ތައިލެންޑާއި ދުބާއިއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފުޅާކުރަން ސޮއިކޮށްފި
ތައިލެންޑާއި ދުބާއިއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފުޅާކުރަން ސޮއިކޮށްފި

އެއާ އެމްބިއުލާންސްގެ ހިދުމަތްތައް ތައިލެންޑާއި ދުބާއީ އަށް ފުޅާކުރަން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑު އޭވިއޭޝަނާއެކު މިއަދު ސޮއިކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ހަމްދާން ނަސީރާއި އައިލެންޑު އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދެވެ.

ސަރުކާރުން އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވަނީ މާޗު 1، 2024 ގަ އެވެ. މިހާތަނަށް ސިއްހީ ކުއްލި ހާލަތްތަކުގައި 1،840 މީހުން ވަނީ ފަރުވާ އަށް މާލެ ގެނެސްފަ އެވެ.

މި ވަގުތު އެއާ އެމްބިއުލާންސްގައި ދަތުރުކުރަނީ މާލެ އަށް އެކަންޏެވެ. އެކަމަކު، ސްރީ ލަންކާ އަށް އެ ދަތުރުތައް ފެށުމަށް މަޝްވަރާކޮށް، ގޮތްތަކެއް ނިމިފައިވީ ނަމަވެސް އަދި ސޮއެއް ނުކުރެ އެވެ.

އައިލެންޑް އޭވިއޭޝަންގެ އެމްޑީ އިޔާސް "މިހާރު" އަށް ވިދާޅުވީ މޯލްޑިވިއަންގެ ދައުރަކީ ތައިލެންޑާއި ދުބާއީ އަށް ބަލި މީހަކު ފޮނުވަން ޑޮކްޓަރު ލަފާދީ އަދި އެކަމުގެ ހުރިހާ ހުއްދައެއް ލިބުމުން، އެ ދަތުރުތައް ހަމަޖެއްސުން ކަމަށެވެ.

މިހާރު ވެސް އެއާ އެމްބިއުލާންސްގެ ހިދުމަތް ދެނީ، އާސަންދައިން އެޕްރޫވްކޮށް، ހެލްތު މިނިސްޓްރީގައި އޮންނަ ކޮމެޓީއަކުން ހުއްދަ ލިބުމުންނެވެ.

އެ ދަތުރުތައް ހަމަޖެއްސުމަށް ދުބާއީ އަދި ތައިލެންޑަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދޭ ބޭރުގެ ދެ ފަރާތަކާއެކު އެއްބަސްވުމެއް ވަނީ ހަދައިފަ އެވެ. އޭގެ ތަފްސީލުތައް ފަހުން ހިއްސާކުރާނެ ކަމަށް އިޔާސް ވިދާޅުވި އެވެ.

"މާދަމާ ވެސް ބަލި މީހަކު [ދުބާއީ އާއި ތައިލެންޑަށް] ފޮނުވާލަން ޖެހިއްޖއްޔާ އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެފައި ވަނީ،" އޭނާ ވިދާޅުވި އެވެ.