16 ނޮވެމްބަރ 2025 - 19:20

ޒެމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒްގައި ރާއްޖޭގެ ހުސައިން ޒަޔާން ޝަހީދު ޒަކީ އާއި ފާތިމަތު ނަބާހާ އަބްދުރައްޒާގްގެ ޕެއާ ޗެމްޕިއަންކަން ހޯދައިފި އެވެ.

ޒެމްބިއާގެ ވެރިރަށް ލޫސަކާގައި މިއަދު ނިންމާލި މުބާރާތުގެ މިކްސްޑް ޑަބަލްސް ފައިނަލުގައި ނަބާހާ އާއި ޒަޔާންއާ ދެކޮޅަށް ނުކުތީ މިސްރުގެ އިއްޒަތު ކަރީމް މަހްމޫދާއި ނޫރު އަހްމަދު ޔޫސްރީގެ ޕެއާއާ ދެކޮޅަށެވެ.

ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ ތަމްސީލު ކުރި ނަބާހާ އާއި ޒަޔާންގެ ޕެއާ މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ސެޓްތައް ގެންދިޔައީ 21-18 އަދި 22-20 ންނެވެ.
މިއީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ މުބާރާތަކުން ނަބާހާ އާއި ޒަޔާންގެ ޕެއާއިން ހޯދި ދެވަނަ ރަން މެޑަލް އެވެ. އަދި ބީޑަބްލިއުއެފްގެ ސީރީޒް މުބާރަތަކުން ރާއްޖޭގެ އެތުލެޓީން ހޯދި ފަސްވަނަ ރަން މެޑަލް އެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުމުގެތެރެއަށް ސަރުކާރުން ވަދެފައިވާ ކަމަށް ބުނެ ބީޑަބްލިއުއެފުން ވަނީ ރާއްޖޭގެ ގައުމީ ޓީމު، އެ ފެޑެރޭޝަންގެ މުބާރާތްތަކުގައި ބައިވެރިވުން މަނާކޮށްފަ އެވެ. ނަމަވެސް ވަކިވަކި އެތުލީޓުން އަމިއްލަ ގޮތުން ބައިވެރިވުމުގައި ވަނީ އިސްތިސްނާކޮށްފަ އެވެ.
އަންހެން ޑަބަލްސް ފައިނަލުގައި ނަބާހާ އާއި އާމިނަތު ނަބާހާ ވަނީ ވާދަކޮށްފަ އެވެ.
ފައިނަލުގައި އެ ދެ ކުޅުންތެރިންނާ ދެކޮޅަށް ކުޅުނީ ދެވަނަ އަށް ސީޑްކޮށްފައިވާ ދެކުނު އެފްރިކާގެ ޕެއާ ކަމަށްވާ އޭމީ އާކަމަން އާއި ޖޯހަނީޓާ ޝޯޓްޒް އެވެ.
އެމީ އާއި ޝޯޓްޒްގެ ޕެއާ މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުން، 21-16 އަދި 21-14 އިންނެވެ.