16 ނޮވެމްބަރ 2025 - 21:26

ފަލަސްތީނާ ދެކޮޅަށް ރާއްޖޭން ކުޅުނު ދެ މެޗަކީ އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް ކުރިން ނުލިބި އޮތް ފުރުސަތެއް ފަހިވި ދެ މެޗުކަމަށް ރާއްޖޭގެ 17 އަހަރުންދަށުގެ ގައުމީ ޓީމުގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނެފި އެވެ.
އޭއެފްސީ 17 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވުމަށް ފަލަސްތީނުގެ ޓީމުން ރާއްޖޭގައި ކުރިއަށްގެންދާ ޓްރޭނިން ކޭމްޕްގައި އެ ޓީމުން ވަނީ ރާއްޖޭގެ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ކުޅެފަ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ފަލަސްތީނުގެ ޓީމުން ކާމިޔާބު ކުރީ 3-0 ންނެވެ. ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅެ ފަލަސްތީނު މޮޅުވީ 6-0 ންނެވެ.
ސޮބާ ބުނީ ފަލަސްތީނުގެ މެޗަކީ އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް މީގެ ކުރިން ނުލިބިތޮތް ފުރުސަތެއް ފަހިވި ދެ މެޗު ކަމަށެވެ.
އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް މީގެ ކުރިން އެކުވެރިކަމުގެ މެޗުތަކެއް ކުޅޭކަށް ފުރުސަތެއް ނުލިބެ އެވެ.
"އުމުރުފުރާތަކުގެ ޓީމުތަކަށް ވެސް ބޭނުންވާ ފުރުސަތެއް އެއީ. މިއީ ފެށުމެއް ކަމަށް އުއްމީދު ކުރެވޭ،" ފަލަސްތީނުގެ މެޗާ ބެހޭގޮތުން ސޮބާ ބުންޏެވެ.
އޭނާ ބުނީ އެ މެޗުތައް ރާއްޖެއަށް މުހިންމު ވަނީ ކުޅުންތެރިންގެ ވާދަވެރި މެޗުތަކަށް ހޭނުވުމުގެ ގޮތުން ކަމަށެވެ.
"މިކަހަލަ މެޗުތަކަކުން އެ ބިރު ކެނޑޭނީ ވެސް،" ސޮބާ ބުންޏެވެ.
"މުހިންމު އަނެއް ކަމަކީ ކޮންމެ ޓީމަކާ ދެކޮޅަށް ކުޅުނަސް ރާއްޖޭގެ އޯޕަން އެޓޭކިން ގޭމް ކުޅެވޭތޯ ބެލުން. އެކަން އަޅުގަނޑުމެން މި ދަމަހައްޓަނީ ސާފުން [ސާފްގެ 17 އަހަރުންދަށުގެ ޗެމްޕިއަންޝިޕުން] ފެށިގެން."
ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭން ކުޅުނީ ޓީމުގެ އެންމެ މުހިންމު ފޯވާޑް މުހައްމަދު އިލާން އިމްރާން ނުހިމަނަ އެވެ. އުމުރުން 16 އަހަރުގެ އިލާން، ސީނިއާ ޓީމަށް ނަގާފައިވުމުން އޭނާ ހުސްވެ ހުރީ އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސާ ދެކޮޅަށް އަންގާރަ ދުވަހު ކުޅޭ މެޗަށެވެ.
ސޮބާ ބުނީ އިލާންގެ ސްކޫލް އިމްތިހާނެއް ކުރިމަތީގައި އޮތުމުން 17 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވެސް އޭނާ ނުކުޅޭނެ ކަމަށެވެ.
އެ ޓީމުގައި ހިމެނޭ ވެލެންސިއާގެ ފޯވާޑް އައިދު ވެސް އަނިޔާގެ ސަބަބުން ކޮލިފައިން މުބާރާތުގައި ނުކުޅެވޭނެ އެވެ.
އޭއެފްސީ 17 އަހަރުންދަށުގެ ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕްގެ މެޗުތައް ކުޅޭނީ ތައިލެންޑްގަ އެވެ.
ރާއްޖެ އާއި ތައިލެންޑްގެ އިތުރުން އެ ގުރޫޕްގައި ދެން ހިމެނެނީ ކުވައިތާއި ތުރްކްމެނިސްތާން އަދި މޮންގޯލިއާ އެވެ. މުބާރާތް ފަށާނީ އަންނަ އާދިއްތަ ދުވަހު އެވެ.