16 ނޮވެމްބަރ 2025 - 20:10

މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުގެ ރޭ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކާރެއް ގޮއްވާލައިގެން ހަމަލާ ދިނީ މީހަކު އަމިއްލައަށް މަރުވެގެން ކަމަށާއި އެކަމުގައި އެހީތެރިވި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާއިން ފުރަތަމަ ފަހަރަށް ރަސްމީކޮށް އިއުލާނުކޮށްފި އެވެ.
އިންޑިއާގައި ޓެރަރިޒަމްގެ މައްސަލަތަކަށް ހާއްކޮށްފައިވާ ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އަމިއްލައަށް މަރުވި މީހާ އާއި އޭނާއަށް އެހީތެރިވި މީހާ އަކީ ވެސް ކަޝްމީރުގެ އިންޑިއާ ސަރަހައްދަށް ނިސްބަތްވާ ދެ މީހުން ކަމަށެވެ.
އިންޑިއާގެ ސިޔާސީ ބާރުގެ ރަމްޒެއް ކަމަށްވާ ރެޑް ފޯޓް ސަރަހައްދުގައި ދިން ހަމަލާގެ ތަހުގީގުގައި ކުރިއެރުންތަކެއް ލިބިފައިވާކަން ހާމަކޮށް އެންއައިއޭ އިން ބުނީ ހަމަލާ ދޭން ބޭނުންކުރި ކާރުގެ ވެރި ފަރާތް ކަމަށްވާ އާމިރް ރަޝީދު އަލީ ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ ހަމަލާގައި ބައިވެރިވި މީހެއް ކަމަށެވެ.
އޭނާ ދިއްލީއަށް އައީ ކާރު ގަތުމުގައި އެހީތެރިވާން ކަމަށާއި ކާރު ގަތުމަށް ފަހު، ހަމަލާދޭން އައިއީޑީ ހަރުކޮށް ގޮވާ ގޮތަށް އެ ބަދަލުކުރީ ކަމަށް އެންއައިއޭ އިން ނެރުނު ބަޔާނުގައި ބުންޏެވެ.
ކާރު ގޮއްވާލައިގެން އަމިއްލައަށް މަރުވީ ކަޝްމީރު މީހެއް ކަމަށްވާ އުމަރުއް ނަބީ އެވެ. އޭނާ އަކީ ހަރިޔާނާ ސްޓޭޓްގައި ހުންނަ ޔުނިވަސިޓީއެއްގައި މަސައްކަތްކުރާ ޖެނެރަލް މެޑިސިންގެ އެސިސްޓެންޓް ޕްރޮފެސަރެކެވެ.
ރެޑް ފޯޓްގެ ކާރޫބާރު ބޮޑު މެޓްރޯ ސްޓޭޝަނެއް ކައިރީ ދިން ހަމަލާގައި 12 މީހަކު މަރުވެފައިވާ ކަމަށް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވި އެވެ. އެކަމަކު މީގެ ތެރޭގައި، އަމިއްލައަށް މަރުވެގެން ހަމަލާދިން މީހާ ހިމެނޭ ކަމެއް ނުވަތަ ނޫން ކަމެއް ނުބުނެ އެވެ.
އެކަމަކު އެންއައިއޭގެ ބަޔާނުގައި ބުނީ ހަމަލާގައި މަރުވީ 10 މީހުން ކަމަށާއި 32 މީހަކު ޒަހަމްވި ކަމަށެވެ.
އިންޑިއާއިން މީގެ ކުރިން ވަނީ މިއީ "ގައުމިއްޔަތާ ދެކޮޅު" ބައެއްގެ ފިނޑި އަމަލެއް ކަމަށް ބުނެފަ އެވެ.
މި ހަމަލާ ވެފައިވަނީ މިއީ މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ޕަހަލްގަމްގައި ހިންދޫންގެ 26 މީހުން މަރާލި ހަމަލާއަށް ފަހު އެންމެ ނުރައްކާ ހަމަލާއަށެވެ. ޕަހަލްގަމްގައި ހަމަލާދިނީ ޕާކިސްތާނުން އެހީވެގެން ކަމަށް ބުނެ އިންޑިއާިން ޕާކިސްތާނަށް ހަމަލާ ދިނުމާ އެކު ދެ ގައުމުގެ މެދުގައި ތިން ދުވަހު ހަނގުރާމަ ވެސް ކުރި އެވެ.
އިނގިރޭސީންގެ އަތްދަށުން 1947 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން ކަޝްމީރަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިލްކުވެރިކަމުގެ ބޮޑު އަރާރުމެއް އޮންނަ ތަނެކެވެ. އަދި މިއީ އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން އަބަދު ގޯސްކޮށް އޮންނަ ސަބަބަށް ވަނީ ވެފަ އެވެ. -- އޭއެފްޕީ