 ފްލެޓް ދޫކުރާނެ އެވެ.