17 ނޮވެމްބަރ 2025 - 06:27

އެމެރިކާއިން އެންޑޯޒްކޮށްފައިވާ، ޣައްޒާގެ ސުލްހައިގެ ޕްލޭން އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރުމަށް ވޯޓު ނެގުމާ ދިމާކޮށް އިޒްރޭލުން ވެރިން ފަލަސްތީނުގެ ދައުލަތަކާ ދެކޮޅަށް އަޑު އުފުލަން ފަށައިފި އެވެ.
ސަލާމަތީ މަޖިލީހުން ޣައްޒާއާ ބެހޭ ގޮތުން ފާސްކުރަން އުޅޭ ގަރާރުން ސުލްހައިގެ ޕްލޭނަށް އދ.ގެ މެންޑޭޓް ލިބި ސުލްހަ ބެލެހެއްޓުމަށް ވަގުތީ ފައުޖެއް ވެސް ފޮނުވާނެ އެވެ.
އެހެން ގަރާރުތަކާ ހިލާފަށް މި ގަރާރުގައި، މުސްތަގުބަލްގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުން ވެސް ހިމެނެ އެވެ. މިއީ ފަލަސްތީނުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކެބިނެޓް އެކަމާ ވަރަށް ހަރުކަށިކަމާ އެކު ދެކޮޅު ހަދަމުން އަންނަ ކަމެކެވެ.
"އެއްވެސް ސަރަހައްދެއްގައި ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމާ [ދެކޮޅު] ސިޔާސަތަށް އެއްވެސް ބަދަލެއް ނާދޭ،" ކެބިނެޓް ބައްދަލުވުމުގައި ނަތަންޔާހޫ ބުންޏެވެ.
ޣައްޒާގައި އިޒްރޭލުން ލާއިންސާނީ އަމަލުތައް އެންމެ ވަރުގަދަޔަށް ހިންގަމުން ދަނިކޮށް ޔޫރަޕްގެ އެތައް ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުން ނަތަންޔާހޫގެ ހަރުކަށި ކޯލިޝަން މެންބަރުންގެ ނުރުހުން އޭނާއަށް ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ. އޭގެ ތެރެއިން ވެސް ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗްގެ ފާޑުކިޔުން ވަކިން ބޮޑެވެ.
ސްމޮޓްރިޗް އެކްސްގައި ކުރި ޕޯސްޓެއްގައި ފަލަސްތީނުގެ ބިމަކީ "އިޒްރޭލުގެ ބިން" ކަމަށް ސިފަކޮށް އެ ބިމުގައި ދުވަހަކު ވެސް ފަލަސްތީނުގެ ދައުލަތެއް އުފެދިގެން ނާންނާނެ ކަމުގެ މެސެޖު ސާފުކޮށް ދުނިޔެއަށް ދެވޭނެ ފިޔަވަޅެއް އެޅުމަށް ނަތަންޔާހޫއަށް ގޮވާލާފައިވެ އެވެ.
އެހެން ބައެއް ވަޒީރުން ވެސް ހަމަ މި މޭރުމުން ޕޯސްޓުތައް ކޮށްފައިވެ އެވެ. އެކަމަކު އެކަކު ވެސް ޣައްޒާގެ ޕްލޭނާ ބެހޭ ގޮތުން ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅޭ ގަރާރުގެ ވާހަކަ ބުނެފައެއް ނުވެ އެވެ.
ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅޭ ގަރާރާ އެކު، ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ދެ ވަނަ މަރުހަލާ ފެށޭނެ އެވެ.
ފުރަތަމަ ފިޔަވަހީގައި އިޒްރޭލުގެ ދިރިތިބި 20 ރަހީނުން މިނިވަންކުރުމާއި މަރުވެފައިވާ 28 ރަހީނެއްގެ ހަށިތައް އިޒްރޭލާ ހަވާލުކުރުން ހިމެނެ އެވެ. ދިރިތިބި އެންމެން މިހާރު ދޫކޮށްލާފައި ވާއިރު މަރުވި މީހުންގެ ވެސް ހުރިހާ ހަށިތަކެއްހެން ވަނީ ހަވާލުކޮށްފަ އެވެ. ބަދަލުގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ ދެ ހާހެއްގާ ގައިދީން މިނވަންކޮށް 300 މީހެއްގެ ހަށިގަނޑު ހަވާލުކޮށްފަ އެވެ. -- އޭއެފްޕީ