30 މާޗް 2017 - 19:55

ރާއްޖޭގައި ބޭއްވި ބައިނަލްއަގްވާމީ ފުރަތަމަ ފިރިހެން ވޮލީބޯޅަ މުބާރާތް ކަމަށްވާ އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގެ ފައިނަލުގައި މިއަދު ހަވީރު ތުރުކުމެނިސްތާން ބަލިކޮށް ކިރްގިސްތާން ޗެމްޕިއަންކަން ހޯދައިފި އެވެ.

އެންމެ ފަހުން ބަންގްލަދޭޝްގައި އޮތް އޭވީސީ މުބާރާތުގެ ދެ ވަނަ ހޯދި ކިރްގިސްތާން މިއަދުގެ ފައިނަލުން ތުރުކުމެނިސްތާން ބަލިކުރީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 25-20، 21-25، 25-19 އަދި 25-22 އިންނެވެ.

ތުރުކުމެނިސްތާން މުބާރާތުގެ ފައިނަލުގެ ޖާގަ ޖޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވެގެންނެވެ. އޭގެ ތެރޭގައި ލީގު ބުރުގައި ކިރްގިސްތާން އަތުން މޮޅުވި މެޗު ވެސް ހިމެނެ އެވެ. އެ މެޗުން ކިރްގިސްތާން ދެ ސެޓު ގެންގޮސްފައިވަނިކޮށް ތުރުކުމެނިސްތާން މޮޅުވީ ފަހަތުން އަރައި ތިން ސެޓު ގެންގޮސްގެންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ ކިރްގިސްތާނުންނެވެ. މެޗުގެ ފުރަތަމަ ޕޮއިންޓުން ފެށިގެން ކުރީގައި އޮތް ކިރްގިސްތާނުން ވަނީ މި ސެޓުގައި ލީޑު ހިފަހައްޓައިގެން މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ޓީމަށް މި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ކަންޔެބެކް އޮނޮލްބެކް ވަނީ މި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ސެޓުގައި ވެސް އޭނާގެ ބާރު ޝޮޓުތައް ފެނުނުއިރު، ކިރްގިސްތާނުން މި ސެޓު ގެންދިޔައީ 20-25 އިންނެވެ.
ފުރަތަމަ ސެޓު ކިރްގިސްތާނުން ގެންދިއުމުން ދެ ވަނަ ސެޓުގައި ތުރުކުމެނިސްތާނުން ކުޅުން ވަރުގަދަ ކުރި އެވެ. އަދި ކިރްގިސްތާނަށް މާގިނަ ފުރުސަތުތަކެއް ނުދީ ދެ ވަނަ ސެޓުގައި ލީޑު ދެމެހެއްޓި އެވެ. މި ސެޓުގައި ތުރުކުމެނިސްތާންގެ ރުސްލާން އާޓީކޯވް އާއި ނުރްޔޭވް ޑަވުޓް ރަނގަޅު ކުޅުމެއް ދެއްކި އެވެ. ތުރުކުމެނިސްތާނުން ހަތަރު ޕޮއިންޓު ލީޑެއް ހިފެެހެއްޓި މި ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-21 އިންނެވެ.
ކުރިން މެޗުގައި ތުރުކުމެނިސްތާން ފަހަތުން އަރައި މޮޅުވުމުން ކިރްގިސްތާން ތިން ވަނަ ސެޓަށް ނުކުތީ ވަރަށް ތައްޔާރުވެގެންނެވެ. އެ ޓީމުން ދިޔައީ މެޗު ކުރިއަށްދިޔަ ވަރަކަށް ކުޅުން ރަނގަޅު ކުރަމުންނެވެ. މި ސެޓުގައި ކިރްގިސްތާންގެ އިދްރިސޯވް އެމިލް ވަނީ ރަނގަޅު ޝޮޓުތަކެއް ފޮނުވާލައިފަ އެވެ. ކިރްގިސްތާނުން މި ސެޓު ކާމިޔާބުކުރީ 19-25 އިންނެވެ.
ފަހު ސެޓު ފެށިގެން ތުރުކުމެނިސްތާންގެ ކުޅުން ދަށްވި އެވެ. އޭގެ ފައިދާ ނަގައި ކިރްގިސްތާނުން ހަ ޕޮއިންޓުގެ ލީޑެއް ސެޓުގެ ކުރީކޮޅުގައި ނެގި އެވެ. ތުރުކުމެނިސްތާނަށް ފަހަތުން އަރައި ކިރްގިސްތާނާ އެއްވަރު ނުކުރެވުމުގެ ނަތީޖާ އަކަށްވީ ކިރްގިސްތާން އެ ފޯމުގައި އޮވެ މި ސެޓު ކާމިޔާބު ކުރުމެވެ. މި ސެޓު ކިރްގިސްތާނުން ގެންދިޔައީ 22-25 އިންނެވެ.
ހަތަރު ޓީމު ބައިވެރިވި މި މުބާރާތުގެ ތިން ވަނަ ދިޔައީ ނޭޕާލެވެ. ރާއްޖެ އެންމެ ފުލުގައި އޮވެ މުބާރާތް ނިންމާލީ މެޗަކުން މޮޅެއް ނުލިބި އެވެ.
މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އޭވީސީ ސެންޓްރަލް ޒޯންގެ ޖެނެރަލް ސެކްރެޓަރީ ސުނީލް ދަތު އާއި ކޮމިޝަނާ އޮފް ސްޕޯޓްސް އަހުމަދު ނަޝީދާއި ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް އަދި ވޮލީބޯޅަ އެސޯސިއޭޝަން މުހައްމަދު ލަތީފް އެވެ.
މުބާރާތުގެ އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކަށް ހޮވިފައިވަނީ ކިރްގިސްތާންގެ ޓޮކްޓޮއެވް ނުރްމުހައްމަދަށެވެ. ދެ ވަނަ އަށް އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކަށް ހޮވުނީ ނޭޕާލްގެ މަން ބަހާދުރް ޝްރެސްތާ އެވެ. އެންމެ މޮޅު މިޑްލް ބްލޮކަރަކަށް ތުރުކުމެނިސްތާންގެ ގުލްޔޭވް މިތުން ހޮވުނުއިރު، ދެ ވަނަ އަށް ދިޔައީ އެ ޓީމުގެ ބަހްރަމް ރޮޒްމަޓޯވް އެވެ. އެންމެ މޮޅު ސެޓަރަކީ ކިރްގިސްތާންގެ މުސައެވް އެވެ. އަދި އެންމެ މޮޅު އިދިކޮޅު ކުޅުންތެރިޔާ އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކިރްގިސްތާންގެ އޮނޮލްބެކް އެވެ.
އެންމެ މޮޅު ލިބަރޯ އަކަށް ހޮވުނީ ތުރުމެނިސްތާންގެ އޮވެޒޯވް ގުދުރަތު އެވެ. އަދި 23 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ލިބުނީ ކިރްގިސްތާންގެ އިދްރިސޯވް އެވެ.