ހަކުރު ބަލީގެ މީހުން އިތުރުވާތީ ޑައިބެޓީސް ސޮސައިޓީގެ ކަންބޮޑުވުން
ހަކުރު ބަލީގެ މީހުން އިތުރުވާތީ ޑައިބެޓީސް ސޮސައިޓީގެ ކަންބޮޑުވުން

ހަކުރު ބައްޔަށް މަޑުޖެހުމެއް ނައިސް، އެ ބަލީގެ ރިސްކް ބޮޑު މީހުން އިތުރުވަމުން ދާތީ ޑައިބެޓީސް ސޮސައިޓީން ކަންބޮޑުވެއްޖެ އެވެ.

އެ ސޮސައިޓީގެ ޗެއާޕާސަން އައިޝަތު ޝިރުހާނާ ވިދާޅުވީ އެ ޖަމިއްޔާ އިން ހިންގާ ކްލިނިކްގައި މާލެ ސަރަހައްދާއި ކައިރި ރަށްތަކުގައި ދިރިއުޅޭ 2،000 މީހުން ރަޖިސްޓްރީވެފައިވާ ކަމަށެވެ.

އޭގެ ތެރެއިން، ކުޑައިރު ޖެހޭ ޓައިޕް 1ގެ ހަކުރު ބަލި ކުރިއަށް ވުރެ އިތުރުވަމުން އަންނަ ކަމަށާއި އެ ކްލިނިކުން އެކަނި ވެސް 200 އަށް ވުރެ ގިނަ ކުދިން މި ވަގުތު ވެސް ފަރުވާ ހޯދަމުން އަންނަ ކަމަށް ޝިރުހާނާ ވިދާޅުވި އެވެ.

އޭގެ ހަކުރު ބަލި އެންމެ ގިނައީ ކުޑަކުދިންގެ މެދުގަ އެވެ. އެއީ، އިންސިއުލިންއަށް ބަރޯސާވާން ޖެހޭ ވައްތަރުގެ ހަކުރު ބައްޔެވެ. އެ މީހުންގެ ހަށިގަނޑުގައި އިންސިއުލިން އުފައްދައިދެނީ ވަރަށް މަދުންނެވެ. އެހެންވެ، ހަކުރު ކޮންޓްރޯލް ކުރަން އާންމު ގޮތެއްގައި އިންސިއުލިން އިންޖެކްޝަން ފަށަން ޖެހެ އެވެ.

ބޮޑެތި މީހުންނަށް ޖެހޭ ޓައިޕް 2 ގެ ހަކުރު ބައްޔަކީ، ހަށިގަނޑުގައި އިންސިއުލިން އުފައްދައި ދިން ނަމަވެސް ކޮންމެ ވެސް ސަބަބަކާ ހުރެ ސެލްތަކުން އިންސިއުލިން ބޭނުން ނުކުރެވުމެވެ. އެއާއެކު، ހަށިގަނޑުގެ ސެލްތައް އިންސިއުލިންއަށް ރެސިސްޓް ވާގޮތް ވާނެ އެވެ. އަދި ބައެއް މީހުންގެ ހަށިގަނޑުގައި އިންސިއުލިން އުފައްދައި ނުދެ އެވެ.

ޓައިޕް 2 ގެ މީހުންނަށް ބޭސް ދީގެންނާއި ކެއުން ބުއިމަށް ބަދަލުގެނެސްގެން ހަކުރު ކޮންޓްރޯލް ކުރެވެ އެވެ. އަދި އިންސިއުލިން އިންޖެކްޝަން ޖަހަން ޖެހޭ ހާލަތްތައް ވެސް އާދެ އެވެ.

ޝިރުހާނާ ވިދާޅުވީ އާސަންދައިގެ ހިދުމަތް ވެސް ލިބޭ އެ ކްލިނިކުން އެ ހުރިހާ ފަރުވާއެއް ލިބޭ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ހާލަތުތައް ފަސޭހައިން ބަދަލުކުރެވޭ ވަރަށް ކަންކަން ކުރިއަރައިގެން ދިޔަ ނަމަވެސް، ހަކުރު ބަލީގެ ރިސްކު ބޮޑު މީހުން އިތުރުވެ، ފަރުދީ ޒިންމާ އަދާކުރާ މިންވަރު ކުޑަވުމަކީ ކަންބޮޑުވުމެކެވެ.

"ސްކްރީން ކޮށްފައި ވެސް މި ކިޔައިދެނީ ކުރަންޖެހޭ ކަންކަން. އެކަމަކު އެކަމަށް އަމަލުނުކުރަންޏާ ނަތީޖާއެއް ނުފެންނާނެ،" ޝިރުހާނާ ވިދާޅުވި އެވެ.

ޑައިބެޓީސް ސޮސައިޓީން މި ފަހުން ވަނީ މ. ދިއްގަރުގައި ލައިފްސްޓައިލް އިންޓަވެންޝަންގެ ޕްރޮގްރާމެއް ހިންގައިފަ އެވެ. އެއް އަހަރަށް ދެމިގެންދިޔަ އެ ޕްރޮގްރާމްގައި 120 މީހުން ބައިވެރިވި އެވެ.

ހަކުރު ބަލީގައި ރާއްޖޭގައި މި ވަގުތު ތިބި މީހުންގެ ޖުމްލަ އަދަދެއް ނޭނގުނަސް، އެ ޖަމިއްޔާއިން 2021 ވަނަ އަހަރު ހެދި ދިރާސާއިން ދައްކަނީ، އެ ބަލީގެ 10،000 މީހުން ތިބި ކަމަށެވެ.