16 ނޮވެމްބަރ 2025 - 23:03

މާލޭގައި ދިރިއުޅޭ މީހުންނަށް ގޯތި ދޭނެ ދެ ކެޓަގަރީއެއް ކަނޑައަޅައި މި ސަރުކާރުގެ "ބޯހިވާހިކަން އެންމެންނަށް" ސިޔާސަތު އެކުލަވާލައިފި އެވެ.
ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފުތިތާހުކުރީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ސިޔާސަތު ސަރުކާރުގެ ގެޒެޓުގައި މިރޭ އާންމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ސިޔާސަތާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން މިރޭގެ ރަސްމިއްޔާތުގައި ދިން ޕްޒެންޓޭޝަންގައި ބުނީ މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓް ދިނުމަށް ދެ ސްކީމެއް ހިންގާނެ ކަމަށެވެ. އޭގެ ތެރެއިން ހިންގާ މާލޭގައި ދިރިއުޅޭ މީހުންނަށް ގޯތި ދިނުމުގެ ސްކީމްގެ ދަށުން ގޯތި ދިނުމަށް ދެ ކެޓަގަރީއެއް ކަނޑައަޅާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
• އުފަންވީއްސުރެ މާލޭގެ ރަޖިސްޓަރީގައި ޖެހިފައިވާ މީހުން
• މާލޭ ރަށްވެހިންގެ ދަފުތަރުގައި ޖެހިފައިވާ މީހުން
• ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓަރީގައި ޖެހިފައިވާ މީހުން
• ގޯތި ސްކީމަށް އެދެވޭނީ މާލޭގެ ރަށްވެއްސަކަށްވެ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށް
• މާލޭގައި މެދުނުކެނޑި ދިރިއުޅެމުން އަންނަތާ 15 އަހަރުވެފައިވާ މީހުން
• ދިވެއްސަކަށް ވުން
• އުމުރުން 18 އަހަރު ވެފައިވުން
• 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައި ނެތުން
• 400 އަކަފޫޓަށް ވުރެ ކުޑަ ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިވާ ނަމަ އެ ބިމެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވުން
• މައިންބަފައިން ނުވަތަ ވާރުތައިގެ ގޮތުން ނުވަތަ ހިބައިން ބިމެއް ނުވަތަ ބިމުން ބައެއް ލިބިފައި އޮތް ނަމަ ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވުން
• އެއްމެދު ގޯއްޗެއް ރަޖިސްޓަރީ ކޮށްފައިވާ ނަމަ ގޯތި ބަހައިގެން ލިބޭ ބައި ގޯތީގެ ބާކީ ތިބި ފަރާތްތަކަށް ދޫކޮށްލަން އެއްބަސްވުން
• މިދިޔަ ފަސް އަހަރުގެ ތެރޭގައި އަމިއްލަ ނަމުގައި ގޯއްޗެއް ނުވަތަ ހައުސިން ޔުނިޓެއް ނުވަތަ ރޯ ހައުސްއެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެހެން މީހަކަށް ވިއްކައި، ހިބައިން ލިބިފައިވުން ނުވަތަ އެހެން މީހަކަށް ދޫކޮށްލާފައި ނުވުން
• އެއްމެދު އިމާރާތަކުން އަމިއްލަ ނަމުގައި ހައުސިން ޔުނިޓެއް ގަނެފައިވާ މީހަކަށް ނުވުން
• ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާފައިވާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ލިބިފައިވާ ގޯތި އެހެން މީހަކަށް ވިއްކައި، ހިބައިން ދީ، ނުވަތަ ދޫކޮށްލައި ނުވުން
މާލޭގައި ދިރިއުޅޭ މީހުންނަށް ގޯތި ދިނުމުގައި ޕޮއިންޓު ދޭނެ މައިގަނޑު އުސޫލެއް ވެސް ހައުސިން މިނިސްޓްރީން އާންމުކުރި ޕްރެޒެންޓޭޝަންގައި ވެ އެވެ. އެއީ
• މާލޭގެ ރަށްވެހިކަން ނުވަތަ ދިރިއުޅުނު މުއްދަތަށް
• އެ އާއިލާއެއްގެ ގޯތިގެދޮރުގެ މިލްކުވެރިކަމަށް
• އުމުރުފުރާ އަށް
• އާއިލާގެ ހާލަތު (ކުދިންގެ އަދަދު ނުވަތަ ސިއްހީ މައްސަލައަކާ ހެދި ކުދިން ނުލިބޭ ނަމަ އެކަން ފާހަގަކުރުން)
މިނިސްޓްރީން ބުނި ގޮތުގައި، ޕޮއިންޓު ދިނުމަށް ކަނޑައެޅީ ވީހާ ވެސް ބޮޑަށް އެ އާއިލާއެއްގެ މައުލޫމާތު ސައްހަ ނުވަތަ ވެރިފައި ކުރެވޭނެ ފަދަ ގޮތަކަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި އިއުލާން ކުރައްވާފައިވާ ގޮތުގައި، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން 15،000 ގޯއްޗާއި 7،500 ފްލެޓް ދޫކުރާނެ އެވެ.
ހައުސިން މިނިސްޓްރީން މިރޭ ބުނީ އެ ސްކީމްގެ ދަށުން ގޯތި ދޭނީ ރަސްމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދުން ކަމަށެވެ.