17 ނޮވެމްބަރ 2025 - 06:28

އީރާނުގައި ޔުރޭނިއަމް ފައްކާކުރާ ސިއްރު ނިއުކްލިއާ ފެސިލިޓީއެއް ނުހުންނާނެ ކަމަށާއި ހުރިހާ ފެސިލިޓީއެއް އދ. ގެ ނިއުކްލިއާ އެޖެންސީން މޮނިޓާކުރި ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އީރާނުގެ ނަތަންޒް ފެސިލިޓީ ކައިރީގައި އޮންނަ "ޕިކާސް މައުންޓަން" ނުވަތަ "ކުހް-އޭ ކޮލާންގް" ނަމަކަށް ކިޔާ، ބިމު އަޑީގެ ސިއްރު ނިއުކްލިއާ ސައިޓެއްގައި ނިއުކްލިއާ މަސައްކަތް ހަލުވިކޮށްފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެންނެވެ.
"ހުރިކަން ހާމަ ނުކުރާ ނިއުކްލިއާ ފެސިލިޓީއެއް އީރާނަކު ނުހުންނާނެ. ހުރިހާ ފެސިލިޓީއެއް ރައްކާތެރިކަމާ އެކު ނިއުކްލިއާ އެޖެންސީން މޮނީޓާކުރޭ،" އީރާންގައި ބޭއްވި ފޯރަމެއްގައި އަރަޣްޗީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގައި ނިއުކްލިއާ ފެސިލިޓީތަކަށް ގެއްލުން ވެފައިވާތީ ޔޫރޭނިއަމް ފައްކާކުރުމުގެ މަސައްކަތް މި ވަގުތު ކުރިއަށްނުދާ ކަމަށެވެ.
ޖޫން މަހު މެދުތެރޭގައި އިޒްރޭލުން ވަނީ އީރާންގެ ނިއުކްލިއާ ފެސިލިޓީތަކަށް ކުއްލި ވަރުގަދަ ހަމަލާތަކެއް ދިނެވެ. އަދި 12 ދުވަސް ވަންދެން ދިން ހަމަލާތަކުގައި އެމެރިކާއިން ވެސް ބައިވެރިވެ އީރާންގެ ނިއުކްލިއާ ފެސިލިޓީތަކަށް އެންމެ ބާރުގަދަ ބޮންތަކުން ހަމަލާ ދިނެވެ.
މިދިޔަ އޭޕްރީލް މަހު އީރާނާއި އެމެރިކާއިން ނިއުކްލިއާ މަޝްވަރާތައް އަލުން ފަށައިގެން ކުރިއަށް ގެންދަނިކޮށް އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
އަރަޣްޗީ ވާހަކަ ދައްކަވާފައި މި ވަނީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގެ ބޯޑް އޮފް ގަވަނާސްގެ ބައްދަލުވުމެއް ތާވަލްކޮށްފައި ވަނިކޮށެވެ. އެ އިދާރާއިން ގެންދަނީ އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ޒިޔާރަތްކޮށް އިންސްޕެކްޓްކުރުމުގެ ފުރުސަތު އަލުން ދިނުމަށް އެދެމުންނެވެ.