ސަރުކާރުގެ "ބޯހިވާހިކަން އެންމެންނަށް" ސިޔާސަތު އިފުތިތާހުކޮށްފި
ސަރުކާރުގެ "ބޯހިވާހިކަން އެންމެންނަށް" ސިޔާސަތު އިފުތިތާހުކޮށްފި

މި ސަރުކާރުގެ އެންމެ ބޮޑު ވައުދު ކަމަށްވާ ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު މިރޭ އިފުތިތާހުކޮށްފި އެވެ.

ސަރުކާރުގެ "ބޯހިވާހިކަން އެންމެންނަށް" ސިޔާސަތު އިފުތިތާހުކޮށްފި
ސަރުކާރުގެ "ބޯހިވާހިކަން އެންމެންނަށް" ސިޔާސަތު އިފުތިތާހުކޮށްފި

ހައުސިން މިނިސްޓްރީން ބުނީ ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު ގެޒެޓުގައި މިރޭ އާންމުކުރާނެ ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސިޔާސަތު އިފުތިތާހު ކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

އެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވީ، އެ ސިޔާސަތު ކަނޑައަޅާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ގެދޮރު ބޭނުންވާ 18 އަހަރުން މަތީގެ އެންމެން އޭގައި ޝާމިލުވާނެ ގޮތަށް ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސްގެ ވައުދު ފުއްދުމަށްޓަކާ، ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެވޭނެ އެންމެ އެކަށޭނެ ގޮތް މި ސިޔާސަތު ކަނޑައެޅުމުގައި ބަލާފައި ވާނެ ކަމަށެވެ. އެންމެ ފުރަތަމަ ކަމަކަށް ރާއްޖޭގެ ބޯހިޔާވަހިކަމުގެ ހާލަތު މިހާރު އޮތްގޮތް ވަޒަންކުރުމަށް ކުރި މަސައްކަތުން އެނގުނީ، އެންމެ ބޮޑު އެއް ކަމަކީ ސޯޝަލް ހައުސިން އަށް ކުރިމަތިލާ އާބާދީ އިންތިހާ އަށް ބޮޑުކަން ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ލަގްޒަރީ ފްލެޓްތައް އަޅަމުން އަންނައިރުގައި، އެ ފްލެޓްތަކަށް ޝަރުތު ހަމަވެ، އެ ތަންތަން ލިބެނީ މަދު ބަޔަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ނަތީޖާ އިން ދޭހަކޮށް ދެނީ ވަރަށް ބޮޑު އާބާދީއަކަށް އަޅުގަނޑުމެން އިހުމާލުވެފައިވާކަން. އެއީ ހެޔޮވަރުގެ އާމްދަނީއެއް ލިބޭ ނަމަވެސް އެ މީހުންގެ ދިރިއުމުގެ ކަންކަން ހުރި ގޮތުން ސޭވިންއެއް ނެތި ނުވަތަ ބޭންކް ފައިނޭންސަށް އެކްސެސް ނެތް ވަރަށް ބޮޑު އާބާދީއަކަށް އިހުމާލުވެފައިވާކަން،" ނާޒިމް ވިދާޅުވި އެވެ.

