ފްލެޓް ދިނުމުގައި އަމިއްލަ ގެދޮރު ނެތް މީހުންނަށް އިސްކަން ދެވޭނެ ގޮތްތަކެއް
ފްލެޓް ދިނުމުގައި އަމިއްލަ ގެދޮރު ނެތް މީހުންނަށް އިސްކަން ދެވޭނެ ގޮތްތަކެއް

މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން އަމިއްލަ ގެދޮރު ނެތް މީހުންނަށް އިސްކަން ދެވޭނެ ގޮތްތަކެއް ހިމަނައި މި ސަރުކާރުގެ "ބޯހިވާހިކަން އެންމެންނަށް" ސިޔާސަތު އެކުލަވާލައިފި އެވެ.

ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފްތިތާހުކުރީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ސިޔާސަތު ސަރުކާރުގެ ގެޒެޓުގައި މިރޭ އާންމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަން ކޮށްފައި ވަނީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބޯހިޔާވަހިކަމުގެ ހައްގު ކަށަވަރު ވާނެ ގޮތަށް އަދި ހާއްސަކޮށް އަމިއްލަ ގެދޮރު ނެތް އާއިލާތަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެ ގޮތަށް ކަމަށެވެ.

• މާލީ ގޮތުން ފުދުންތެރި މީހުންނަށް ވިޔަފާރި އުސޫލުން ހައުސިން ޔުނިޓާއި ގޯތި ގަތުމަށް މަގުފަހިކުރެވޭނެ

• މެދުފަންތީގެ އާއިލާތަކަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަގު ހެޔޮކޮށް ލިބޭ ހައުސިން އަށް ހާއްސަ މަޝްރޫއުތައް ހިންގާނެ

• އަމިއްލަ ބޯހިޔާވަހިކަމެއް ގަތުމުގެ ތަނަވަސްކަން ނެތް މީހުންނަށް ކުލި ދައްކައިގެން މިލްކު ކުރެވޭ ގޮތަށް ބޯހިޔާވަހިކަން ލިބޭނެ

• އެންމެ ފަގީރު ހާލުގައި، ދިރިއުޅޭނެ ތަނެއް ނެތި އުޅޭ އާއިލާތަކަށް ސަރުކާރުން ހަދާ އެސެސްމަންޓެއްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ

އެ ސިޔާސަތާ ގުޅޭ ގޮތުން މިނިސްޓްރީން މިރޭގެ ރަސްމިއްޔާތުގައި ދިން ޕްޒެންޓޭޝަންގައި ބުނީ މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓް ދިނުމަށް ދެ ސްކީމެއް ހިންގާނެ ކަމަށެވެ. އޭގެ ތެރެއިން ހިންގާ މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓް ދިނުމުގެ ސްކީމްގެ ދަށުން ފްލެޓް ދިނުމަށް ދެ ކެޓަގަރީއެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ؛

• އުފަންވީއްސުރެ މާލޭގެ ރަޖިސްޓްރީގައި ޖެހިފައިވާ މީހުން

• މާލޭ ރަށްވެހިންގެ ދަފުތަރުގައި ޖެހިފައިވާ މީހުން

• ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓްރީގައި ޖެހިފައިވާ މީހުން

• މާލޭގައި މެދުނުކެނޑި ދިރިއުޅެމުން އަންނަތާ 15 އަހަރުވެފައިވާ މީހުން

• ދިވެއްސަކަށްވުން

• އުމުރުން 18 އަހަރުވެފައިވުން

• 400 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ބިން ނުވަތަ ގޯތިގެދޮރު މިލްކުވެފައި ނުވުން

• ރިއަލް އެސްޓޭޓް މާކެޓުން ހައުސިން ޔުނިޓެއް ގަނެފައިވުން ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވެ ފައިސާ ދައްކަމުން ނުދިއުން

• ސަރުކާރުން ކުރިން ހިންގާފައިވާ ސްކީމަކުން ބޯހިޔާވަހިކަމެއް ތިމާއަށް ނުވަތަ ފިރިމީހާ/އަނބިމީހާއަށް ކުރިން ލިބިފައި ނެތުން

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގައި ފްލެޓް ދޭނެ ދެ މޮޑެލްއެއް ވެސް ކަނޑައަޅާފައިވެ އެވެ. އެއީ، މާލެ ސަރަހައްދުން އަލަށް ގެދޮރު ގަތުމަށް ބޭނުންވާ މީހުންނަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަގުސަދުގައި މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ތައާރަފުކޮށްފައިވާ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ދަށުން ދެ ގޮތަކަށް ދޭ ފްލެޓެވެ.

މިއީ ޑިވެލޮޕަރުން/އިންވެސްޓަރުން ފައިނޭންސް ކޮށްގެން ބޭންކުތައް މެދުވެރިކޮށް ހިންގާ ހައުސިން މަޝްރޫއުތަކުގެ މޮޑެލް އެވެ. މި މޮޑެލްގެ ދަށުން ފްލެޓަށް ލިބޭނެ މީހުންނަކީ؛

• ފްލެޓަށް އެދި ހުށަހަޅާ މީހަކީ މާލީ އިދާރާއަކުން ދޫކުރާ ހައުސިން ފައިނޭންސް ފެސިލިޓީއަށް ޝަރުތު ހަމަވާ މީހުން

• ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ނުވަތަ މިލްކުކުރުމަށް އެދޭ މީހުން

މިއީ، ބޭންކުތަކުން ފައިނޭންސް ކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކުގެ މޮޑެލް އެވެ. މި މޮޑެލްގެ ދަށުން ފްލެޓް ލިބޭނެ މީހުންނަކީ؛

• މަހަކު 60،000 އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުން

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވި ގޮތުގައި، މިނިސްޓްރީން މިރޭ އިއުލާންކުރި 7،500 ފްލެޓް ދޭނީ "ރެންޓު-ޓު-އޯން މޮޑެލް"ގެ ދަށުންނެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި ޕޮއިންޓް ދޭނީ ވީހާ ވެސް ބޮޑަކަށް ވެރިފައި ކުރެވޭނެ ގޮތަށެވެ. އަދި މައިގަނޑު ގޮތެއްގައި ޕޮއިންޓް ދޭނީ މާލޭގެ ރަށްވެހިކަން ނުވަތަ ދިރިއުޅުނު މުއްދަތާއި އެ އާއިލާގެ ގެދޮރުވެރިކަމުގެ މިލްކުވެރިކަމާއި އުމުރުފުރާ އާއި އާއިލާގެ ހާލަތު ބަލައިގެންނެވެ. އާއިލާގެ ހާލަތު ބެލުމުގައި ދަރިންގެ އަދަދާއި ސިއްހީ ސަބަބުތަކާ ހެދި ދަރިން ނުލިބޭ ނަމަ އެކަމަށް ވެސް ބަލާނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި އިއުލާންކުރައްވާފައިވާ ގޮތުގައި، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން 15،000 ގޯއްޗާއި 7،500 ފްލެޓް ދޫކުރާނެ އެވެ.

ސަރުކާރުން މިހާރު ވަނީ މި ސްކީމްގެ ދަށުން ގޯތި ދިނުމަށް 3،000 ފްލެޓް އަޅަން ގައުމީ ބޭންކް، ބީއެމްއެލްއަށް ހުޅުމާލެ 1 އާއި 2 އަދި ވިލިމާލެއިން ބިން ހަމަޖައްސައި ދީފަ އެވެ.