މުސާރަތައް ބޮޑުކުރުމާ އެކު، އިންފްލޭޝަނާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަންޖެހޭ: އަޒާން
މުސާރަތައް ބޮޑުކުރުމާ އެކު، އިންފްލޭޝަނާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަންޖެހޭ: އަޒާން

ދައުލަތުގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުުކުރާ އިރު އޭގެ ސަބަބުން އިންފްލޭޝަން މައްޗަށް ދާނެ ކަމަށާއި އިންގްފްލޭޝަން ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ ބޮޑު މުސާރައިގެ ފައިދާއެއް ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫމެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން މަރްޒޫގު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ރައްުޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި އަޒާން ވިދާޅުވީ މުސާރަ ބޮޑުކުރުމާ އެކު، އިންފްލޭޝަން މައްޗަށް ދާނެތީ ސަރުކާރުން މިހާރުން ފެށިގެން ތައްޔާރުވާން ޖެހޭ ކަމަށެވެ.

ދައުލަތުގެ މުވައްޒަފުން އިތުރުވެ، މުސާރަ އަށް ކުރަން ޖެހޭ ހަރަދު ބޮޑުވާ މިންވަރު ދަށްކުރަން އާޓިފިޝަލް އިންޓެލިޖެންސް ފަދަ އީޖާދީ ގޮތްތައް ބޭނުންކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭރުން ގިނަ އަދަދަކަށް މުވައްޒަފުން ނުނަގާ އަަޅުގަނޑުމެންނަށް ފަރުޖެއްސިދާނެ. އަންނަ އަހަރަކީ ހަމަ އަޅުގަނޑު މި ދެންނެވި ގޮތަށް މުސާރަ ބޮޑުވާ އަހަރު ކަމުން، މުސާރަ ބޮޑުކުރީމާ ހަމަ އެެއީ ވާކަމެއް އިންފްލޭޝަން މަތިވުން. އިންފްލޭޝަން މަތިވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ،" އަޒާން ވިދާޅުވި އެވެ.

"އެހެންވީމާ މިހާރުއްސުރެ، އިންފްލޭޝަން ބޮޑުވުމާ ދެކޮޅަށް ސަރުކާރުން ކޮންމެވެސް ކަހަލަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ދުރާލައި."

ދައުލަތުގެ ހަރަދުބޮޑުވާ އެހެން ކަންތައްތަކުގެ ތެރޭގައި "ބްލޭންކެޓްކޮށް" ހުރިހާ އެންމެނަށް ދޭ ސަބްސިޑީތައް ހިމެނޭކަން ފާހަގަކުރައްވައި އަޒާން ވިދާޅުވި ގޮތުގައި، މިހާރު އޮތް ސަބްސިޑީ ނިޒާމު ބަދަލުކޮށް، ޓާގެޓެޑް ސަބްސިޑީއަށް ބަދަލުކުރަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އަބަދުވެސް ލަފާދެ އެވެ.

"އަަޅުގަނޑަށް އެނގޭ މިއީ ސިޔާސީ ގޮތުން ކުރަން އެހާ ފަސޭހަކަމަކަށް ނުވާނެކަން. ބަޔަކަށް ދީދީ ހުރި އެއްޗެއް ހުއްޓާލުމަކީ ފަސޭހަކަމެއް ނޫން. އެހެން ނަމަވެސް މިހާރު މިދާ ގޮތަށް ކުރިއަށް ދިއުމަކީ ސަސްޓެއިނަބުލް ކަމެއް ނޫން،" އަޒާން ވިދާޅުވި އެވެ.

ސަރުކާރުގެ ގިނަ މުވައްޒަފުންތަކެއްގެ މުސާރަ އަންނަ އަހަރު އެއްފަހަރާ ބޮޑު ކުރުމުގެ ބަދަލުގައި، އެކަން ކުރަން ވާނީ އެކި ފަހަރު މަތިން ބަހާލައިގެން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދައުލަތުގެ ބަޖެޓަށް ދިން ލަފާގައި ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، އަންނަ އަހަރު އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ކަމަށެވެ. އެކަމަށްޓަކައި ސަރުކާރަށް ދޭ ލަފައަކީ މުސާރަ ބޮޑުކުރުމުގެ ކަންކަން ބަހާލައިގެން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ކުރީއްސުރެ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މަސައްކަތްތައް ކުރެވިގެން މި އަންނަނީ މި އަންނަ އަހަރު އެ މަސައްކަތް ނިންމުމަށްޓަކައި. އެހެން ނަމަވެސް، ބަޖެޓުގައި އެހާ ބޮޑު އިންސައްތައެއް، ގާތްގަނޑަކަށް ތިން ވަރަކަށް ބިލިއަން އިތުރު ވެގެންދާއިރު އަޅުގަނޑުމެންގެ އެންމެ މުހިންމު ލަފައަކަށް ދީފައި އޮންނާނީ އެ ބަހާލައިގެން ކުރިއަށް ގެންދިއުން،" ގަވަރުނަރު ވިދާޅުވި އެވެ.

"އެއްފަހަރާ ހުރިހާ މުސާރައެއް ބޮޑުކުރެވިގެން ދިއުމުން އޭގެ ޕްރެޝަރު އައުން އެކަށީގެންވޭ."

ގަވަރުނަރު ވިދާޅުވީ އެ ބަދަލާ އެކު، ފޮރިން އެކްސްޗޭންޖް މާކެޓުގައި މިހާރު އޮތް ޕްރެޝަރަށް އިތުރު ޕްރެޝަރެއް އަތުވެދާނެ ކަމަށާއި އެކަން އެގޮތަށް ވިޔަ ނުދިނުމަށް، ކަންކަން ކުރަން ޖެހޭ ކަމަށް ގަވަރުނަރު މުނައްވަރު ވިދާޅުވި އެވެ.