އެހެންވެ، ސޯޝަލް ހައުސިންގެ މަޝްރޫއު އެކަނި ހިންގައިގެން ބޯހިޔާވަހިކަމުގެ މައްސަލަ އަށް ޖުމްލަ ހައްލެއް ނުލިބޭނެ ކަމަށާއި ވަށައިޖެހޭ ހައްލެއް ލިބޭނީ އެކި ފަންތީގެ މީހުންނަށް އަމާޒު ކޮށްގެން ހައުސިން މަޝްރޫއުތައް ހިންގައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ހައުސިން މިނިސްޓްރީން އެކަމާ ގުޅޭ މަޝްވަރާތައް އެންމެ ފުރަތަމަ ކުރީ ރާއްޖޭގެ މާލީ އިދާރާތަކާ އެކުގައި ކަމަށެވެ. އެއީ، ބޭންކުތަކުގެ އިންޓްރެސްޓް ރޭޓު ބޮޑުވުމާއި އިސްލާމިކް ފައިނޭންސްގެ ޕްރޮފިޓް ރޭޓު ބޮޑުވުމުމާއި އިކުއިޓީގެ ރޭޓު ބޮޑުވުން ކަހަލަ ކަންކަމުގެ ސަބަބުން ގެދޮރު ގަންނަން ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތި ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭންކުތަކާ އެކު ކުރި މަޝްވަރާއަށް ފަހު، މިނިސްޓްރީން ދެން މަޝްވަރާތައް ކުރީ މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކުގަ އެވެ.

"ނަތީޖާ ވަރަށް ރަނގަޅު. އެމްއެމްއޭ މަޝްވަރާ ކޮށްގެން އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތުން އެމްއެމްއޭގެ ގާނޫނުން އެ އޮތޯރިޓީ އަށް ލިބޭ އިހުތިޔާރުގެ ދަށުން 'އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް' ބެހޭ ގަވާއިދެއް ގެޒެޓް ކުރެވުނު،" އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުން އަލަށް ގެދޮރު ގަތުމަށް ބޭނުންވާ މީހުންނަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަގުސަދުގައި "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ނަމުގައި ހާއްސަ ސްކީމެއް ތައާރަފުކުރަން ނިންމައި އެކަމާ ބެހޭ އުސޫލު އެމްއެމްއޭ އިން މިދިޔަ މަހު ވަނީ އާންމުކޮށްފަ އެވެ. އަދި ހުރިހާ ބޭންކުތަކުގެ ލޯން ޕޯޓްފޯލިއޯގެ ތެރެއިން 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް އެ ސްކީމަށް ކަނޑައަޅަންވާނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

އެމްއެމްއޭ އިން ވަނީ އެ ސްކީމްގެ ދަށުން ފައިނޭންސިން ފެސިލިޓީތައް ދޫކުރުމުގައި ބޭންކުތަކަށް މައިގަނޑު ދެ ގޮތެއް އިހުތިޔާރު ކުރެވޭނެ ގޮތަށް ހަދައިފަ އެވެ. އެއީ، "ލީސް އެންޑިން ވިތު އޯނަޝިޕް" ނުވަތަ ބޭންކުތަކުން ފައިނޭންސް ކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކުގެ މޮޑެލް އާއި "އެންޑް ޔޫސާ ފައިނޭންސިން އޮޕްޝަން" ނުވަތަ ޑިވެލޮޕަރުން/އިންވެސްޓަރުން ފައިނޭންސް ކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކުގެ މޮޑެލް އެވެ.

އެ ސްކީމްގެ ދަށުން ހިންގާ ފުރަތަމަ ހައުސިން މަޝްރޫއު ހިންގަން ގައުމީ ބޭންކް، ބީއެމްއެލް އިން ވަނީ ނިންމައިފަ އެވެ. "ލީސް އެންޑިން ވިތު އޯނަޝިޕް" އިހުތިޔާރުގެ ދަށުން ބީއެމްއެލް އިން ހިންގާ އެ މަޝްރޫއުގައި ހުޅުމާލެ 1 އާއި 3 އަދި ވިލިމާލޭގައި ޖުމްލަ 3،000 ފްލެޓް އަޅަން ވަނީ ނިންމައިފަ އެވެ. އެ ފްލެޓް އަޅަން ބޭނުންވާ ބިން ސަރުކާރުން މިހާރު ވަނީ ބީއެމްއެލްއާ ހަވާލުކޮށްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި އިއުލާންކުރައްވާފައިވާ ގޮތުގައި، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން 15،000 ގޯއްޗާއި 7،500 ފްލެޓް ދޫކުރާނެ އެވެ.